ހުޅުމާލެ ބީޗް ސަރަަހައްދުގައި ޖަހާފައި ހުރި ކެފޭ ރެސްޓޯރެންޓް އަދި ގެސްޓް ހައުސްތަކުގެ މޭޒުތައް ނަގައި، ތަން ސާފުކުރުމަށް އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީ އަށް އިއްޔެ އިކޮނޮމިކް މިނިސްޓްރީން ލަފާ އަރުވާފައިވަނީ އެ ސަރަހައްދުގައި ހުއްދަ ނެގުމެއް ނެތި ވިޔަފާރި ބޭނުންތަކަށް ޖަހާފައިވާ މޭޒުތައް ހުސްކުރުމަށެވެ. ނަމަވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ގަވާއިދާއި އެއްގޮތަށް، ދައުލަތަށް މަންފާ ވާ ގޮތަށް އެތަން ދޫކުރުމަށް ހުރަހެއް ނެތް ކަމަށެވެ.
ނަމަވެސް މިހާތަނަށް އެކަން ކުރަމުން ދިޔައީ ހުއްދަ ނެގުމެއް ނެތި ކަމަށް ވާތީ 31 ޖެނުއަރީގެ ކުރިން ތަން ހުސްކޮށް ސާފުކުރަން އެންގުމަށް އެޗްޑީސީއަށް މިނިސްޓްރީން ވަނީ ލަފާ އަރުވާފައެވެ.
އެޗްޑީސީން ވަނީ މިނިސްޓްރީގެ ލަފަޔާ އެއްގޮތަށް މިހާރު އެތަން ހުސް ކުރުމަށް ވިޔަފާރިތަކަށް އަންގާފައެވެ. ބީޗު ސަރަހައްދުގައި ކޮފީ މޭޒު ޖަހައި ރެސްޓޯރެންޓުތަކާއި ގެސްޓް ހައުސްތަކަށް ހުޅުވާލުމުން އާންމުންގެ ވަރަށް ގިނަ ބަޔަކު ވަނީ އެތަނަށް މޫދަށް އެރިލަން ނުދެވޭ ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ.