ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނައިބަކަށް ހުންނެވި އަހުމަދު އަދީބު އަބްދުލްޣަފޫރު ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް މާ ބާރަށް އަޑު ނުއުފުލި ދިޔަ ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
އަދީބް ހަރަކާތްތެރިވާ އެމްޓީޑީ އިފްތިތާހު ކުރާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން މިރޭ މައާފަށް އެދެން ބޭނުން ކަމަށެވެ. އެއީ އޭރު އަދީބު ހައްޔަރުކުރުމުން ދިފާއުގައި ބަހެއް ނުބުނެވުނީތީ ކަމަށާއި އޭރު ކުޑަކޮށް ބިރުގަތް ކަމަށެވެ.
ޔާމީން އަދީބުގެ ދިފާއުގައި ވާހަކަ ދެއްކެވީ އެމަނިކުފާނުގެ ބޭސް ފަރުވާއަށް ސަރުކާރުން ހުރަސް އަޅަން ފެށުމުންނެވެ. ޔާމީން ވަނީ އެއްވެސް މީހަކަށް ބޭސްފަރުވާގެ ހައްގުން މަހްރޫމް ކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިޚާބު ވުމަށް ފަހު ޕީޕީއެމާ ގުޅިވަޑައިގަތް މެމްބަރު ޔާމީން ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަރަށް ބޮޑަށް ދިފާއުކޮށްފައެވެ. އަދި ވެރިކަން ނިމެންދެން ޔާމީންގެ ސިޔާސަތުތައް ޕްރޮމޯޓު ކުރުމަގައި މަސައްކަތް ކުރުމަށް ފަހު ކުއްލި ގޮތަކަށް އެމްޓީޑީއާ ގުޅިވަޑައިގަތްތަން ފެނިގެން ދިޔައެވެ.