އާނަންދް އެލް ރާއި ޑައިރެކްޓްކޮށް، ލީޑް ރޯލްތަކުން ޝާހް ރުކް ޚާން އާއި އަނުޝްކާ ޝަރްމާގެ އިތުރުން ކެޓްރީނާ ކައިފް ފެނިގެންދާ "ޒީރޯ" އަށް ރިލީޒްކުރިތާ ތިން ދުވަހުގެ ތެރޭގައި ވޯލްޑްވައިޑް ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު ފައިދާއެއް ލިބިއްޖެއެވެ.
ބޮކްސް އޮފީސް އިންޑިއާގެ އެންމެ ފަހުގެ ރިޕޯތްތައް ބުނާގޮތުން އާދިއްތަ ދުވަހު މި ފިލްމަށް ވަނީ 18.25 ކްރޯޑް ރުޕީސް ލިބިފައެވެ. އެގޮތުން ޖުމްލަކޮށް "ޒީރޯ" އަށް ވަނީ އިންޑިއާއިން އެކަނި 54.60 ކްރޯޑް ރުޕީސް ލިބިފައެވެ. މީގެ އިތުރުން ދުނިޔޭގެ ބޮކްސް އޮފީހުގައި "ޒީރޯ" ވަނީ 100 ކްރޯޑް އަށްވުރެ ބޮޑު ފައިދާއެއް ހޯދާފައެވެ.
ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި މި ފިލްމުގައި ޝާހް ފެނިގެންދަނީ ޑްވާފް ފިރިހެނެއްގެ ރޯލުންނެވެ. "ޒީރޯ" އަކީ އެންމެ ފަހުން 2017 ވަނަ އަހަރު "ޖަބް ހެރީ މެޓް ސޭޖަލް" އަށްފަހު ރިލީޒްކުރި ޝާހްގެ ފުރަތަމަ ބޮޑު ފިލްމެވެ. މި ފިލްމް ރިލީޒްކޮށްފައި ވަނީ 21 ޑިސެމްބަރ ވީ ހުކުރު ދުވަހު އެވެ.
މި ފިލްމްގައި ކެމިއޯތަކުން މަޝްހޫރު ބޮލީވުޑް ތަރިން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ސަލްމާން ޚާން އާއި ސްރީދޭވީ އާއި އަބޭ ޑިއޯލްގެ އިތުރުން އާރް މާދަވަން އާއި ކަރިސްމާ ކަޕޫރް އަދި ކާޖޮލް ވެސް ހިމެނެއެވެ. މި ފިލްމްގެ ސަޕޯޓިން ރޯލްތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި މުހައްމަދު ޒީޝާން އައްޔޫބު އާއި ތިގްމަންޝޫ ދޫލިއާ އާއި ޝީބާ ޗައްޑާ އާއި ޖެއިޕްރީތު ސިންގްގެ އިތުރުން ބްރިޖެންދްރަ ކާލާ ހިމެނެއެވެ.