Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ދެވަނަ ޓާމުން ފެށިގެން ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދެނީ

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގުރާމްގެ ނަތީޖާ އަށް ބެލުމަށްފަހު، މި ފެށޭ ދިރާސީ އާ އަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގުރާމަށް އާއްމުންގެ ޚިޔާލު ހޯދުމަށް މިރޭ ބޭއްވި ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ހުރިހާ ދަރިވަރުންނަށްވެސް ފޯރުކޮށްދޭނީ ރައްކާތެރި ނާސްތާއެއް ކަމަށާއި، އެކަން މޮނިޓަރ ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށްދާއިރު ދަރިވަރުން ޢަމަލުކުރާ ގޮތްވެސް ބައްލަވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިރޭ ކުރިއަށްގެންދިޔަ ފޯރަމްގައި އާއްމުން ވަނީ ދަރިވަރުންނަށް ދެވޭ ނާސްތާގެ ސާފުތާހިރުކަން ކަށަވަރުކުރުމުގެ މުހިންމުކަމާއި، ނަސްތާ ކުރުމަށް ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުން ފެށުމުގެ ގޮތުން މިހާތަނަށް އެޑިއުކޭޝަން މިނިސްޓްރީ ވަނީ، ދިރާސީ އައު އަހަރު ފެށޭއިރު ހެނދުނުގެ ނާސްތާ ދޭނެ 25 ސްކޫލެއް އިއުލާންކޮށްފައެވެ. އޭގެތެރެއިން ގިނަ ސްކޫލުތަކުން މިހާރު ވަނީ ނާސްތާ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.

ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ފޯރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށްވާއިރު އެކަމަށްޓަކާ އަންނަ އަހަރު 50 މިލިއަން ރުފިޔާ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އަދި 2020 އަހަރާއި 2021 ވަނަ އަހަރަށް ލަފާކޮށްފައިވަނީ 264 މިލިއަން ރުފިޔާ އެކަމަށް ހަރަދުވާނެ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ މަހުގެ 13 ވަނަ ދުވަހު ފެށޭއިރު ހެނދުނުގެ ނާސްތާ އެންމެ ފުރަތަމަ ދިނުމަށް ނިންމާފައިވަނީ 25 ސްކޫލެއްގެ ދަރިވަރުންނަށް ނަމަވެސް އަމާޒަކީ ރާއްޖޭގެ 212 ސްކޫލަކަށް ހެނދުނުގެ ނާސްތާ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ވިދާޅުވިއެވެ.