ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އަލްފާޟިލް އިބްރާހީމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޟް އިސްމާއީލް ބައިވެރިވެވަޑައިގެންނެވިއެވެ. މި ދަތުރުފުޅަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފަރާތުން އިރުމަތީ އޭޝިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ އޮފް ފިނޭންސް ހިޒް އެކްސެލަންސީ މރ. ތާރޯ އާސޯގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި ޖަޕާނުގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލަންސީ މރ. ތާރޯ ކޯނޯއާ ވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުކުރެއްވުމަކީ ފާއިތުވި އަހަރު ދުވަސްތެރޭގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބޭއްވުނު ހަތަރު ވަނަ ބައްދަލުކުރެއްވުމެވެ.
ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި މިދަތުރުފުޅުގައި ބޭއްވުނު ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރައްވާފައިވަނީ ޖަޕާނާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ޒަމާންވީ، އެކުވެރި، ބަދަހި ގުޅުން އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޖަޕާނުގެ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ހިޒް އެކްސެލަންސީ މރ. ޔޮޝިއާކީ ހަރާޑާއާއި މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ، ހިޒް އެކްސެލަންސީ މރ. ހިރޮޝިގޭ ސޭކޯ އާއި ޖަޕާން ބޭންކް ފޯ އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް)ގެ ގަވަރުނަރާއި ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަންގެ ރައީސާއި ޖަޕާނުގެ ވިޔަފާރީގެ ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާކުރައްވާފައިވަނީ ރާއްޖެއާއި ޖަޕާނުގެ ގުޅުން ބިނާވެފައިވާ މުހިއްމު ދާއިރާތައް ކުރިއަރުވައި މި ގުޅުންތައް މުސްތަޤުބަލުގައި އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން، ޖަޕާނަށް ވަޑައިގެންނެވި ވަފުދުން ވަނީ ޖަޕާން ނޭޝަނަލް ޕްރެސް ކްލަބުގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.