ޕީޕީއެމްގެ ނަމުގައި ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ޔާމީންގެ ކެމްޕޭނަށް ކުރި ޚަރަދުތަކާއި އެހެނިހެން ދަރަނިތައް ދައްކައި ޚަލާސް ކުރުމުން ނޫނީ ޔާމީނަށް އާ ޕާޓީއެއް ހެދުމުގެ ހުއްދަ ނުދިނުމަށް މައުމޫން ރިފޯމް މޫވްމަންޓުން ގޮވާލައިފިއެވެ.
އެމްއާރްއެމް ގައި އިސްކޮށް ހަރަކާތްތެރިވާ އާމިނަތް ނާދިރާ މިއަދު ކުރެއްވި ޓުވީޓެއްގައި، ޔާމީނަށް އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމާ ދެކޮޅަށް އަޑުއުފުލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީންގެ ފަރާތުން އާ ޕާޓީއެއް އުފެއްދުމުގެ ހުއްދައަކަށް އެދިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަދުރޭ ޕާޓީ އުފެއްދުމަށް ހުށައަޅާފައިވަނީ އިއްޔެ ކަމަށެވެ. އަދި ލިޔެކިޔުންތަކުގައި މައްސަލައެއް ނެތް ކަމަށް ވާނަމަ މިހަފްތާ ތެރޭ އެ ހުއްދަ އަބަދުއްރަހީމަށް ދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކުރަމް ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ޔާމީންގެ ވެރިކަމުގައި ރިޔާސީ ދެވަނަ ދައުރަކަށް ކުރި ކެމްޕޭނުގައި މޯލްޑިވިއަން އިން ކްރެޑިޓަށް ނަގާފައިވާ ޓިކެޓުތަކާއި ޗާޓަރު ކުރި ބޯޓުތަކުގެ އަގު އަދިވެސް ނުދައްކާތީ އެކުންފުނިން ވަނީ ޕީޕީއެމާ ދެކޮޅަށް ދައުވާ ކޮށްފައެވެ. "ސައިޒު ދައްކާލަން" ކަމަށް ބުނެ ޕީޕީއެމުން މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެ ގެނައެވެ.
ދުރު ހިސާބުތަކުން ޗާޓަރު ފްލައިޓުތަކުގައި މީހުން މާލެ ގެނެސްފައިވާއިރު އެ ޚަރަދުތަކަށް 4.8 މިލިއަން ރުފިޔާ އަރާފައިވާ ކަމަށް ޚަބަރު ލިބެއެވެ. މޯލްޑިވިއަން އިން އެ ފައިސާ ނުދައްކައިގެން، އިލެކްޝަންސް ކޮމިޝަނުގައި ވަނީ ޕީޕީއެމަށް ދޭން ޖެހޭ ފައިސާ އިން އެބައި އުނިކޮށް، މޯލްޑިވިއަން އަށް ދޭން ޖެހޭ ފައިސާ އެއިން ނަގާ ދިނުމަށް އެދިފައެވެ.
ނަމަވެސް އިލެކްޝަންސް ކޮމީޝަނުން ވަނީ އެއީ އެކޮމިޝަނަށް ކުރެވެން އޮތް ކަމެއް ނޫން ކަަމަށް ބުނެފައެވެ. ޕީޕީއެމުން ވަނީ އެ ދަނޑިވަޅުގައި 1 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދައްކާފައެވެ. އެފަހުން މޯލްޑިވިއަން އިން ވަނީ ބާކީ 3.8 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައެވެ.