Last Updated: June 8, 15:03
Monday, June 8, 2026
ދުނިޔެ

އިންޑޮނީޝިޔާ ސުނާމީ: މަރުވި މީހުންގެ އަދަދު 220 އަށް އަރައިފި

AFP/Getty Images

އިންޑޮނީޝިޔާއަށް ރޭ އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 220 އަށް އަރައި، އަނިޔާވި މީހުންގެ އަދަދު 843 އަރާފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ސުންޑާ ސްޓްރެއިޓްއަށް އެރި މި ސުނާމީގައި ކައިރި ރަށްތަކާއި، އަވަށްތައް އަދި ރިސޯޓުތައް ރާޅު އަރައި މީހުން މަރުވެ، ގެއްލިފައިވެއެވެ. އަދި އެތައް ސަތޭކަ ގެއަކާއި އިމާރާތެއް ވެސް ވަނީ ބިމާ ހަމަވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސުނާމީ އުފެދިފައިވަނީ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުންނެވެ. ސައިންސްވެރިން އަންނަނީ ސުނާމީ އެރި ސަބަބު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރިސޯޓުތަކަށް ރާޅު އަރައި ބައެއް ފަތުރުވެރިން ވެސް މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނިފައިވާއިރު ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އޮފިޝަލުން އަންނަނީ ކުރަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިންޑޮނީޝިޔާއަށް ދިމާވި ހިތާމަވެރި ދަނޑިވަޅުގައި އެގައުމަށް ތައުޒިޔާ ފޮނުވާފައެވެ.