Last Updated: April 24, 23:11
Wednesday, April 24, 2024
ތާރީޚް

މީދޫގެ ތާރީޚީ ލިޔުންތަކުގެ ސައްހަކަން

ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެރަށެއްގެ ގަދީމީ ތާރީޚުގެ ކޮންމެވެސް ވަރެއް ލިޔެ ރައްކާތެރިކަމާއެކު ޖީލަކަށްފަހު ޖީލަކަށް ނަގުލު ކުރުމުގެ ފަޚުރު ލިބިފައިވާ ހަމަ އެކަނި ރަށަކީ އައްޑުއަތޮޅު މީދޫއޭ ދެންނެވުމަކީ ދިވެހި ތާރީޚަށް ވެވޭ ބޭއިންސާފެއްކަމަށް އަޅުގަނޑު ނުދެކެމެވެ. އެއީ މީދޫގެ ތާރީޚަކީ އެރަށުގެ އަހުލުވެރީން މާތްވެގެންވާ އިސްލާމްދީން ގަބޫލު ކުރީއްސުރެ މެދުކެނޑުމެއްނެތި ލިޔެވެމުން އައިސްފައިވާ ތާރީޚަކަށް ވާތީއެވެ.

މިތާރީޚު މިގޮތަށް ލިޔެވި ރައްކާކުރެވެމުން އައިސްފައި އޮތުމުގެ އެންމެބޮޑު ސިއްރަކީ މީދޫއަކީ އެރަށުގެ އަހުލުވެރީން އިސްލާމްދީން ގަބޫލު ކުރީއްސުރެ ހިޖުރައިން 1340 ވަނައަހަރު އައްސުލްތާން މުހައްމަދު ޝަމްސުއްދީން-3 ގެ ރަސްކަމުގައި މީދޫގެ ވަގުފު ފަތްތައް ސަރުކާރަށް ނަންގަވައި ހިޖްރައިން 1344 ވަނަ އަހަރު މީދޫގައި ބަންޑާރަ ސިއްކަޖެހުމާއި ރަށް ބަންޑާރަކުރެވުމާ ހަމަޔަށްވެސް ވަގުފު ރަށެއްގެ ގޮތުގައި ދެމި އޮތް ރަށަކަށް ވާތީ އޭގެ ބެލެނިވެރީން ކޮންމެ ދުވަސްވަރެއްގައިވެސް އައްޔަންވެ އެނގިތިބުންކަމުގައި ބެލިދާނެއެވެ. މިކަން މިގޮތަށް ބެލެވެނީ މިތާރީޚުގައި ބޮޑަށް މީހުންގެ ނަސަބާއި ހަސަބު ލިއުމަށް އިސްކަންދީ އޭގެ މައްޗަށް އަލި އަޅުވާލެވިފައިވާތީއެވެ.

ކުރީންވެސް ދެންނެވިފަދައިން މީދޫގެ ތާރީޚު ލިޔާން ފެށިފައިވަނީ މީދޫގެ ރައްޔިތުން މާތްވެގެންވާ އިސްލާމްދީން ގަބޫލުކޮށް އެދީނަށް ވަނުމުގެ ޝަރަފު ލިބިގަތް ދުވަސްވަރުން ފެށިގެންނެވެ. މިހިސާބުން ފެށިގެން ލިޔެވެމުން ރައްކާކުރެވެމުން ޖީލަކަށްފަހު ޖީލަކަށް ނަގުލުވަމުންއައި މިތާރީޚު ފޮތް ތާނަ އަކުރުން އެންމެ ފުރަތަމަ ލިޔުއްވީ ކުދުރަނިޔަގެ ކުދު އެދުރުތަކުރުފާނުގެ ނަމުން މަޝްހޫރުވެފައިވާ އައްޑޫ ބަންޑާރަނާއިބު މުހައްމަދު ތަކުރުފާނެވެ.

މި މުހައްމަދު ތަކުރުފާނަކީ އަލްގާޒީ މުހައްމަދު މުހިއްބުއްދީނުގެ މަންމާގެ ބައްޕައެވެ. އައްޑޫ ބަންޑާރަނާއިބު ތަކުރުފާނުގެ ދަރިކަނބަލުން ޢާއިޝާ މަނިކެއާ އަލްގާޒީ ހަސަން ތާޖުއްދީނުގެ ޚަތީބު އަހުމަދު މުހުއްޔިއްދީނުގެ އަލްގާޒީ އިބްރާހިމް ސިރާޖުއްދީނުއާ ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި އެއްދަރިކަލަކީ އަލްގާޒީ މުހައްމަދު މުހިއްބުއްދީނެވެ. ދިވެސް އަކުރުން ލިޔެވިފައިއޮތް އައްޑޫ މީދޫގެ ތާރީޚު ރާއްޖޭގައި މިހާރު ބޭނުންކުރެވޭ ތާނައަކުރަށް މި މުހައްމަދު ތަކުރުފާނު ލިޔުއްވީ ހިޖްރައިން 1100 ވަނަ އަހަރުގެ ތެރޭގައެވެ.

މިގޮތުން ބަލާއިރު ފުނަދޫ ޚަތީބުގެ ނަމުން މަޝްހޫރު ވެފައިވާ އައްޑޫ މީދޫ އައްޝައިޚް އަލްފަގީހު މުހައްމަދު ސިރާޖުއްދީނުގެ ދަރިވަރު ހައްދުންމަތީ ގަމު ރައްބޭގެ ދަރިކަލުން އަލްގާޒީ ހަސަން ތާޖުއްދީނު އަރަބިބަހުން ލިޔުއްވަން ފެއްޓެވި ދިވެހި ތާރީޚު ފޮތް ފަހުން ތާނަ އަކުރުން ރާއްޖޭގައި ލިޔެވުމަށްވުރެ ވެސް ތާނަ އަކުރުން ތާރީޚު ލިޔުމުގައި އައްޑޫ މީދޫގެ ތާރީޚު ފޮތް މާދޮށްޓެވެ.

ކޮންމެއަކަސް “އިސްމީދޫ” ހަސްތީ އަމުނަމުން ސިފަކޮށް ދެމުންއައި މިދޮށީ ތާރީޚު ފޮތް ކުދުރަނިޔަގެ ކުދު އެދުރުކަލޭގެފާނު ލިޔުއްވިތާ ގަރުނެއްހައިދުވަސް ފާއިތުވެދިޔަ ފަހުން އެފޮތް “ފަރަނަ” ވެ ކަތުރު ފަނީގެ ޝިކާރައަކަށް ބަދަލުވެދާނެ ކަމުގެ ބިރު ހީވާންފެށުމުން އައްޝައިޚު އަލްމަރްހޫމް ހުސައިން ސަލާހުއްދީނުގެ އެދުރު އައްޑޫ މީދޫ އައިސާދަރި އަލްހާފިޒު އިބްރާހިމް (ދޮންބެއްޔާ)ގެ ދަރިކަލުން އައްޝައިޚު އަޙްމަދު ދީދީ މިފޮތުގެ ނަކަލެއް ލިޔުއްވިއެވެ. އެއީ ހިޖްރައިން 1300 ވަނަ އަހަރުގެ ތެރޭގައެވެ. މިފޮތް ދެފަހަރެއްގެ މަތީން ލިޔެވުނެވެ. އައްޑޫ މީދޫ ކުދުރަނިޔަގެ މުހައްމަދު މަނިކުފާނާއި ހައްވާރަނިޔަގެ މޫސާމަނިކާ އާއި ދެބެއިކަލުން މިފޮތް ލިއުއްވިއެވެ. ކުދުރަނިޔަގެ މުހައްމަދު މަނިކުފާނު ލިޔުއްވި ފޮތް މިހާރު ވީތަނެއް އަޅުގަނޑަކަށް ނޭގެއެވެ. ނަމަވެސް ހައްވާރަނިޔަގެ މޫސާމަނިކާ (ރެކި މަނިކާ) ލިޔުއްވި ފޮތް މީދޫ ސަންލައިޓް މުހައްމަދު އިސްމާއީލްގެ އަތުގައި މިހާރުވެސް ފެންނާން އެބައޮތެވެ. އަދިހަމައެހެންމެ އައިސާދަރު ދޮންބެއްޔާގެ އަހުމަދު ދީދީ ލިޔުއްވި ފޮތްވެސް މީދޫ އަލިވާގޭ އަލްއުސްތާޒު އަބްދުﷲ ސައީދުގެ އަތްޕުޅުގައި އެބައޮތެވެ.

މިގޮތްގޮތުން ބަލާއިރު އައްޑޫ މީދޫއަކީ އެރަށުގެ ވަކި މުސްތަގިއްލު ތާރީޚެއް އޮވެފައި އެތާރީޚު ރައްކާކޮށް ވާރުތަކުރުމުގެ ޝަރަފު ލިބިގެންވާ ރަށެއްކަން ސާބިތުވެއެވެ. މިތާރީޚުގެ ސައްހަކަމާމެދު ޝައްކުކުރެވޭނެ ޖާގައެއްވެސް ނެތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ލިޔުންތެރީން ދިވެހި ތާރީޚުގެ މުހިއްމުކަން ފާހަގަކުރައްވައި އެބޭފުޅުންނަށް އެތަންތާގެ މަހާނަ ގަލުންނާއި އަދި އެނޫންވެސް ގޮތްގޮތުން ހޯއްދެވުނު ދަރިފަސްކޮޅުގެ މައުލޫމާތު އެއްކުރައްވައި ލިޔުއްވި ތާރީޚީ ލިޔުންތަކަށް ބަލާއިރު އެލިޔުންތަކާއި މީދޫގެ ތާރީޚީ ލިޔުންތަކާއި މުޅީން އެއްގޮތްވެއެވެ. ރާއްޖޭގެ ތާރީޚަށް މީސްތަކުން ހޭލުންތެރިވެ ރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި ލިޔުންތެރީން ގަލަން ނެންގެވި ހިސާބުންފެށިގެން ލިޔެވުނު ލިޔުންތައް މީދޫގެ ތާރީޚީ ލިޔުންތަކާއި އެއްގޮތްވެ ސައްހަވީއިރު މީދޫގެ ތާރީޚުގައި އޭގެކުރީން ލިޔެވެމުންއައި ލިޔުންތަކާއިމެދު ބައެއްގެ ނުވަތަ މީހެއްގެ ހިތުގައި ކުޑަވެސް ޝައްކެއް އުފެދެންވީ އެއްވެސް ސަބަބެއްނެތެވެ. މީދޫގެ މިތާރީޚުގެ ސައްހަކަމުގެ މައްޗަށް ރާއްޖޭގެ އެކިއެކި ގަބްރުސްތާނު ތަކުގައްޔާއި އަދި ޚާއްސަކޮށް ރާއްޖޭގައި އޮތް އެންމެ ގަދީމީ އަދި އެންމެ އާސާރީ ގަބްރުސްތާނު ކަމަށްވާ މީދޫ ކޯގަންނު ގަބްރުސްތާނުގެ ގާތަކުން މިހާރުވެސް ފެންނަ ގަދީމީ ލިޔުންތައް އޭގެ ހާލުގެ ދުލުން އެބަ ހެކިދެއެވެ.

އެހެންކަމުން މީދޫގެ ތާރީޚީ ލިޔުންތަކުގެ ސައްހަކަން ދެނެގަތުމަކީ މިއަދު މާދަތިކަމެއް ނޫނެވެ. އެކަމަށް ބޭނުންވަނީ ހަމައެކަނި ތައައްސުބެއް ނެތް ހިތަކާއި ދިރާސީ ސިކުނޑިއަކާއި ތޫނު ކަންފަތެކެވެ.

ނޯޓް: (މި ލިއުމަކީ މީދޫ ސްކޫލަށް 50 އަހަރު ފުރުނު ގޯލްޑަން ޖުބިލީ ފޮތަށް އައްޝައިޙް އަބްދުﷲ ހާނީ ލިއުއްވި ލިއުއްވުމެއް އިތުރަށް މުޠާލިއާ ކުރުމަށް ފަހު މީދޫ.ކޮމް އިން ނަގާފައިވާ ލިއުމެއް)