Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ސަލްމާން އަލީ: އެންމެން ސިއްސުވާލި ހިތްގައިމު އަޑުގެ ވެރިއެއް

ސަލްމާން އަލީ

އެތައް މިލިއަން މީހުންގެ ސަޕޯޓާއެކު އިންޑިއަން އައިޑަލް ސީޒަން 10 ކާމިޔާބު ކޮށްފައިވާ އުމުރުން 19 އަހަރުގެ ސަލްމާން އަލީ އަކީ ވަރަށް ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. ބަރުދަނުގައި 58 ކިލޯ ހުރި އިސްކޮޅުން 5 ފޫޓު 5 އިންޗި ހުރި މި ޒުވާނާ ވަނީ އޭނާގެ ހިތްގައިމު އަޑުން އެތައް މިލިއަން މީހުންގެ ހިތް ފަތަހަ ކޮށްފައެވެ.

އުމުރުން އެންމެ 7 އަހަރުގައި ލަވަ ކިޔަން ފެށި ސަލްމާންގެ އާއިލާ އާމްދަނީ ހޯދުމަށް ކާބައިންގެ ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތަކީ އެކިއެކި ހަފްލާގައި ލަވަ ކިޔުމެވެ. ސަލްމާން ލަވަކިޔުމުގެ ދާއިރާއަށް ވަނީ އާއިލާގެ ތެރެއިންނެވެ. 16 ވަރަކަށް މެމްބަރުން އެކުގައި ދިރިއުޅޭ އާއިލާގެ ބަނޑުފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރާ ހަމަ އެކަނި މީހަކީ ސަލްމާންއެވެ. އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ސަލްމާން ވަނީ އޭނާގެ ކިޔެވުން ވަކި ހިސާބަކުން ދޫކޮށްލާފައެވެ. އެގޮތުން އޭނާ ކިޔަވާފައި ވަނީ ގްރޭޑް 9 އާއި ހަމައަށެވެ. އޭގެ ފަހުން ކިޔެވުމުގެ ނަސީބެއް އޭނާއަށް ލިބިފައެއް ނެތެވެ. އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ މީވަޓް ޑިސްޓްރިކްޓަށް އުފަންވެފައިވާ ސަލްމާން މަޝްހޫރުވެފައި ވަނީ ހައިޕިޗް ލަވަކިޔާ މީހެއްގެ ގޮތުންނެވެ. ހުރިހާ ވައްތަރެއްގެ ލަވަކިޔާ މި ލަވަކިޔުންތެރިޔާ އެންމެ ކިޔާ ހިތްވަނީ ސޫފީ ލަވަކަމަށް އޭނާ ބުނެއެވެ.

އުމުރުން 13 އަހަރުގައި ސަލްމާން ވަނީ ޒީޓީވީއިން 2011 ވަނަ އަހަރު ދެއްކި ސާރޭގާމާޕާ ލިޓްލް ޗޭމްޕްސްގައި ބައިވެރިވެފައެވެ. އެ ވަގުތު އޭނާގެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން އޮޑިޝަނަށް ދިއްލީއަށް ދާނެ ފައިިސާއެއް ވެސް އޭނާ އަތުގައި ނެތެވެ. އެހެން ކަމުން އޮޑިޝަނަށް ދިއްލީއަށް ދިޔުމަށްޓަކާ ސަލްމާން އާއި އެހީތެރިވެދިނީ އޭނާގެ އެކުވެރިއެއް ކަމަށްވާ މަނޯހަރް ޝަރްމާ އެވެ. ދިއްލީއަށް ގޮސް އޮޑިޝަނުގައި ބައިވެރިވެ "ސަޖްދާ" ލަވަ ކިޔާ ސަލްމާން ވަނީ އެތަނުގައި ތިބި ތިން ފަނޑިޔާރުން ކަމަށްވާ ކެއިލާޝް ޚޭރް، އަދްނާން ސާމީ އަދި ޖާވިދު އަލީ ސިއްސުވާލާފައެވެ. އެ މުބާރާތުގައި ވަރަށް މޮޅު ހުނަރުވެރި ހުށަހެޅުންތަކެއް ހުށަހަޅައިދިނުމަށް ފަހު ސަލްމާން ވަނީ އެ މުބާރާތުގެ ދެވަނަ ހާސިލް ކޮށްފައެވެ.

7 އަހަރަށް ފަހު ސަލްމާން އަލީ އިންޑިއަން އައިޑަލްް ސީޒަން 10 ގައި ބައިވެރިވެ އޮޑިޝަނުގައި ވަނީ ހަމަ "ސަޖްދާ" ލަވަ ކިޔާފައެވެ. އޭރު ޖަޖުންގެ ގޮތުގައި ތިބި ނޭހާ ކައްކަރް، ވިޝާލް ދަދްލާނީ އަދި އައްނޫ މާލިކު ވަނީ އޭނާގެ އަޑަށް ފިދާވެފައެވެ. އެއަށްފަހު އެޕިސޯޑަކަށް ފަހު އެޕިސޯޑެއް އޭނާގެ އަޑުގެ ޖާދޫގައި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި އެތައް މިލިއަން ރައްޔިތުންނެއް ޖައްސަމުން ދިޔައެވެ. އެޕިސޯޑު ތަކުގައި އަންނަ މެހްމާނުންގެ ވެސް އެންމެ ކަމުދާ ލަވަކިޔުންތެރިއަކަށް ސަލްމާން ދިޔައީ ވަމުންނެވެ. މަޝްހޫރު ފިލްމީ ބަތަލާ ޕަރިނީތީ ޗޯޕުޅާ ވަނީ އޭނާގެ ލަވަ އަޑުއެހުމަށްފަހު އޭނާގެ ފައިދަށަށް ތިރިވެފައެވެ.

50 އެޕިސޯޑަށް ފަހު ނިމިގެން ދިޔަ އިންޑިއަން އައިޑަލްް ސީޒަން 10 ބެލުންތެރިންގެ ވަރަށް ފުރިހަމަ ލޯތްބާއި ތާއީދާއެކު ސަލްމާން އަލީ ވަނީ ކާމިޔާބު ކޮށްފައެވެ. އޭނާއަށް ވަނީ މުބާރާތުގެ ރަންތަށީގެ އިތުރުން، 25 ލައްކަ އިންޑިއަން ރުޕީސްގެ ފައިސާގެ އިނާމާއި، ޑަޓްސުން ގޯ ކާރެއް ލިބިފައެވެ. ސަލްމާނަކީ މި މުބާރާތުގެ ފައިނަލްގައި ވާދަ ކުރި ހަމައެކަނި މުސްލިމް ބައިވެރިޔާވެސް މެއެވެ.

މި ލިބިގެންދިޔަ ކާމިޔާބީއާއެކު ސަލްމާންގެ މަންމަ އަދި ބައްޕަގެ ލޮލުން ވަނީ އުފާވެރިކަމުގެ ކަރުނަ އައިސްފައެވެ. އަދި ސަލްމާނަށް ވެސް އުފަލުން ރޮވުނެވެ. ހާލުގައި އުޅުނު ދުވަސްތައް ސަލްމާނަށް މާޒީވެ ދިޔައީއެވެ. މި މުބާރާތް ކާމިޔާބު ކުރުމާއެކު އޭނާއަށް ފިލްމްތަކަށް ލަވަ ކިޔަން ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ގިނަ ކޮންސެޓްތަކުން ލަވަކިޔަން އޭނާއަށް ޖާގަ ލިބިގެންދާނެއެވެ. ސަލްމާން އަކީ ހިތްވަރު ގަދަ، މަޑުމައިތިރި މިޒާޖެއްގެ ތޫނުފިލި އަޑެއްގެ ވެރިއެކެވެ.