ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އާންމު އިންތިޚާބަށް ފޯކަލް ޕޮއިންޓުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.
އެކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި އަތޮޅު ތެރޭގައި އަދި ރަށްތަކުގައި ޖުމުލަ 199 ފޯކަލް ޕޮއިންޓުން ހޯދަން އިއުލާންކޮށްފައިވެއެވެ.
އޭގެ ތެރޭގައި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީއިން ދެމީހުން، އަތޮޅުތަކުން 18 މީހުން އަދި ރަށްތަކުން 179 މީހުން ހޯދުމަށް އީސީން ވަނީ ހުށައަޅާފައެވެ.
ފޯކަލް ޕޮއިންޓުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ގޮތުގައި އިއުލާންގައިވަނީ، ރަށު ކައުންސިލް ނުވަތަ އަތޮޅު ނުވަތަ ސިޓީ ކައުންސިލް އިދާރާއެއްގައި އިސްކޮށް މަސައްކަތްކުރާ ފަރާތެއް ކަމުގައިވުމާއި އިލެކްޝަންސް ކޮމިޝަނުން ހަވާލުކުރާ އިންތިހާބާބެހޭ މަސައްކަތްތައް އިސްނަގައިގެން އަމިއްލައަށް ކުރުމުގެ ގާބިލުކަމާއި ތައުލީމާއި ތަޖުރިބާ ހުރި މީހެއް ކަމުގައިވާންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިހާބީ މަގާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަގާމެއް ފުރާ މީހެއް ކަމުގައި ނުވުމަށް ޝަރުތުކޮށްފައިވެއެވެ.
މީގެ އިތުރުން އެއްވެސް ޕާޓީއެއްގެ އެއްވެސް ކެންޑިޑޭޓަކަށް ކެމްޕޭނު ނުކުރެވޭނެ ކަމަށާއި ކެންޑިޑޭޓެއްގެ އެޖެންޓެއް އަދި އާއިލީ ތިމާގެ މީހަކަށް ވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
ފޯކަލް ޕޮއިންޓުންނަށް ހޮވޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 200 ރުފިޔާގެ މަގުން މުސާރަ ލިބޭނެއެވެ. އަދި ފޯނު އެލަވެންސުގެ ގޮތުގައި މަހަކު 150ރ. ދެވޭނެއެވެ.
ޝަރުތު ހަމަވާ ފަރާތްތަކުން ޖެނުއަރީ 3 ވަނަ ދުވަހުގެ ކުރިން ހުށައެޅުމުގެ ފުރުސަތު އީސީން ވަނީ ދީފައެވެ.