Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލަރ އަކަށް ހަނަފީ އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެގޮތުން ރައީސް އޮފީހުން ބުނީ އެ މަޤާމަށް ރައީސް ސޯލިހު މިއަދު އައްޔަންކުރައްވާފައި ވަނީ، މ. ސުހްރާ މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) ކަމަށެވެ. އޭނާ މި މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓްގެ ފެންވަރުގައެވެ.

މުޙައްމަދު އަޙްމަދު ޙުސައިނަށް މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އާ އިމިގްރޭޝަން ކޮންޓްރޯލާއަކު މިއައު އައްޔަންކުރެއްވިއިރު، އެ މަޤާމުގައި ކުރިން ހުންނެވި މުހައްމަދު އަންވަރު ވަނީ މަޤާމުން އިސްތިއުފާދެއްވައިފަ އެވެ.

މި މަޤާމަށް އަލަށް އައްޔަން ކުރެވުނު މުޙައްމަދު އަޙްމަދު ޙުސައިނަކީ އަކީ މީގެ ކުރިން އަލްބަޓްރޮސް އިންޓަނަލްނޭޝަނަލްގެ ސީއީއޯގެ މަގާމާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑައިރެކްޓާ އޮފް ސޭލްސްގެ މަގާމާއި ހައިޕް މީޑިއާގެ ސީއީއޯކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ސިންގަޕޫރުގެ ޓީއެމްސީ އެކަޑެމީގައި ޑިޕްލޮމާ އިން ބިޒްނަސް އާއި ހަޔަ ޑިޕްލޮމާ ހާސިލްކުރެއްވުމަށްފަހު އެ އެކަޑަމީން ހިންގި، ޔުނިވަރސިޓީ އޮފް ގްރީންވިޗްގެ ހޮނާސް ޑިގްރީ ކޯސް ވެސް ފުރިހަމަ ކުރައްވައިފަ އެވެ. މީގެ އިތުރުން، ހަނަފީ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓް އިންގްލެންޑުން، އިންޓަނޭޝަނަލް އިން މެނޭޖުމަންޓުން މާސްޓަރސް ޑިގްރީއެއް ވެސް ހާސިލްކުރައްވައިފަ އެވެ.