Last Updated: April 24, 18:14
Wednesday, April 24, 2024
މީހުން

ކެވިން ސްޕޭސީއަށް ޖިންސީ ގޯނާގެ ދައުވާ ކުރަނީ

ހޮލީވުޑްގެ މަޝްހޫރު އެކްޓަރ ކެވިން ސްޕޭސީއަށް 18 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރުން ސްޕޭސީ އާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ 2016 ވަނަ އަހަރު މެސެޗުސެޓްސްގެ ބާ އެއްގެ ތެރޭގައި 18 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.

އެ ފިރިހެން ކުއްޖާއަކީ ކުރީގެ ނޫސް ޕްރެސެންޓަރެއް ކަމަށްވާ ހެދާ އަންރަހް ގެ ފިރިހެން ދަރި ކަމަށާއި ހެދާ ވަނީ އެކަމާ ގުޅިގެން މީޑިޔާއަށް ބަޔާނެއް ވެސް ދީފައި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

ސްޕޭސީ، ހެދާގެ 18 އަހަރުގެ ފިރިހެން ދަރިފުޅަށް ރާ ގަނެދީ އޭނާގެ ގަޔަށް އަތްލި ކަމަށް ހެދާ ބުނެއެވެ. ނަމަވެސް ސްޕޭސީ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާ ނުކުރާ ކަމެއް ކުރި ކަމަކަށް ބުނުވަން ކުރާ މަސައްކަތް ނާކާމިޔާބު ވާނެ ކަމަށެވެ.

މިމައްސަލައާ ގުޅިގެން ސްޕޭސީ ވަނީ ޖެނުއަރީ 7 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް އަންގާފައެވެ. 1992 ވަނަ އަހަރު އޭރު 18 އަހަރު ނުވާ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ވަނީ މިއަހަރު ތެރޭ ފެންމަތިވެފައެވެ.

ނަމަވެސް ކެލިފޯނިއާ ސްޓޭޓުން ވަނީ އެމައްސަލާގައި ސްޕޭސީއާ ދެކޮޅަށް ދައުވާ ކުރާނެ ހުދޫދެއް ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމާފައެވެ. އެ މައްސަލަ ފެންމަތިވުމާއެކު ސްޕޭސީ ލީޑު ރޯލް ކުޅުނު ނެޓްފްލިކްސްގެ "ހައުސް އޮފް ކާޑްސް" އިން އޭނާ ވަކިކޮށް ޝޯ ހުއްޓާލުމަށް ނިންމިއެވެ.