Last Updated: June 8, 14:27
Monday, June 8, 2026
ޚަބަރު

އެމްޑީޕީން ނަޝީދަށް ކެމްޕޭނުކުރާތީ ފާޑުކިޔުން އަމާޒުވެއްޖެ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މައްޗަނގޮޅި މެދު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމައި ކެމްޕޭނު ކުރަމުން ދާއިރު އެމްޑީޕީގެ ޓުވިޓާ އެކައުންޓުން ނަޝީދުގެ ކެމްޕޭނު ކުރަމުންދާ ކަމަށް ބުނެ އެމްޑީޕީއަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

އަލަށް އުފެއްދި މައްޗަނގޮޅި މެދު ދާއިރާގެ ނަޝީދު ވާދަކުރައްވަން ނިންމެވިއިރު އެދާއިރާއަށް އެމްޑީޕީގެ ފަރާތުން އެހެން ބޭފުޅަކުވެސް ވަނީ ވާދަކުރައްވަން ނިންމަވާފައެވެ. ޕްރައިމަރީއެއް އެ ދާއިރާގައި ބޭއްވުމަށް ނިންމާފައިވާއިރު ދެބޭފުޅުންވެސް ކެމްޕޭނުކުރަމުންދެއެވެ. ނަމަވެސް އެމްޑީޕީން އެހެން ކެންޑިޑޭޓެއްގެ ކެމްޕޭނު ހަރަކާތްތައް ޓުވީޓުނުކޮށް، ނަޝީދުގެ ކެމްޕޭނު ހަރަކާތްތައް ޓުވީޓުކޮށް ޕްރޮމޯޓު ކުރާތީ ޕާޓީގެ ބައެއް މެމްބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް ބޭއްވޭ ޕްރައިމަރީތަކުގައި ވާދަކުރުމަށް ވަރަށް ގިނަ ކެންޑިޑޭޓުން ވަނީ ދާއިރާތަކުގައި ކެމްޕޭނުތައް ފަށާފައެވެ. އެގޮތުން މިހާރުވެސް ދާއިރާތައް ތަމްސީލު ކުރާ މެމްބަރުންނާއި އާ ކެންޑިޑޭޓުން ހިމެނެއެވެ.

އެއްވެސް ފަރާތަކަށް ޕާޓީގެ ރަސްމީ އިދާރާއަކުން ކެމްޕޭނު ކުރުމަކީ އަސާސްތަކަށް ކިލަނބުކަން އަންނާނެ ކަމަކަށްވާއިރު އެމްޑީޕީން ރައީސް ނަޝީދުގެ ކެމްޕޭނު ހަރަކާތްތައް ޕްރޮމޯޓުކޮށް ދައުވަތު އަރުވާތީ އެހެން ކެންޑިޑޭޓުންގެ ހައްގަށް އުނިކަމެއް ލިބިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.