Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަދީބު ހައްޔަރުކުރެވޭނީ ޔާމީނާއެކު: ލަތީފް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ކުށެއް ކުރިނަމަ އެމަނިކުފާނު ހައްޔަރުކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ފަހު ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އަދީބް ސޮއިކޮށްފައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ އިފްތިތާހީ ޖަލްސާ މިރޭ ބާއްވާފައިވާއިރު، އެޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ އަދީބް ކުރިކަމެއް ކޮށްފައިވަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށެވެ. އެހެންކަމުން އަދީބު ހައްޔަރުކުރާ ނަމަ ޔާމީން ވެސް ހައްޔަރުކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އަދީބު ހައްޔަރުކުރުމަށް ފަހު ހުރިހާ ކަމެއް ކުރީ އެމަނިކުފާނޭ ކުރީގެ ރައީސް ޔާމީން ވިދާޅުވިޔަސް އެކަން ގަބޫލުއެއް ނުކުރެވޭނެ ކަމަށާއި ކަން ހިނގައިދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި، ޔާމީން މިނިވަންކަމާއެކު ހުރި ނަމަ އަދީބަށް ވެސް މިނިވަންކަމުގައި ހުރެވެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

މެމްބަރު ލަތީފް ވަނީ މިރޭގެ ޖަލްސާގައި "ސްޕެޝަލް އިންވައިޓީ" އެއްގެ ގޮތުގައި ބައިވެރިވެ، އަދީބު ޕާޓީ އުފައްދާތީ ބަޔަކު ކަންބޮޑޫވުން ފާޅުކުރާތީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. ލަތީފް ވިދާޅުވީ، އެހެން ބޭފުޅުން ވެސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ތުހުމަތުތަކުގައި ޖަލަށް ލެވުނު ކަމަށެވެ. އެބޭފުޅުންނަށް ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭއިރު އަދީބަށް އެފުރުސަތު ނުދިނުމަށް ގޮވާލުން ބަލައިނުގަނެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިޖަލްސާގައި ލަތީފް ވަނީ އަދީބަށް ވަރަށް ބޮޑަށް ތައުރީފް ކޮށް ވާޙަކަ ދައްކަވާފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެޅުނު ސިނަމާލެ ބްރިޖުގެ ހަގީގީ މޭސްތިރިޔަކީ ވެސް އަދީބު ކަމަށާއި އެކަން ރައީސް ޔާމީން އަމިއްލަ ދޫފުޅުން ވެސް އެތައް ފަހަރަކު މަތިން ވިދާޅުވި ކަމަށް ލަތީފް ވަނީ ޖަލްސާގައި ވިދާޅުވެފައެވެ.