Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އެމްޓީޑީ އިފްތިތާޙްކުރުމުގެ ޖަލްސާ މާދަމޭ ރޭ

އެމްޓީޑީ އަށް ލިޔުން ހަވާލުކުރަނީ - ފޮޓޯ: އެމްޓީޑީ

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފެއްދުމަށް ބާއްވާ ފުރަތަމަ ޖަލްސާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

އެމްޓީޑީގެ ފުރަތަމަ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގެ ތެރޭގައި ދީފައިވާއިރު، މި ޖަލްސާ އޮންނާނީ މާދަމާ ރޭ 21:00 ގައި ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.

އެމްޓީޑީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި 3333 މީހުންގެ ފޯމާއެކު ޕާޓީ ރަޖިސްޓްރީ ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. އެމްޓީޑީ އުފެއްދުމަށް އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްއެވެ.

ސިޔާސީ ޕާޓީތަކުގެ ޤަވާއިދުގެ އަށް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ޕާޓީއެއް ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެޕާޓީއަކަށް ސޮއިކޮށްފައިވާ މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާ ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށެވެ.

ބެލެވޭ ގޮތުގައި މި ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާނެ އެއް ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ޕާޓީއަށް ސޮއިކުރި އެންމެ ފުރަތަމަ މީހަކީ ވެސް އަދީބެވެ.

އެމްޓީޑީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.