އިންޑޮނީޝިއާގެ ޕަންޑެލަންގެ، ދެކުނު ލަމްޕުންގ އަދި ސެރަންގް ގެ ހިސާބުތަކަށް އެރި ސުނާމީ އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޮޑޯ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް ސޯލިހުގެ މެސެޖުގައި، އިންޑޮނީޝިއާ އަށް ސުނާމީއެއް އަރައި، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ގެދޮރާއި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައި ވެއެވެ.
ރައީސްގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
އަދި މި ޙާދިޘާއިން އަރައިގަތުމަށްޓަކައި އެޤައުމުގެ ސަރުކާރުން ކުރާ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގައި، ހަލުވިކޮށް ކުރިއަށްދިއުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.