Last Updated: June 8, 15:03
Monday, June 8, 2026
ދުނިޔެ

އަނެއްކާވެސް ސުނާމީއެއް އަރާފާނެ ކަމުގެ ބިރު އިންޑޮނީޝިޔާއަށް

AP

އިންޑޮނީޝިޔާގެ އަލިފާން ފަރުބަދައެއް ގޮވައި އިއްޔެ ރޭ އެރި ސުނާމީގައި އެތައް ބަޔަކު މަރުވެފައިވަނިކޮށް އަނެއްކާވެސް ސުނާމީއެއް އަރާފާނުގެ ކަމުގެ އިންޒާރު މޫސުމާ ބެހޭ އިދާރާއިން ދީފިއެވެ.

ދެވަނަ ސުނާމީއެއްގެ އިންޒާރު ދީފައިވަނީ އަނަކް ކްރަކަޓައު އަލިފާން ފަރުބަދަ އަނެއްކާވެސް ގޮވުމާ ގުޅިގެންނެވެ. އޮފިޝަލުން ވަނީ މި ދުވަސްވަރު މޫދަށް އެރުމާއި އަތިރިމައްޗަށް ނުދިއުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ރޭ އެރި ސުނާމީގައި މިހާތަނަށް 280 މީހުން މަރުވެ 1000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އިމާރާތްތައް ވެއްޓި މަގުތައް ކެނޑުމުގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކަށް އެ ސަރަހައްދަށް ވަނުމުގައި ވެސް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ބިންހެލުމެއްގެ ސަބަބުން އުފެދުނު ސުނާމީއަކަށް ނުވާތީ މިސުނާމީ އަރާފައިވަނީ އިންޒާރެއް ވެސް ނުދީ ތިއްބައެވެ. އަލިފާން ފަރުބަދަ ގޮވައި އެކަން ކަމާ ބެހޭ ފަރާތްތަކަށް އެންގުނުއިރު ސުނާމީ އަރާފައިވާ ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފައިވެއެވެ.