Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހުޅުމާލެ ބީޗްގައި ހިންގާ ކެފޭތައް ނަގަނީ

ހުޅުމާލެ ގޮނޑުދޮށުގައި ޖަހާފައިވާ މޭޒުތައް: ފޮޓޯ - މިހާރު

ހުޅުމާލެ ބީޗް ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތައް ހިންގަމުން އަންނަނީ އެޗްޑީސީން ހުއްދަ ނަގައިގެން ނޫން ކަން އެނގިފައިވާ ކަމަށާއި އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ތަން ހުސްކޮށް އާންމުންނަށް ފުރިހަމައަށް ބޭނުންކުރެވޭ ގޮތަށް ހެދުމަށް އިލްތިމާސްކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ބީޗް ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރެންޓުތަކުން ފަހަކަށް އައިސް ދޮންވެލިގަނޑުގައި މޭޒުތައް ޖަހައި، ވިޔަފާރި ފުޅާކުރުމުން އެ ސަރަހައްދަށް މޫދަށް އެރެން އަންނަ އާންމުންނަށް ވަނީ ގޮނޑުދޮށުގެ ބޭނުން އެދެވޭ ގޮތުގައި ހިފޭގޮތް ނުވެފައެވެ.

ސަރުކާރުން އެކަމަށް ހައްލެއް ހޯދާ ދިނުމަށް އެދި ފާއިތުވެދިޔަ ދެ ތިން ހަފްތާގައި ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި އެދިފައެވެ.

އެމައްސަލަ ބަލައި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކަމުގެ ދެކޮޅު ބަލާލުމުން ހުއްދަ ނަގާފައިނުވާކަން އެނގިފައިވާ ކަމަށެވެ. އަދި ޖެނުއަރީ 31 ގެ ކުރިން ހުރިހާ ކެފޭ ރެސްޓޯރެންޓަކުން މޭޒުތައް ހުސްކޮށް، އާންމުންނަށް ގޮނޑުދޮށް ބޭނުންކުރެވޭ ގޮތް ހެދުމަށް އެޗްޑީސީ އަށް މިއަދު މިނިސްޓްރީން އިލްތިމާސްކޮށްފައިވާ ކަމަށް ޓުވީޓުގައި ވިދާޅުވިއެވެ.