"ނޫން…ބައެއްފަހަރު ހުކުރު ނަމާދަށް ދާން" ލަދުން އިނދެ އާއިން ޖަވާބުދިންއިރު އޭނަގެ އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. ފަރަހަނާޒް ކުރާނެ ކޮންމެ ސުވާލަކަށް ޖަވާބުދޭން ތައްޔާރަށްހުރި ކަމަށް ބުނިއިރު، ފުރަތަމަ ކުރި ސުވާލަށްވެސް އޭނާއަށް ދޭންމިޖެހުނީ އެކުއްޖާ ހިތްނޭދޭފަދަ ޖަވާބެކެވެ.
" ފަރުޟު ފަސްނަމާދު ކުރަން ޖެހޭނެ ކޮންމެ މުސްލިމަކުވެސް…." ފަހަރަނާޒް މަޑުމަޑުން ބުނެލިއެވެ.
" އަހަރެން މަސައްކަތްކުރާނަން….ނާޒް ބުނި ކޮންމެގޮތަކަށް ކަންތައްކުރަންވެސް އަހަރެން މިހުރީ ތައްޔާރަށް…" ވަރަށް ޔަޤީންކަމާއެކު އާއިން ބުނެލިއެވެ.
" އެހެންވިއްޔާ މިހާރުން ފެށިގެން ނަމާދުކުރަންފަށާ!….އަހަރެންގެ ފިރިޔަކަށް ވާންބޭނުން މީހަކީ ފަރުޟު ފަސްނަމާދަށް ރައްކާތެރިވާ މީހަކަށްވާން އަހަރެން ބޭނުން…" ނާޒް އޭނަ ބޭނުންވާގޮތް ހާމަކުރިއެވެ.
" ތީގެމާނައަކީ އަހަރެން ނަމާދުކުރާ މީހަކަށް ވެއްޖެނަމަ ނާޒް އަހަރެންނަށް އާނބަސް ބުނާނަމޭތަ؟…." އާއިން އުފާވެފައި އަހާލިގޮތުން ނާޒްގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.
" ސާޅީސް ދުވަސްވާންދެން އެންމެ ނަމާދެއްވެސް ނާޅާ ނަމާދުކުރޭ!….ސާޅީސްދުވަސްފަހުން އަހަރެން ޖަވާބެއްދޭނަން…އިންޝާ ﷲ" ނާޒް ވަރަށް ލަދުންއިނދެ ބުނެލިއެވެ.
ނާޒްގެ ޝަރުތު އަޑުއިވިފައި އާއިން ހައިރާންވި ނަމަވެސް އުފަލުން އޭނާއަށް ހިނިތުންވެވުނެވެ. ނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭގައި އެހިނިތުންވުން ފިލާ ގޮސް، އެމޫނަށް ކަންބޮޑުވުމުގެ އަސަރުވެރިވެއްޖެއެވެ.
" ސާޅީސް ދުވަސް…އެންމެ ނަމާދެއްވެސް ނާޅާ؟…" ޔަޤީންނުވެފައި އާއިން އަހާލިއެވެ.
" ހޫމް.." ބޯހަލުވާލަމުން ފަރަހަނާޒް ޖަވާބުދިނެވެ.
އެޝަރުތާއިމެދު އާއިންއަށް ވިސްނާލަން މަޖުބޫރުވިއެވެ. ދުލުން އާނއެކޭ ބުނިނަމަވެސް، އޭނާފަދަ މީހަކަށް އެއީ ކުރަން ކިހާ އުނދަގޫކަމެއްކަން އޭނާއަށް އަންދާޒާ ކުރެވުނެވެ. އޭނާއަކީ އެއްއިރެއްގައިވެސް ނަމާދުކޮށް އުޅުނުމީހެއް ނޫނެވެ. ވީއިރު، އެންމެ ނަމާދެއްވެސް ނާޅާ ސާޅީސް ދުވަސްވާންދެން ނަމާދުކުރާނީ ކިހިނެއް ހެއްޔެވެ؟ އެކަންވާނީ އޭނާއަށް އެކަށީގެންވާ ވަރުގެ ރަނގަޅު އަދަބަކަށެވެ. އޭނާ ހީކުރިވަރަށްވުރެ މިއަންހެން ކުއްޖާގެ ވިސްނުންވެސް ރަނގަޅޭ އާއިންގެ ހިތަށްއެރިއެވެ. ސީދާ އިންކާރު ނުކޮށް، ޝަރުތު ކަނޑައެޅި އިރުވެސް، އެކަނޑައެޅީ އޭނާއަށް ނުވާނެހެން ހީވާކަމެއް ބަލައިގެންނެވެ. ނަމަވެސް އޭނާވެސް ދެރަގަބޫލު ކުރާކަށް ބޭނުމެއްނުވެއެވެ.
" އެންމެ ރަނގަޅު….ތިޔަ ޝަރުތު އަހަރެން ގަބޫލުކުރަން….އިރާދަކުރެއްވިއްޔާ ސާޅީސް ދުވަސްފަހުން އަހަރެން ނާޒްއާ ބައްދަލުކުރާނީ ނާޒްއެދޭފަދަ މީހަކަށްވެގެން…" އިރުކޮޅަކު ވިސްނަން އިނުމަށްފަހު އާއިން ވަރަށް ޔަޤީންކަމާ، ވަރުގަދަ އަޒުމާއެކު ޖަވާބުދިނެވެ. އެއަޑު އަހާފައި ފަރަހަނާޒްގެ ހިތުގައި އުފާވެރިކަމުގެ އޮޔެވަރެއް ހިނގާލިއެވެ.
އޭނާވެސް އެދެނީ އާއިން އެފަދަމީހަކަށް ވުމެވެ. އާއިންގެ ސޫރައަށް ބަލާލަން ނުކެރިފައި ހުރިނަމަވެސް، އެފިރިހެންވަންތަ އަޑުވެސް އޭނާގެ ހިތާއި ކުޅެލައިފިއެވެ. ސަހަރޯއެވެ. އެއަޑުގައި އެވަނީ ކޮންފަދަ އަސަރެއް ހެއްޔެވެ؟ އެއަޑާއި އެއްވަރަށް އޭނާގެ ސޫރަވެސް ރީތިވާނޭކަން ގައިމެވެ. އިސްއުފުލައި ހަމަ އެންމެ ފަހަރަކު ނަމަވެސް އާއިންގެ ސޫރައަށް ބަލާލުމަށްއެދި އޭނާގެ ހިތްގޮވަމުން ދިޔައެވެ. އެންމެފަހުން ކެތްނުވެގެން އޭނާ ކުޑަކޮށް އިސްއުފުލާފައި ސިއްރު ސިއްރުން އާއިންއަށް ބަލާލިއެވެ. އާއިންވެސް އިސްޖަހައިގެން އިނދެފައި އިސްއުފުލާލީ ހަމައެވަގުތުއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަވަގުތު ހިނދުކޮޅަކަށް ހުއްޓުން އަރާފައި ދެމީހުނަށްވެސް ތިބެވުނެވެ. ފަހަރަނާޒްގެ ރީތި ދެލޮލާއި ލޯއަމާޒުވުމުން އާއިންގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވިއެވެ. ހަމައެފަދައިން އާއިންގެ ތޫނުބެލުމުގެ ސަބަބުން ފަހަރަނާޒްގެ މުޅިހަށިގަނޑު ފިނިވެގެން ދިޔައެވެ. އެހައިގާތުން އާއިން ބަލަން އިންގޮތުން، ލަދުގަތްވަރުން އަވަސް އަވަހަށް ފަރަހަނާޒަށް އިސްއޮބާލެވުނެވެ.
" އަސްތަޤްފިރުﷲ…. އަސްތަޤްފިރުﷲ…." ހިތާހިތާ ފަރަހަނާޒްއަށް ކިޔާލެވުނެވެ.
ފަހަރަނާޒަށް ވީގޮތްފެނި އާއިން ލާނެގޮތަކަށް ހީލިއެވެ. އެހުރިހާ މަންޒަރެއް ފޯނުގައި ރައްކާކުރަން، ތޫބާހުރީ އެމީހުންނަށް ނުފެންނާނެހެން އޭނާގެ ކޮޓަރީގެ ދޮރުކުޑަކޮށް ހުޅުވާލައިގެންނެވެ. މިކުރެވެނީ ގޯސްކަމެއްކަން އެނގޭއިރުވެސް އޭނާބޭނުންވީ ފަހުން އެމަންޒަރު ފަހަރަނާޒަށް ދެއްކުމަށެވެ. އެމީހުންނަށް ނޭނގި ސިއްރު ސިއްރުން އޭނާ ކޮޓަރިއަށް އައީވެސް އެބޭނުމުގައެވެ.
" އަހަރެން ދެން ދަނީ….އުއްމީދުކުރަން ސާޅީސް ދުވަސްފަހުން އަހަރެންގެ ހިތްއެދޭފަދަ ޖަވާބެއް ލިބޭނެކަމަށް…" އާއިން ސޯފާއިން ތެދުވަމުން ބުނެލިއެވެ. ނަމަވެސް ފަހަރަނާޒް ޖަވާބެއް ނުދިންތާނގައި އިސްއުފުލައި ބަލާލަންވެސް ނުކެރިފައި އެއިން ގޮތަށް އިނީއެވެ.
އާއިން ނުކުމެގެން ދިއުމުން ތޫބާ ދުވެފައި އައިސް ފަރަހަނާޒްގެ ގާތުގައި އިށީނެވެ.
" ސޮރީ…ވަރަށް ގޯސްކަމެއް ކުރެވިއްޖެ….މާފުކޮށްދޭތި އިނގޭ!.." ތޫބާ ކުޑަކުއްޖަކު ފަދައިން މައުސޫމު ގޮތަކަށް ބުނެލިއެވެ.
" ކީއްކުރީ އަނެއްކާ؟…' ފަރަހަނާޒް ކަންބޮޑުވެފައި އަހާލިއެވެ.
" ބަލާބަލަ! މި ކުރިކަމަކީ…" ތޫބާ އޭނާގެ ފޯނުން އާއިންއާއި ފަރަހަނާޒްގެ ފޮޓޯތައް ދައްކާލަމުން ހިނިއައިސްފައި ބުންޏެވެ.
" އޭތް….ކީއްކުރަން ފޮޓޯނެގީ…އޭނައަށް އެނގިއްޖެއާ ރުޅިއަތުވެދާނެ…" ހާސްވެފައި ލަދުގަނެފައި ފަރަހަނާޒް ބުނެލިގޮތުން ތޫބާ ހީލިއެވެ.
" އައްދޭ….ހާދަ އަވަހަށް އޭނަ ރުޅިއަތުވެދާނެތީ ކަންބޮޑު ތިވީ….މިހާރުން ފެށިގެން އޭނަގެ ހުވަފެން ދެކެންފެށީދޯ…" ފުރުސަތުގެ ބޭނުން ހިފައި ތޫބާ ދިމާކޮށްލުމުން ފަރަހަނާޒް ރަނގަޅަށްވެސް ރަކިވިއެވެ.
" ނޫން…އެކަމު ތީ ގޯސްކަމެއް…" ތުން އޫކޮށްލަމުން ފަރަހަނާޒް ބުނެލިއެވެ.
" ގޯސްކަމެއް ވިޔަސް ހެޔޮ…ނާޒްއަށް އޭނައާ ދިމާ ބަލާލަންވެސް ނުކެރިފައިނީމަ އޭނަގެ ފޮޓޯއެއް ނަގައިދިނީނުމި…ދެންވެސް ބަލާބަލަ!…." ފޯނު ދިއްކޮށްލަމުން ތޫބާ ބުނެލިއެވެ.
ފަރަހަނާޒް ވަރަށް ނޫންކަމަށް އިނދެ އާއިންގެ ފޮޓޯއަށް ބަލާލިއެވެ.
" މާޝާ ﷲ…އޭނަގެ އަޑާ އެއްވަރަށް އޭނަވެސް ރީތި…" ފަހަރަނާޒަށް ހިތާހިތުން ކިޔާލެވުނެވެ.
" އޭތް…ދީބަލަ މަވެސް ބަލާލަން…" ތޫބާ ފޯނު އަތުލަމުން ބުންޏެވެ.
" މީނަ ހާދަ ވައްތަރޭ އަރްވިންއާ….ނޫންތަ؟…" ފޮޓޯއަށް ރަނގަޅަށް ބަލާލަމުން ތޫބާ ބުނެލިއެވެ.
" ނޭނގެ…މަށެއް ނުބަލަން އަރްވިންއަކަށް…ތޫއަކަށްނު އެނގޭނީ…" ފަރަހަނާޒް ބުނެލިއެވެ.
" އަސްލުވެސް ވައްތަރޭ….މިތާ އިންއިރު މަށަކަށްވެސް ނުކެރުން ވިއްޔަ ބަލާކަށް…ފޮޓޯއަށް ރަނގަޅަށް ބަލާލީމަ މިއެނގުނީ….އަރްވިންގެ ފޮޓޯއެއް އިންތޯ ބަލާލާނަން އިނގޭ…" ތޫބާ އޭނާގެ ފޯނުގައި އަރްވިންގެ ފޮޓޯއެއް އިންތޯ ހޯދާލިއެވެ.
" އާނ…މީނީ…ބަލާބަލަ! ވައްތަރެއްނޫންތަ؟…" އަރްވިންގެ ފޮޓޯ ދައްކާލަމުން ތޫބާ އަހާލިއެވެ.
" އާނ…ވައްތަރު ހަމަ…އެއާއިލާ މީހެއްތަ މީ؟…ތޫއަށް އެނގެއެއްނު އަރްވިންގެ އާއިލާމީހުން…ނޭނގޭތަ؟…" ފަރަހަނާޒަށްވެސް އާއިންއާއި އަރްވިން ވައްތަރުވުމުން އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
" އަސްލު މަށަކަށް ނޭނގެ އަރްވިންގެ ކޮއްކޮއެއް ހުންނަކަމެއް…މަށަށް އެނގެނީ އޭނަގެ މަންމަ…ދެން މަންމަ ފަރާތު އާއިލާގެ ބައެއްމީހުން އެނގޭ….އެކަމު އޭނަ ކުރިން ދުވަހު ބުނި ހަނދާންވޭތަ ކޮއްކޮއެއްގެ ވާހަކަ…" ހަނދާންކޮށްދޭފަދަ ގޮތަކަށް ތޫބާ ބުންޏެވެ.
" އާނ ބުނި…އެކަމު އަހަރެން ހީކުރީ ތޫއަށް އެނގޭނެ ކަމަށް…." ފަހަރަނާޒް ބުނެލިއެވެ.
" ނޫނޭ…އެދުވަހު އެހެންބުނީމަ އަހަރެންވެސް ހައިރާންވި…ފަހުން އަހާލާނަމޭ ހިތާ ހުއްޓާ ހަނދާން ނެތުނީ….އޭނަ ދުވަހުވެސް ކޮއްކޮއެއްގެ ވާހަކައެއް އަހަރެން ގާތުގައެއް ނުދައްކާ….އެކަމު އާއިން އެއީ އޭނާގެ ކޮއްކޮއަކަށް ވެދާނެދޯ ހަމަ…" ވިސްނާލާފައި ތޫބާ ބުންޏެވެ.
ދެކުދިން އެބަހުސް ކުރަން ތިއްބައި ހާދީ ކޮޓަރިން ނުކުތުމުން އަވަހަށް އެވާހަކަ މެދުކަނޑާލިއެވެ.
" ބައްޕާ ކާންވީނު…" ހިތްއަވަސްވެފައިހުރެ ފަރަހަނާޒަށް ވިސްނާނުލައި ބުނެވުނެވެ.
" ބައްޕަ ދެންމެއެއްނު ކެއީ…ދަރިފުޅު މިހާ އަވަހަށް ހަނދާންނެތުނީތަ؟.." ހާދީ ހީލަމުން ބުނެލުމާއެކު، ފަރަހަނާޒް ރަކިވިއެވެ.
" ބައްޕަ މިއައީ މިބޭސްކާންވީ ގޮތް ނޭނގިގެން…." އަތުގައި އޮތް ބޭސްކާޑު ދައްކާލަމުން ހާދީ ބުނެލިއެވެ. އެވަގުތު ފަރަހަނާޒް ބައްޕައަށް ބޭސްދިނުމަށް އަވަސްވެގައެވެ.
ހާދީގެ ގެއިން އާއިން އެނބުރި އައިއިރު އޭނާގެ އިންތިޒާރުގައި މާޒްއާއި އިޒްޔަން އަދި އުޝާވެސް ތިބީ ކެތްމަދުވެފައެވެ. ގޭތެރެއަށް އާއިން ވަތްއިރު އޭނާގެ މޫނުމަތީގައިވާ އުފާވެރިކަން އެކަކަށްވެސް ސިއްރެއް ނުވިއެވެ.
" މަށަށް ހީވަނީ ބޮޑު ސައެއް ލިބެން އުޅޭހެން….ނޫނީ އަނެއްކާ ލިބުނު ޚަބަރަކުން ހިތާމައިން ބުއްދިފިލާގޮސް މޮޔަވީކީ ނޫންބާ؟…މޮޔައެއްހެން ހެވިފަ މިހުރީ؟…" އާއިން އައިސް ސޯފާގައި އިށީނުމުން އިޒްޔަން ދިމާކޮށްލިއެވެ.
" ހޭއި ބްރޯ…ރަނގަޅުތަ؟…" އާއިންގެ ބުރަކަށީގައި ޖަހާލަމުން މާޒްވެސް ބުނެލިއެވެ.
" ކޮބާ އާން އައީތަ؟…ކޮބާތަ ޚަބަރަކީ؟…" ކޮޓަރިތެރެއިން ނުކުންނަމުން އުޝާ ގޮވާލިއެވެ.
އާއިން ޖަވާބެއްވެސް ނުދީ ހިނިއައިސްފައި އިނެވެ. އެމީހުން ތަޅުވާލަން އޭނަވެސް ބޭނުންވިއެވެ.
" އަހަރެންނަށް ބަލާލީމަ ހީވޭތަ ގޯސްޚަބަރެއް ހިފައިގެން އައިހެން؟…" ފޮނިވެލާފައި އާއިން ބުނެލިއެވެ.
" މާނައަކީ ނާޒް އާނބަސް ބުނީއޭތަ؟…" މާޒް އަވަސް އަވަހަށް އަހާލިއެވެ.
" އެހެންކަމަށް ހީކޮށްލާ!.." ހިނިތުންވަމުން އާއިން ބުނެލިއެވެ.
" ވާވާ…މަރުޙަބާ…މަރުޙަބާ…" އެންމެން އެއްއަޑަކުން ބުނަންފެށިއެވެ.
" ދެން ކޮންއިރަކުން ނިންމަނީ؟…" ހިތް އަވަސްވެފައި އުޝާ ސުވާލުކޮށްލިއެވެ.
" ގާތްގަނޑަކަށް ސާޅީސް ދުވަސްފަހުން…" އާއިން ވިސްނާލާފައި ޖަވާބުދިނެވެ.
" ސާޅީސް ދުވަސް؟…ކީއްވެ ސާޅީސް ދުވަސް؟.." މާޒް ސުވާލުކޮށްލިއެވެ.
" ދެމީހުން ކޮންމެވެސް ވަރަކަށް ދަސްކުރަންވެސް ޖެހޭނެއްނު…" އަސްލު ސަބަބު އޮޅުވާލަމުން އާއިން ޖަވާބުދިނެވެ.
ނަމަވެސް ސާޅީސް ދުވަހަކީ އާއިންގެ ނަފްސު އިސްލާހުކުރުމަށް ދިން މުއްދަތެއްކަން އިޒްޔަންއަށް ވަގުތުން ނަގައިގަނެވުނެވެ.
" ތެދެއް…ދަސްކުރަން ޖެހޭ ވަރަށްގިނަ ކަންކަން ހުންނާނެ…ޕާޓީއަށް ރަނގަޅަށް ތައްޔާރުވެވޭނީވެސް ވަގުތު ލިބިގެންނެއްނު…" އާއިންއާ އެއްބައިވުމުގެ ގޮތުން އިޒްޔަން ބުނެލިއެވެ. އެހެންމީހުންވެސް އެކަމާ އެއްބަސްވިއެވެ.
" ދިގު އިންތިޒާރެއްގެ ނިމުން މިހާ ފޮނިކޮށް އައީތީ ވަރަށް އުފާކުރަން.." މާލެދިއުމަށްޓަކައި އިޒްޔަންގެ ގެއިން ނުކުމެފައި މާޒް ބުނެލިއެވެ.
" ހޫމް…" އާއިން ކުރުގޮތަކަށް ޖަވާބުދިނެވެ.
" ހާދަ ފާޑަކަށް ތިބުނީ…ގޯހެއް އުޅެނީތަ؟.." ޝައްކުގެ ނަޒަރަކުން ބަލާލަމުން މާޒް އަހާލިއެވެ.
" ނޫނޭ…އެއްވެސް ގޯހެއްނެތް…ވަރަށް އުފާވެފަ މިހުރީ….އެނގޭތަ ނާޒްއާ ވާހަކަ ދެއްކުނު މިރޭ…" ސިއްރެއް ބުނެލާފަދައިން އާއިން ބުނެލިއެވެ.
" އެހެންތަ؟…ކީކޭ ނާޒްބުނީ؟…" ކެތްތެރިކަން ކުޑަވެފައި މާޒް އަހާލިއެވެ.
" ނުބުނާނަން…އެއީ ސިއްރެއް…އަހަރެމެން ދެމީހުންގެ އަމިއްލަ ސިއްރެއް…" ހީލަމުން އާއިން ބުނެލިއެވެ.
" ތިދެން ވަރަށް ހެއްވާގޮތެއް….ތިވަރަށް ބުނެފަ ހުއްޓާލީމަ އަހަރެން ހުންނަންވީ މިރޭ ނުނިދިފަ އެކަމާ ވިސްނަން…" ނުރުހުންވެފައި މާޒް ޝަކުވާކޮށްލިއެވެ.
" މާޒްއަށް ނުނިދުން އެއީ އަހަރެންގެ މައްސަލައެއްނޫން…ހަމަގައިމުވެސް މިރޭ އަހަރެންނަށް ވަރަށް ރަނގަޅަށް ނިދޭނެ…." ހިނިތުންވެލަމުން އާއިން ބުނިގޮތުން މާޒްވެސް ހީލާފައި އިތުރު އެއްޗެއް ނުބުންޏެވެ.
*****
އާއިން ގެޔަށް އައިގޮތަށް ފެންވަރައިގެން ނިދަން އޮށޯތެވެ. މިރޭ ގިނައިރު ހޭލޭ ހުންނާކަށް އޭނާ ބޭނުމެއްނުވިއެވެ. މިރެއިން ފެށިގެން އޭނާގެ ހަޔާތުގެ އާބާބެއް ފެށުނީއެވެ. ނާޒް އެދުނުފަދައިން އޭނާ ބޭނުންވަނީ މިރޭ ފަތިސްނަމާދަށް ހޭލާށެވެ. ފޯނު އެލާމަށް ޖައްސާފައި އޭނާ ދެލޯމަރާލިއެވެ. ނިދިނައި ނަމަވެސް ނިދޭތޯ އޭނާ މަސައްކަތްކުރިއެވެ. އިރުކޮޅަކު އެހެން އޮއްވައި އޭނާގެ ފޯނަށް މެސެއްޖެއް އައެވެ. އޭނާ ހިތްއަވަސްވެފައި ބަލާލި ނަމަވެސް އެހާއަވަހަށް އޭނާގެ މޫނަށް ފޫހިކަން ވެރިވިއެވެ.
" އާން ގުޅާބަލަ ޕްލީޒް….މިވަގުތު ބިޒީއެއް ނުވާނެކަން މަށަށް ޔަޤީން….ހަމަ އެންމެ ފަހަރަކު ނަމަވެސް ގުޅާލަބަލަ!…މިސްޔޫ ސޯމަޗް" ސިންގަޕޫރުގެ ނަމްބަރަކުން ކޮށްފައިވާ މެސެޖަކީ ކާކުގެ މެސެޖެއްކަން އޭނާއަށް އެނގެއެވެ.
އޭނާ އެނަމްބަރު ބުލޮކް ކުރަންވެސް ކިތަންމެ ފަހަރަކު ހިތަށްއަރައެވެ. ނަމަވެސް މަސްލަހަތަށްޓަކައި އެކަންކުރަން ނުކެރިފައިހުރީއެވެ. ނަމަވެސް އެނަމްބަރުން އަންނަ ކޮންމެ ކޯލަކަށް ނުވަތަ މެސެޖަކަށްވެސް އޭނާދޭ ޖަވާބަކީ އޭނާ މިވަގުތު "ބިޒީ" ކަމުގައެވެ. އެކޮޅުން ޝަކުވާގެ ކިތަންމެ މެސެޖެއްވެސް އާދެއެވެ. ނަމަވެސް ވަގުތުވީމަ ގުޅާނެކަމަށް ބުނެފައި އޭނާ ހަމަޖައްސާލަނީއެވެ.
" އަހަރެންނަށް އެނގޭ މިވަގުތު އާން ބިޒީ ނުވާނެކަން….ސައުވީސްގަޑިއިރު އެއްވެސް އިންސާނަކު ބިޒީއެއްނުވާނެ….ޕްލީޒް އާން…ހަމަ އެންމެފަހަރަކު އަހަރެންނާ ވާހަކަދައްކާލަބަލަ!….ކީއްވެތަ ތިގޮތަށް ކަންތައް ތިކުރަނީ؟…" އެކޮޅުން ތަކުރާރުކޮށް މެސެޖްތައް އަންނަމުން ދިޔުމުން ފޯނު ސައިލެންޓަށް ލާފައި އޭނާ ދެލޯމަރާލިއެވެ.
މިކަމުން ސަލާމަތްވާނީ ކޮންދުވަހަކުން ބާއޭ އޭނާގެ ހިތަށްއެރިއެވެ. އާއިން ދެލޯމަރައިގެން އޮވެ ފަރަހަނާޒްގެ މަތިން ހަނދާންކުރަން ފެށުމުން އޭނާގެ ހިތަށްވެރިވެފައިވާ ނުތަނަވަސްކަންވެސް އިސާހިތަކު ފިލައިގެން ހިނގައްޖެއެވެ. އެރީތި ދެލޯ އެހާގާތުން ފެނުމުން ހަމަރަނގަޅަށްވެސް އޭނާގެ ހިއްސުތަކަށް އޭގެ އަސަރުކޮށްފިއެވެ. ލަދުރަކި އެބަލާލުމުގައިވަނީ ކޮންފަދަ އަސަރެއްބާއެވެ.
އޭނާގެ އުމުރުން މިވީހާތަނަށް އައިއިރު، އެތައް އަންހެންކުދިންނަކާ އޭނާކަށްވަނީ ބައްދަލުވެފައެވެ. ކިތަންމެ އަންހެންކުދިންނެއްގެ ދަހިވެތި ނަޒަރުތަކުން އޭނާއަށް ބަލާފައިވެއެވެ. ނަމަވެސް ފަހަރަނާޒްގެ ލޮލުގައިވާފަދަ މައުސޫމުކަމެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. އެފަދަ މައުސޫމުކުދިން މިޒަމާނުގައި އުޅޭނެ ކަމަކަށްވެސް ކުރިއަކުން އޭނާއަށް ގަބޫލު ކުރެވިފައެއްވެސް ނެތެވެ. އަންހެންކުދިންގެ ކިބައިގައި ހުންނަންޖެހޭ ލަދުވެތިކަމާއި މަޑުމޮޅިކަންވެސް ޒަމާނާއެއްގޮތަށް ކެރޭކަމާއި ގޮތްކުޑަކަށްވަނީ ބަދަލުވެފައެވެ. ނަމަވެސް އޭނާގެ ނާޒް ކިހާ ތަފާތު ހެއްޔެވެ؟ ކިހާ މައުސޫމު ހެއްޔެވެ؟ ނާޒްގެ ކޮންމެ އަދާއެއް އޭނާއަށް ކަމުދެއެވެ. އެކުއްޖާގެ ކިބައިގައި ދެއްކުންތެރިކަމުގެ އެއްވެސް ކުލައެއް ނެތެވެ. އެހާމެ ސާދާއެވެ. ފަރަހަނާޒްގެ ފޮނި ޚިޔާލުތަކުގައި އޮއްވައި ނިދުނުއިރެއްވެސް އާއިންއަކަށް ނޭނގުނެވެ.
ފަތިހުގެ ހަތަރުގަޑިބައިވުމާއެކު އާއިންގެ ފޯނު އެލާމްވާން ފެށިއެވެ. އާއިން ކަންނެތްކަމާއެކު ލޯހުޅުވާލާފައި ފޯނުގެ އެލާމް ކަނޑާލާފައި ބާލީހުގައި ބައްދާލަމުން އަނެއްކާވެސް އޭނާ ދެލޯމަރާލިއެވެ. އޭގެ ބައިގަޑިއިރުފަހުން އަނެއްކާވެސް ފޯނު އެލާމްވެއްޖެއެވެ. މިފަހަރުވެސް އޭނާ ކަންތައްކުރީ ހަމަ އެފަދައިންނެވެ. އާއިންއަށް ތިންވަނަ ފަހަރަށް ލޯހުޅުވާލަން މަޖުބޫރުވީ އަނެއްކާވެސް ފޯނު އެލާމްވުމުންނެވެ. އޭނާ ގަޑިބަލާލިއިރު، ފަސްގަޑިބައިވީއެވެ. ފޯނުގެއެލާމް ކަނޑާލުމަށްފަހު ދެލޯމަރާލުމާއެކު ކުއްލިއަކަށް އޭނާ ހަނދާންވީ ފަތިސްނަމާދަށް ދާންޖެހޭކަމެވެ. އޭނާ އަވަސް އަވަހަށް އެނދުން ފުންމާލައިގެން ގޮސް ފާޚާނާއަށް ވަނެވެ.
ފަތިހުގެ ފިނިކަމާއެކު، ހޫނުފެނުން ފެންވަރާލުމުން އޭނާގެ ހަށިގަނޑަށް ލިބުނު އަރާމުން ފެންވަރާލަ ވަރާލާ ހުންނަން އޭނާގެ ހިތްއެދުނެވެ. ނަމަވެސް ނަމާދު ވަގުތު ފާއިތުވެދާނެތީ ހިތަށްވެރިވި ބިރުވެރިކަމުން އަވަސްކޮށްލައިގެން އޭނާ ފާޚާނާއިން ނުކުތެވެ. މިސްކިތަށް ދެވުނުއިރު، ނަމާދުކޮށް ނިމިގެން މީހުންތައް މިސްކިތުން ފައިބަނީއެވެ. ޖަމާއަތުގައި ބައިވެރި ނުވެވުނީތީ ދެރަވެފައިހުރެ އޭނާ މިސްކިތަށްވަނެވެ. އެކަނި ނަމާދުކުރަން އޭނާއަށް އެނގޭނެކަމާމެދު ޚުދު އޭނާއަށް ޝައްކެވެ. އެހެންކަމުން އޭނާއާއެކު އެކުގައިހެން މިސްކިތަށްއެރި ބޭބެއަކާއެކުގައި ނަމާދުކުރުމަށް އޭނާ އަވަސްވެގަތެވެ.
ފަތިސްނަމާދު ކުރެވުމުން އޭނާއަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނުކަން އޭނާއަށް އިހުސާސްކުރެވުނެވެ. ޖަމާއަތް ނުލިބުނު ނަމަވެސް، ވަގުތު ފާއިތު ނުވަނީސް ނަމާދު ކުރެވުނީތީ އޭނާހުރީ ނުހަނު އުފަލުންނެވެ. ފަތިހު ތެދުވުމަކީ ކިތަންމެ އުނދަގޫކަމެއް ނަމަވެސް ކުރިޔަށް އޮތް ސާޅީސް ދުވަހު ކޮންމެ ރެއަކު ފަތިސްނަމާދަށް އޭނާ ހޭލާނެއެވެ. އެއީ އޭނާގެ އަޒުމެވެ.
" އަނހާ…ދަރިފުޅު ހާދަ ނުވަގުތެއްގަ ކޮންތާކުން…" ފަތިސްނަމާދުކޮށްގެން ގެޔަށް އައިސްވަތް އާއިންފެނިފައި ކޮފީއެއްބޯން ސިޓިންރޫމުގައި އިން އާޒިމް އަހާލިއެވެ.
" މިއައީ މިސްކިތުން.." ޖެހިލުންވެހުރެ އާއިން ބުނެލިއެވެ.
" ކީކޭ…" އާއިންގެ ޖަވާބު އަޑުއިވުނު ނަމަވެސް ޔަޤީންނުވެފައި އާޒިމަށް އަހާލެވުނެވެ.
" މިއައީ ފަތިސްނަމާދަށް ގޮސްފަ…" އާޒިމްގެ ގާތުގައި އިށީންނަމުން އާއިން ބުނެލިއެވެ.
އާއިންގެ ޖަވާބުން އާޒިމް ހައިރާންވީ ނަމަވެސް އުފާވެސްވިއެވެ. ކުޑައިރުއްސުރެ އާއިން ނަމާދުކުރަން އޭނާއަށް ބާރުއެޅިފައެއް ނުވެއެވެ. ޚުދު އޭނާއަށްވެސް ވަނީ ނަމާދާމެދު ވަރަށްބޮޑަށް ފަރުވާކުޑަކުރެވިފައެވެ. މުސްކުޅިވީފަހުން މިހާރު އޭނާ ކުރިޔަށްވުރެ ބޮޑަށް ނަމާދަށް އިސްކަންދޭން ފެށިއެވެ.
" ދަރިފުޅު ކޮފީއެއް ބޯންވީނު…." ލޯތްބާއެކު އާޒިމް ބުނެލުމުން އާއިން ބޯޖަހާލިއެވެ.
" ޒާހިދާ އާއިންއަށް ކޮފީއެއް ހަދާބަލަ!" ބަދިގެބައިގައި އުޅޭ ޒާހިދާއަށް ގޮވާލަމުން އާޒިމް އެދުދެނެވެ.
" ނޫނޭ ބައްޕާ….އަހަރެން އަމިއްލައަށް ކޮފީ ހަދާލަފާނަން.." އާއިން ސޯފާއިން ތެދުވަމުން ބުނެލިއެވެ.
އާޒިމްވެސް އިތުރު އެއްޗެއް ނުބުނީ އާއިންގެ ގޮތް އެނގޭތީއެވެ. ޒާހިދާ ކޮފީ ތައްޔާރުކުރަން އުޅެނިކޮށް އާއިން ގޮސް އަމިއްލައަށް ކޮފީއެއް ގިރާލައިގެން ސިޓިންރޫމަށް ނުކުތެވެ. އެހެންކަމުން ޒާހިދާވެސް ކޮފީގިރުން ދޫކޮށްލާފައި އެހެން މަސައްކަތަކަށް އެނބުރިލިއެވެ. އާއިންގެ އެ ދުރުހިލޭކަމުން އޭނާ ދެރަވިނަމަވެސް، އެކަމަށް އޭނާވަނީ މިހާރު އާދަވެފައެވެ. އާއިން އޭނާއާމެދު ނުރުހުންވީނަމަވެސް، އޭނާގެ ހިތުގައި އާއިންއާމެދު ކުޑަވެސް ނުރުހުންތެރިކަމެއް ނެތެވެ. އޭނާދެކެނީ ޚުދު އޭނާގެ އުފަންދަރިއެއްގެ ގޮތުގައެވެ. ކޮންމެވެސް ދުވަހަކުން އާއިންގެ ހިތް އޭނާއަށްޓަކައި ހެޔޮވޭތޯ އޭނާ އަބަދުވެސް ދުޢާ ކުރެއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އާއިން، އޭނާ ބުނިފަދައިން ނާޒްގެ ޝަރުތާއި އެއްގޮތަށް އަމަލުކުރުމަށްޓަކައި މަސައްކަތް ކުރަމުން ދިޔައެވެ. ކޮންމެ ނަމާދު ވަގުތަކަށް ހަނދާންކޮށްދޭފަދަ ސޮފްޓްވެއާއެއް އޭނާގެ ފޯނަށް އެޅިއެވެ. އޭނާ ކޮންމެތާކު އުޅުނަސް ފޯނުން ބަންގިގޮވުމުން ނަމާދު ވަގުތު ހަނދާންވެއެވެ. ކޮންމެ ނަމާދު ވަގުތަކު އޭނާ ކުރަންހުންނަ މަސައްކަތްތައް ދޫކޮށްލާފައި ދިއުމަކީ އޭނާއަށް ހީކުރިހައި ފަސޭހަ ކަމަކަށްނުވިއެވެ. ކުރީގައި އެގޮތަށް އާދަވެފައި ނެތުމުން އަދިވެސް، އޭނާގެ މަސައްކަތުގެ ތާވަލް ބެހިފައިވަނީ ނަމާދު ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތިއެވެ. އެހެންކަމުން އޭނާގެ ބައްދަލުވުމެއްގެ މެދުތެރެއިންވެސް ނަމާދު ވަގުތެއް އަތުވެދާނެއެވެ. އެފަދަ ވަގުތު ތަކުގައި ބައްދަލުވުންތައް ދޫކޮށްފައި ދިއުމަކީ ފަސޭހަކަމަކަށް ނުވެއެވެ.
އެކަމާމެދު އާއިން ފުންކޮށް ވިސްނިއެވެ. އެހެންހުރިހާ ކަމަކަށްވުރެ ނަމާދު ވަގުތަށް އިސްކަން ދީގެން މެނުވީ އޭނާއަށް ވަގުތުން ވަގުތަށް ނަމާދު ކުރެވޭކަށް ނެތެވެ. އެހެންކަމުން އޮފީހުގެ ހުރިހާ ބައްދަލުވުންތަކާއި އެހެނިހެން މުހިއްމު ހަރަކާތްތައްވެސް ނަމާދު ވަގުތު ތަކާއި ފުށުނާރާނެގޮތަކަށް އޭނާ ރޭވިއެވެ. އޭގެ އިތުރުން ރައްޓެހިންގެ ގާތުގައި ކޮފީއެއްގައި އިންދައި ނަމާދު ވަގުތުވީނަމަވެސް، ލަސްނުކޮށް ނަމާދު ކުރުމަށް އޭނާ އިސްކަންދޭންފެށިއެވެ. އާއިންގެ މިޒާޖަށް މިއައި ކުއްލި ބަދަލުގެ ސަބަބުން އޭނާއާއެކީގައި އުޅޭ ހުރިހާ އެންމެންވެސް ހައިރާންވިއެވެ. ޚާއްސަކޮށް މާޒްއެވެ.
" މިހާރު ހާދަ ދީންވެރި ވެއްޖެއޭ…." އެއްދުވަހު އާއިންއަށް ޖެއްސުމުގެ ރާގެއްގައި މާޒް ބުނެލިއެވެ.
" މައްސަލައެއްތަ؟" އާދައިގެ ގޮތަކަށް އާއިން އަހާލިއެވެ.
" ނޫނޭ….އެހެންޏާ ނޫޅޭގޮތަކަށް އުޅޭތީ…." މާޒް ބުނެލިއެވެ.
" ރަނގަޅުގޮތް ފެނުނީމަ އެގޮތަކަށް އުޅެންވީނު….މާޒްވެސް އުޅެންވީ….އަހަރެމެން ދުނިޔޭގަ އުޅޭއިރު އަބަދު އެއްގޮތަކަށް ނޫންދޯ އުޅެން ޖެހޭނީ…އެމީހެއްގެ ދިރިއުޅުމަށް ގެންނާނެ ބަދަލެއް އެނގޭނީ އެމީހަކަށް….ކޮންމެކަމަކަށްވެސް ޒިންމާވާނީ އެމީހަކު އަމިއްލައަށް…" އާއިން ބެލީ ވީހާވެސް އާދައިގެ ގޮތަކަށް އެވާހަކަ ނިންމާލެވޭތޯއެވެ.
އާއިންގެ މިޒާޖަށް އައި ރަނގަޅު ބަދަލުގެ އަސްލަކީ ކޮބައިކަން ނޭނގުނު ނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެކަން، އާޒިމްއަށް އެނގުނެވެ. އޭނާގެ ދަރިފުޅަށް އެފަދަ ބޮޑުބަދަލެއް އައީތީ އޭނާ އުފާކުރި ނަމަވެސް އެކަމުގެ އަސްލު ހޯދަންވެސް އޭނާހުރީ ބޭނުންވެއެވެ. ނަމަވެސް ސީދާ އެވާހަކަ އަހާކަށްވެސް އޭނާއަކަށް ނުކެރުނެވެ.
އާއިން އޭނާގެ އާދައިގެމަތިން ފަރަހަނާޒް އުޅޭ ނޫޅޭގޮތް ބަލަމުން ފަސްފަހަތުން މުގޯލި އަޅަމުން ދެއެވެ. މިއަދަކީވެސް ފަރަހަނާޒްއާ ތޫބާ ޤުރުއާނާބެހޭ މަރުކަޒުގެ ލައިބްރަކީއަށް ދިޔަ ދުވަހެކެވެ. އާއިންވެސް އެމީހުނަށް ނޭނގޭނެހެން ލައިބްރަރީއަށް ވަދެ ފޮތެއްނަގައިގެން ތަންކޮޅެއް ދުރުގައި އިނެވެ. ތޫބާއާއި ފަރަހަނާޒް ފޮތްކިޔަން ތިބެފައި އެހެންފޮތެއް ހޯދާލުމުގެ ބޭނުމުގައި ފަރަހަނާޒް ތެދުވިއެވެ. ހަރުގަނޑަކަށްފަހު ހަރުގަނޑެއް ބަލަމުންގޮސް އާއިން އިންދިމާއަށް އޭނާ މިސްރާބު ޖެހިއެވެ. އާއިންއަށް އެމަންޒަރު ފެނުމުން އަވަސް އަވަހަށް މޭޒުމަތީގައި އޮތް ފޮތްނަގާފައި އޭނާގެ މޫނު ނިވާކޮށްލިއެވެ.
އެވަގުތު ފަރަހަނާޒަށް ބަލާލެވުނުގޮތަކުން އެމަންޒަރު ފެނުނެވެ. އެއީ ކާކުކަން ނޭނގުނު ނަމަވެސް އެމީހަކު އޭނާއަށް ފިލަން އުޅޭހެން އޭނާއަށް ހީވިއެވެ. އެއީ އަނެއްކާ ކާކުބާއޭ ހިތަށް އަރާހާލުގައި މަޑުމަޑުން އެފޮތް ހަރުގަޑާއި ކައިރިވިއެވެ. އޭނާ ހޯދަން ބޭނުންވީ ފޮތް އޭނާގެ ލޮލުގައި އަޅައިގަތެވެ. ފަރަހަނާޒް އެފޮތް ނަގައިގެން ހިނގައިގަތް ވަގުތު އާއިންއިން މޭޒުމަތީގައި އެއްބައި ބޭރަށްވާގޮތަށް އޮތްފޮތެއްގައި އޭނާގެ ހެދުމުން އެޅިފައި ވެއްޓުނެވެ.
" ސޮރީ…" ފޮތްނަގައި މޭޒުމަތީގައި ބާއްވަމުން މަޑުމައިތިރި ކަމާއެކު ފަރަހަނާޒް ބުނެލިއެވެ.
އެވަގުތު އާއިންއަށް ބޭއިޚްތިޔާރުގައި އޭނާހިފަހައްޓައިގެން އިން ފޮތްތިރިކޮށްލެވުނެވެ. ފަރަހަނާޒަށް އާއިންގެ މޫނު ފެނުމާއެކު ސިހޭގޮތްވިއެވެ. އަދި ޔަޤީންކަމެއްނެތް ގޮތެއްގައި ބަލަން އިރުކޮޅަކު ހުރެވުނެވެ. ފަރަހަނާޒް ހައިރާންވެގެން ބަލަންހުއްޓައި އާއިން ހީލިގޮތުން ހޭވެރިކަން ވެގެން އަވަސް އަވަހަށް އެތަނުން ދިއުމަށް އޭނާ ހިނގައިގަތެވެ. އެތާ އެއިނީ އާއިންކަމާމެދު އޭނާއަށް ޝައްކުވީނަމަވެސް ފަސްއެނބުރި ބަލާލާކަށްވެސް ނުކެރުނެވެ.
" ކިހިނެއްވީ؟…ބިރެއް ފެނުނީތަ؟.." ފަރަހަނާޒް އައިގޮތުން ހައިރާންވެފައި ތޫބާ އަހާލިއެވެ.
" ނޫން…ކަމެއްނުވޭ…" އޭނާ ގެނައިފޮތް ހުޅުވާލަމުން އަވަސް އަވަހަށް ބުނެލިއެވެ.
ފަރަހަނާޒަށް އާއިން ފެނިއްޖެކަން ޔަޤީންވުމުން އޭނާ ފޮތްތިރިކޮށްލައިގެން ފަރަހަނާޒަށް ބަލަން ހިނިތުންވެފައި އިނެވެ. އެއީ އާއިންތޯ ޔަޤީންކޮށްލުމަށްޓަކައި އެންމެ ފަހަރަކު ނަމަވެސް ބަލާލުމަށް އޭނާގެ ހިތް ބުންޏެވެ. އެހެންކަމުން ތޫބާއަށް ނޭނގޭނެހެން ސިއްރު ސިއްރުން އާއިން އިން މޭޒާދިމާއަށް އޭނާ ބަލާލިއެވެ. އާއިން އެއިން ގޮތަށް ކަޅިޖަހާނުލައި ފަރަހަނާޒަށް ބަލަންއިން މަންޒަރުފެނުމާއެކީ އޭނާގެ މެޔަށް ފިނިވެގެން ދިޔައެވެ. އަވަސް އަވަހަށް ފޮތުން މޫނުނިވާކޮށްލެވުނެވެ. އެއީ ހަމަ އާއިންއެވެ. އެކަމަކު އޭނާ މިތާކުރަނީ ކީއްބާއެވެ. އާއިން އެގޮތަށް ފަރަހަނާޒަށް ބަލަންއިންކަން އެނގޭތީ އޭނާއަށް ފޮތްކިޔަން އުނދަގޫވަމުން ދިޔައެވެ.
" ތޫ…ދާކަށް ނުވޭތަ؟.." އާއިންގެ ސަބަބުން ފޮތްކިޔުން ކުރިޔަށް ނުގެންދެވިގެން ފަހަރަނާޒް ބުންޏެވެ.
" މިތަންކޮޅު ލިޔެލާފައި ދާނަމޭ…..އިހަށް މަޑުކޮށްބަލަ!…" ތޫބާ އެއިންގޮތަށް އިނދެ ބުނެލިއެވެ.
އެހެންގޮތެއް ނެތުމުން ފަރަހަނާޒް އަނެއްކާވެސް ފޮތްކިޔޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އާއިން ބަލަންއިން މަންޒަރު ހިތަށް ސިފަވާވަރުން އެންމެ އަކުރެއްވެސް ކިޔޭގޮތެއް ނުވިއެވެ. އާއިންގެ ސަބަބުން ފަހަރަނާޒަށް އުނދަގޫވާހެން ހީވުމުން އޭނާ އެތަނުން ތެދުވިއެވެ. އަދި އެމީހުނަށް ނުފެންނަ ހިސާބަކަށް ގޮސް މަޑުކޮށްލިއެވެ. ފަރަހަނާޒް އެތައް އިރަކު އިސްޖަހައިގެން އިނދެފައި އެންމެފަހުން އިސްއުފުލާ ސިއްރު ސިއްރުން ބަލާލިއެވެ. އާއިން ފެންނަން ނެތުމުން ބޭއިޚްތިޔާރުގައި އޭނާއަށް ވަށައިގެން ހޯދާލެވުނެވެ. ފޮތްހަނރުގަނޑެއް ބިއްދޮށުގައި ދެފޮތްދޭތެރެއިން އެމަންޒަރު ބަލަންހުރި އާއިންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ފަރަހަނާޒްމެން އެތަނުން ދާންދެން ފިލާހުރެފައި އޭނާ ލައިބްރަރީއިން ނުކުތެވެ.
*****
އޭގެފަހުން ކޮންމެ ދުވަހަކު ލައިބްރަކީއަށް ގޮސްފައި ބޭއިޚްތިޔާރުގައި އާއިން ފެނޭތޯ ފަރަހަނާޒަށް ހޯދާލެވެއެވެ. އާއިންވެސް އޭނާ އެތަނަށް އަންނަކަން އަންގާލުމަށްޓަކައި ފެންނަ ހިސާބުގައި އިނދެއެވެ. އެއްދުވަހަކު އާއިން ފޮތެއްނަގައިގެން އިންދައި ފަހަރަނާޒް އެދިމާއަށް އަންނާތީ ފެނުނެވެ. އާއިން އެތާއިންކަން އެނގިހުރެ ފަރަހަނާޒް އެދިމާއަށް އަންނާތީ އޭނާ އިނީ ހައިރާންވެފައެވެ. ކޮންމެވެސް ފޮތެއްނަގަން އަންނަނީކަމުގައި ހީކޮށްފައި އިންދައި، ފަހަރަނާޒް އައިސް އޭނާގެ މޭޒުކައިރިއަށް ހުއްޓުނެވެ. އަދި ބަހެއްވެސް ނުބުނެ މޭޒުމަތީގައި ފޮތެއްބާއްވާފައި މަޑުކޮށްލުމެއްވެސް ނެތި އެނބުރި ހިނގައްޖެއެވެ. އާއިންއަށް ހައިރާންވެފައި ފަރަހަނާޒް ދިޔަމަންޒަރު ބަލަން އިނދެވުނެވެ. ފަރަހަނާޒް ދިއުމުން އޭނާ ބޭއްވިފޮތަށް އާއިން ބާލާލިއެވެ. އެއީ ނަމާދާއި ބެހޭގޮތުން އިނގިރޭސިބަހުން ލިޔެފައިވާ ފޮތެކެވެ. ފަރަހަނާޒްގެ އިޝާރާތް ދޭހަވުމުން އާއިން އެފޮތަށް ނެގިއެވެ.
އެފޮތުގެ ބޯކަންފެނިފައިވެސް އާއިންއަށް އާހްގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ނަމަވެސް ފަރަހަނާޒް ދިނީތީ އޭނާ އެފޮތްކިޔަން ކިޔޭތޯ މަސައްކަތްކުރިއެވެ. ފޮތުގެ ގަނޑަކަށްފަހު ގަނޑެއް ކިޔަމުން ދިޔަވަރަކަށް ނަމާދުގެ މުހިއްމުކަމާއި މާތްކަން އޭނާގެ ހިތަށް ތަސައްވަރުވަމުން ދިޔައެވެ. ނަމާދުގެ ފުރިހަމަ ހަދިޔާ އަހަރެމެންގެ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަށް ލިބިގެން ދިޔަ މިޢުރާޖުގެ ހާދިސާ އޭނާ ޝައުޤުވެރިކަމާއެކު ކިޔަމުން ދިޔައެވެ. މިއުއްމަތުގެ މައްޗަށް ނަމާދު ފަރުޟު ކުރެވުނީ، އެއްވެސް މެދުވެރިޔަކުނެތި ސީދާ ﷲގެ ހަޟްރަތުން އައިވަޙީ ބަސްފުޅުގެ ޒަރީއާއިންކަން އޭނާއަށް މިއެނގުނީ އަދި ކިރިޔާއެވެ. ދީނީ އަހުލުވެރިކަމެއްނެތް ތަނަކުން ތަޢުލީމު ހާސިލްކޮށްފައި ވުމުން އެވަރުގެ ޢިލްމެއްވެސް އޭނާގެ ނެތެވެ. މިޢުރާޖްގެ ހާދިސާ ޚިޔާލަށް ގެނުވުމާއި އެކީ އޭނާގެ ގައިން ހީބިނެގިއެވެ. ﷲ ގެ އޯގާވަންތަ ކަމުގެ ބޮޑުކަމާއެވެ.
ދުވާލެއްގެ މައްޗަށް އަހަރެމެން މިކުރާ ފަސްނަމާދަކީ ފަންސާސް ނަމާދުގެ ޘަވާބު ލިބޭ އަޅުކަމެއްކަން އެނގުމުން އޭނާއަށް އެކަމާއިމެދު ފުންކޮށް ވިސްނާލަން މަޖުބޫރުވިއެވެ. މިޢުރާޖުގެ ރޭގައި އަހަރެމެންގެ މައްޗަށް ފަންސާސް ނަމާދު ބާވައިލެއްވުނުނަމަ އަދި ފަންސާސް ނަމާދު އެގޮތަށް ކުރަންޖެހުނުނަމަ، އަހަރެމެންގެ ހާލަކީ ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ. މިއުޅެނީ އެންމެ ފަސްނަމާދުކުރުންވެސް ބުރައަކަށް ވެގެންނެވެ.
އެފޮތް ކިޔަމުން ދިޔަވަރަކަށް، އިސްލާމުދީނުގައި ނަމާދަށްޓަކައި ދެވިފައިވާ އަހަމިއްޔަތު އެނގި ފަހުމް ވަމުން ދިޔައެވެ. ފޮތުގެ ކޮންމެ ސަފްހާއަކުން، އޭނާއަށް ކުރިން ނޭނގޭ ކިތައްމެ ކަމެއް އެނގެމުން ދިޔައެވެ. ނަމާދާއިމެދު ހިތުގައި ޝައުޤުވެރިކަންވެސް އިތުރުވަމުންދިޔައެވެ. ނަމާދު އެޅުމަކީ ކިހާ ނުބައި ފާފަވެރި އަމަލެއްކަންވެސް އޭނާއަށް އެނގުނު ހިނދު، މިހުރިހާ ދުވަސްވާންދެން އެނަމާދަށް ފަރުވާކުޑަ ކުރެވިފައިވީތީ އިންތިހާއަށް އޭނާ ދެރަވިއެވެ. އަދި ނަމާދު އަޅާމީހުންނަށް ހުރި އަޒާބު އެނގުމުން ހިތަށް ބިރުވެރިކަން ވަނދެ އޭނާގެ ލޯފެންކަޅިވީ އިޚްތިޔާރަކާއި ނުލައެވެ. ފަރަހަނާޒްގެ ޝަރުތާއި އެއްގޮތަށް އޭނާ ނަމާދުކުރަން ފެށިނަމަވެސް، ދެން ދުވަހަކުވެސް ނަމާދު ނޭޅުމަށް އޭނާ ހިތާހިތުން އަޒުމް ކަނޑައެޅިއެވެ.
ނަމާދުގެ އަހުލުވެރިންނަށް ދުނިޔެއާއި އާޚިރަތުގައިހުރި ޡަވާބާއި ދަރުމަ އެނގުމުން އާއިން ހައިރާންވިއެވެ. އާއިންފޮތަށް ގެއްލިފައި އިންވަރުން ފަރަހަނާޒްމެން ލައިބްރަރީއިން ނުކުމެގެން ދިޔައިރުވެސް އޭނާއަށް ރޭކާނުލިއެވެ. އޭނާއަށް ހޭވެރިކަންވީ އަސުރުނަމާދުގެ ބަންގީގެ އަޑަށެވެ. އޭނާ ފޮތްލައްޕާލުމަށްފަހު ނަމާދަށް ދިއުމަށްޓަކައި އަވަސްވެގަތެވެ.
ނުނިމޭ