އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑުގެ މެނޭޖަރު ކަމުން ޖޯސޭ މޮރީނިއޯ ވަކިކޮށް، ވަގުތީ މެނޭޖަރަކަށް އައްޔަން ކުރި ކުލަބުގެ ކުރީގެ ކުޅުންތެރިޔާ އޮލެ ގަނާ ސޮލްޝާގެ ފުރަތަމަ މެޗުން ޔުނައިޓެޑު ފަސޭހަކަމާއެކު 5-1 އިން ކާޑިފް ސިޓީގެ މައްޗަށް ކުރި ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ފަސް މިނެޓު ތެރޭ ޔުނައިޓެޑުން ލީޑު ނަގާފައިވާއިރު މިގޯލު ޖަހާފައިވަނީ ލިބުނު ހިލޭ ޖެހުމަކުން މާކަސް ރަޝްފޯޑްއެވެ. ޔުނައިޓެޑުން ގެންދިޔައީ މެޗު ފެށުނީއްސުރެ މެޗުގެ ކޮންޓްރޯލް ނަގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ހަމަލާތައް އުފައްދަމުންނެވެ.
ނަތީޖާއަކަށް ވީ 29 ވަނަ މިނެޓުގައި އެންޑަ ހެރޭރާ ދުރުން ގޯލަށް ފޮނުވާލި ބޯޅައެއް ކާޑިފް ކުޅުންތެރިއެއްގެ ގައިގައި ޖެހި ގޯލުގެ ތެރެއަށް ވަދެ ޔުނައިޓެޑުން ލީޑު ފުޅާ ކުރުމެވެ. ކާޑިފް މެޗުގައި ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ 38 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ތެރެއިން މާކަސް ރަޝްފޯޑް އަތުން ޖެއްސި ކަމަށް ނިންމައި ރެފްރީ ޕެނަލްޓީއެއް ދިނުމުން، ކަމަރާސާ ޕެނަލްޓީ ކާމިޔާބުކޮށްގެނެވެ.
ނަމަވެސް ޔުނައިޓެޑުން ވަނީ ތިން މިނެޓު ފަހުން އަނެއްކާވެސް ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕޮގްބާ، ލިންގާޑް އަދި މާޝިއަލްގެ ރީތި ކުޅުމެއް ފެނިގެން ދިއުމަށް ފަހު މިގޯލު ޖަހާފައިވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން މާޝިއަލްއެވެ.
ފަހު ހާފުގައި ވެސް ޔުނައިޓެޑޫ ޓީމުގެ ފަރާތުން ކުރީ ހާފެކޭ އެއް ފަދައިން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ. ޔުނައިޓެޑުގެ ހަތަރު ވަނަ ލަނޑު 55 ވަނަ މިނެޓުގައި ޖެސީ ލިންގާޑް ޕެނަލްޓީ އޭރިޔާ ތެރެއިން ވައްޓާލުމުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ވެސް ހަމަ އޭނާއެވެ.
މެޗު ނިމެން ކައިރިވެފައިވަނިކޮށް ފަސްވަނަ ލަނޑު ވެސް ޖެހީ ލިންގާޑްއެވެ. ޕޮގްބާ އޭރިޔާ ތެރެއިން ލިންގާޑަށް ދިން ބޯޅަ އޭނާ ވަނީ ކީޕަރު ކައިރިވެސް ނައްޓުވާލުމަށް ފަހު ހުސް ގޯލެއްގެ ތެރެއަށް ޖަހާފައެވެ. މިއީ ޕްރިމިއާ ލީގުގައި ސާ އެލެކްސް ފާގަސަން ޔުނައިޓެޑު މެނޭޖަރު ކަމާ ދުރުވި ފަހުން ޔުނައިޓެޑު ޓީމަކުން މެޗެއްގައި 5 ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.