Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު، ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތުން ހުށަހަޅުއްވައިފި އެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރީ ކްރިމިނަލް ކޯޓުގައި ފުލުހުން އެދިގެން ނެރުނު އަމުރުގެ ދަށުންނެވެ. ފްރީޒް ކުރި އެމަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެކައުންޓްތައް ފްރީޒް ކުރި ފަހުން ރައީސް ޔާމީނާ ސުވާލުކުރުމަށް ފުލުހަށް ވެސް ވަނީ ހާޒިރުކޮށްފަ އެވެ. ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައިވާތީ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ވަކީލް އާޒިމާ ޝަކޫރު ވަނީ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެފައެވެ. އެކަމުގައި ގާނޫނީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާނެ ކަމަށާއި ރައީސް ޔާމީންގެ ފަރާތުން އެ މައްސަލާގައި ފާހަގަކޮށްފައިވާ ކަންތައްތަކާއި ހެކިތަކަށް ބަލާއިރު އެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ.