Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބޮޑު، ކޯސްޓުގާޑަށް އެކަނި ނުބެލެހެއްޓޭނެ: އެމްއެންޑީއެފް

21 އެޕްރީލް 2018. ހިތަދޫގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ހެލިކަޕްޓަރު ހަރަކާތްތެރިވަނީ

ދިވެހި ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދަކީ ބޮޑު ސަރަހައްދެއް ކަމަށާއި، އެމްއެންޑީއެފްގެ ކޯސްޓު ގާޑަށް އެކަނި ޕެޓްރޯލް ނުކުރެވޭނެ ކަމަށް ގައުމީ ދިފާއީ ބާރުން މިއަދު ބުނެފިއެވެ.

ކޯސްޓުގާޑުން އޮޕަރޭޝަންސްތަކާ ގުޅޭގޮތުން މީޑިޔާއަށް މައުލޫމާތު ދިނުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމަކުން އަދި ޚާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކުން ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމަށް އެކަނި މަސައްކަތް ނުކުރާ ކަމަށެވެ. އެހެން ގައުމެއްގެ އެހީތެރިކަން ހުރިހާ ގައުމެއް ވެސް ހޯދާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެ ކަނޑުވެސް ބޮޑުވުމާއެކު ދިވެހިންނަށް އެކަނި ނުބެލެހެއްޓޭތީ އިންޑިޔާ، އަދި ލަންކާ ސިފައިންގެ އެހީތެރިކަން އަބަދުވެސް ހޯދާ ކަމަށާއި އެއީ ދިވެހި ރާއްޖޭގެ މިނިވަން ކަމަށް އޮތް ނުރައްކަލެއް ނޫން ކަމަށް ކޮލަނެލް ވިދާޅުވިއެވެ.

އިންޑިޔާ އުޅަނދުތައް ޕެޓްރޯލް ކުރުމުގައި ހަރަކާތެރިވިޔަސް، ރާއްޖޭގެ ކަނޑުގައި ހަރަކާތްތެރިވާ އެއްވެސް އުޅަނދެއް ދިވެހި ކޮންޓްރޯލް ދަށުން ނޫނީ ހަރަކާތްތެރިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކަނޑުގެ އުޅަނދެއް ނުވަތަ ވައިގެ އުޅަނދެއްވެސް ހަރަކާތްތެރިވާނީ ދިވެހި އޮފިސަރުން ނުވަތަ އޮފިސަރެއް އޭގައި ހުރެގެން ކަމަށާއި، ބޭރު ސިފައިން ދުއްވިޔަސް ދުއްވާނީ ދިވެހި ސިފައިންގެ އިރުޝާދުގެ މަތިން ކަމަށް ވިދާޅުވިއެވެ. އަދި ބަލާނީ ސިފައިން ބުނާ ތަނެއް ކަމަށާއި ދުއްވާނީ ސިފައިން ބުނާ ގޮތަށް ކަމަށެވެ.

އިންޑިޔާ ހެލިކޮޕްޓަރުތައް ރާއްޖޭގައި ދުއްވިޔަސް އެ ހެލިކޮޕްޓަރުތަކަކީ އިންޑިޔާ ސަރުކާރުން ބަލައި މެއިންޓެއިން ކުރާ ހެލިކޮޕްޓަރުތައް ކަމަށާއި، އެއަށް އަޅާ ތެލަކީ ވެސް އިންޑިޔާއިން ކުރާ ޚަރަދެއް ކަމަށް ކެޕްޓަން ވިދާޅުވިއެވެ. އަދި އިންޑިޔާއިން އެފަދަ ޚަރަދެއް ކުރަނީ ދިވެހި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން، ދިވެހި ސަލާމަތަށް އެހީތެރިވެދިނުމަށް ކަމަށް އޭނާ އިތުރުކޮށްފައިވެއެވެ.