އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވައުދެއް ކަމަށްވާ އެމެރިކާއާ މެކްސިކޯ ބޯޑަރުގައި ރާނާ ބޮޑު ފާރަށް އިދިކޮޅު ޑިމޮކްރެޓްސް މެމްބަރުން ބަޖެޓު ފާސްކޮށް ނުދިނުމުން ސަރުކާރުގެ ބައެއް ޚިދުމަތްތައް ހުއްޓާފައި އޮތް އޮތުން އާ އަހަރަށް ވެސް ދިގުލައިގެން ހިނގައިދާނެ ކަމަށް ރިޕޯޓުކޮށްފިއެވެ.
ހުކުރު ދުވަހުގެ ރޭ މެންދަމުން ފެށިގެން ބޯޑާ ޕެޓްރޯލް ޚިދުމަތްތައް ހުއްޓުމަކަށް ޓްރަމްޕްގެ ސަރުކާރުން ގެނެސްފައިވާއިރު އިދިކޮޅު މެމްބަރުން ވަނީ ސަރުކާރުން ހުށައަޅާފައިވާ 5 ބިލިއަން އެމެރިކާ ޑޮލަރު ބަޖެޓުގައި ހިމަނަން ދެކޮޅު ހަދާފައެވެ.
ޓްރަމްޕް ވަނީ ސަރުކާރު ހުއްޓުވުމުގެ ޒިންމާ އިދިކޮޅު މެމްބަރުންގެ ބޮލުގައި އަޅުވާފައެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ އެއީ އެމެރިކާ ބިނާވެފައިވާ އަސާސްތަކާ ޚިލާފު ކަމެއް ކަމަށް ބުނެ އެންމެ ލާރިއެއް ވެސް ފާރު ރާނަން ނުދޭނެ ކަމަށް ބުނެފައެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގައި އާންމުވަމުންދާ ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ ވަބާއިންނާއި އިންސާނުން ވަގަށް ނެގުން ހުއްޓުވޭނީ ފާރެއް ރާނައިގެން ކަމަށެވެ. މިހާރު އެކަން ކުރަމުންދާ ނިޒާމަކީ މާ ކުރީގެ "ސިސްޓަމެއް" ކަމަށާއި އެއިން އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށް ބުނެފައެވެ.
ބޭރު މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ހުއްޓިފައި ތިބި ޚިދުމަތްތައް އަލުން ފެށޭނީ ޖެނުއަރީ 3 ގައި ބާއްވާ ކޮންގްރެސްއަށް ފަހު ކަމަށް ޓްރަމްޕް ސަރުކާރުގެ އިސް އޮފިޝަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފެޑެރަލް 15 ޑިޕާޓްމެންޓު އެމެރިކާގައި އޮންނައިރު 9 ޑިޕާޓްމެންޓެއް ވަނީ ބަޖެޓު ފާސް ނުވުމުން ހުކުރު ދުވަހުން ފެށިގެން ހުއްޓިފައެވެ. އޭގެ ތެރޭގައި ސަރުކާރު، ހޯމްލޭންޑް ސެކިއުރިޓީ، ޓްރާންސްޕޯޓް އަދި އެގްރިކަލްޗާ ހިމެނެއެވެ.
ކަސްޓަމްސް، ބޯޑާ ޕެޓްރޯލް އަދި ޓްރާންސްޕޯޓް ފަދަ ގައުމީ ސަލާމަތާ ގުޅިފައި ހުރި މުއައްސަސާތަކުން ވަނީ ޚިދުމަތްތައް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ލައްކައަކަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ މިހާރު މުސާރައާ ނުލައެވެ.