Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ރައީސް ސޯލިހު، ސައުދި އަރަބިއާގެ ރަސްގެފާނަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި

ސައުދި އަރަބިއާގެ ރަސްގެފާނުގެ ބޭބޭފުޅު، ހިޒް ހައިނެސް ޕްރިންސް ތަލާލް ބިން އަބްދުލްއަޒީޒް އަލް-ސައުދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސައުދި އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައުދު އަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސް ސޯލިހުގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ޕްރިންސް ތަލާލް އަކީ ސައުދީ ރަސްކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، އެމަނިކުފާނު އަވަހާރަވުމަކީ ސައުދީ ރަސްކަމަށް ލިބިގެންދާނެ ފުން ހިތާމައެއްކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.

އަދި ރައީސްގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ހިޒް ހައިނެސް ޕްރިންސް އަލް ވަލީދު ބިލް ތަލާލް އާއި، މުޅި ސައުދީ ޝާހީ އާއިލާއަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.