Last Updated: June 25, 06:05
Thursday, June 25, 2026
ޚަބަރު

ވިއްސާރާގައި ގެއްލުން ލިބުނު 62 ގެއަކަށް ފައިސާ ދީފި

މި މަހުގެ ކުރީކޮޅު މާލެއަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 62 ގެއަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ފައިސާ ދީފިއެވެ.

62 ގެއަކަށް ފައިސާ ދީފައިވާއިރު، ގެއްލުން ލިބުނު ޖުމްލަ 127 ގެއަކަށް ފައިސާ ދިނުމަށް ވަނީ ނިންމާފައެވެ. ފައިސާ ބެހުމުގެ މަސައްކަތް ފެށީ މިދިޔަ ބުދަ ދުވަހުއެވެ.

ޑިޒާސްޓާ މެނޭޖްމަންޓްގެ ޕްރޮޖެކްޓް މެނޭޖާ ހިސާން ހަސަން ވިދާޅުވީ ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހެޔޮއެދޭ އެކި ފަރާތްތަކުން 1.3 މިލިއަނަށްވުރެ ބޮޑު ފައިސާގެ އަދަދެއް ދީފައިވާ ކަމަށެވެ.

"ފައިސާ ހަވާލުކުރުމުގެ ކަންކަން ކުރިއަށްގެންދާ ގޮތަކީ ގެތައް ގްރޫޕްތަކަކަށް ބަހާލައިގެން، އެ ގެތަކުން ވެރި ފަރާތްތަކަށް ގުޅައި އަދި މިކޮޅަށް ގެންނަން ބުނާ ޑޮކިއުމެންޓުތަކާ އެކީގައި މިކޮޅަށް ހާޒިރުވީމަ، ފުރިހަމަ ކުރަންޖެހޭ މަރުލަހާތައް ފުރިހަމަވީމަ އެ ފަރާތްތަކަށް ފައިސާ ހަވާލުކުރުމުގެ ކަންކަން ކުރިއަށް މި ގެންދަނީ" ހިސާން ވިދާޅުވިއެވެ.

ފައިސާގެ އެހީދޭން ނިންމާފައިވަނީ 127 ގެއަކަށް ކަމަށްވާއިރު އޭގެތެރެއިން އެންމެ ބޮޑު އެހީއެއް ދޭން ކަނޑައަޅާފައިވާ ގެއަށް 45000 ރުފިޔާ ލިބޭނެ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އަދި ޑެމޭޖް އެސެސްމަންޓަށް ބިނާކޮށް ގެއްލުމުގެ 20 ޕަސެންޓާ އެކު ފަންޑަށް ލިބުނު ފައިސާގެ 74 ޕަސެންޓް ގެއްލުން ލިބުނު ގެތަކުގެ ނިސްބަތުން ބަހާނެ ކަމަށާއި ގެއްލުން ލިބުނު ފަރާތްތަކުގެ ގެއްލުމުގެ 94 ފަސެންޓް އެ ފަރާތްތަކަށް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.