ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަރަކާތްތެރިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ އިފްތިތާހީ ޖަލްސާގައި ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ބައިވެރިވެވަޑައިގެންފިއެވެ.
ލަތީފް މިޖަލްސާގައި ބައިވެރިވެފައިވަނީ "ސްޕެޝަލް އިންވައިޓީ" އެއްގެ ގޮތުގައެވެ. އެމްޓީޑީން ވަނީ 3،333 މީހުންގެ ސޮއި ހަމަކޮށް އީސީއަށް ހުށައަޅާފައެވެ.
އީސީން ވަނީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އެމްޓީޑީއަށް ދީފައެވެ. މިރޭގެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދާއި މެނިފެސްޓޯ އެކުލަވާލަން ޖެހޭނެއެވެ.
އެމްޓީޑީ އުފެއްދުމަށް ބާއްވާ ޖަލްސާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދާދި ފަހުން ޕީޕީއެމުން ވަކިވެ އެމްޓީޑީއާ ގުޅުނު ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދުވެސް ހިމެނެއެވެ.