ހައްޖު ކޯޕަރޭޝަނުގެ އާ އެމްޑީއަކަށް އިސްމާއިލް ހަމީދު އައްޔަން ކޮށްފިއެވެ.
ޕްރައިވަޓެއިޒޭޝަން ބޯޑުން ބުނެފައިވަނީ ކުރީގެ އެމްޑީ އިދުރީސް އިސްމާއިލްގެ ބަދަލުގައި އެމަގާމަށް މިއަދު އިސްމާއިލް ހަމީދު އައްޔަން ކޮށްފައިވާ ކަމަށެވެ.
ރައީސް ސޯލިހް މަގާމާ ހަވާލުވުމަށް ފަހު ކުރީގެ ރައީސް ޔާމީން އައްޔަން ކުރެއްވި އިދުރީސް ވަނީ މަގާމުން ދުރުކޮށްފައެވެ. ކުރީގެ ސަރުކާރުގައި ހައްޖު ކޯޕަރޭޝަނުން އެހެނިހެން ބޭނުންތަކަށް ފައިސާ ޚަރަދުކުރި ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފައެވެ.
ހައްޖު ކޯޕަރޭޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ ހައްޖަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ހައްޖުގެ އަޅުކަން އަދާކުރުމުގެ މަގު ފަހިކުރުމެވެ. ކުރިން އަމިއްލަ ފަރާތްތަކަށް ދީފައި ހައްޖު ކޯޓާތަކުގެ ބޮޑުބައި ހައްޖު ކޯޕަރޭޝަން އުފެދުމުން އެކޯޕަރޭޝަނަށް ލިބިގެން ދިޔައެވެ.