"މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަން" ގެ މެންބަރުކަމުން ހެންވޭރު މާފިޔަ ޢަބްދުﷲ މުނާޒް އިސްތިޢުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި މުނާޒް އެ މަޤާމުން އިސްތިޢުފާ ދެއްވީ އިއްޔެގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިއަދުގެ ވަގުތެއްގައި މުނާޒް، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަންކުރެވޭނެ އެވެ.
މުނާޒް މިއަދު އެ ކޮމިޝަނުން އިސްތިއުފާދެއްވިއިރު، އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ބަލަމުންދާ ހުރިހާ މައްސަލަތަކުގެ ލިސްޓެއް މި މަހުގެ 27 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށެވެ. އަދި އަމާޒަކީ އެ ހުރިހާ މައްސަލައެއް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުން ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މަރުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އުފައްދަވާފައިވާ ކޮމިޝަނަށް އާއްމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި ކޮމިޝަނުން ބެލުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 1، 2012 އިން ސެޕްޓެމްބަރު 17، 2018 އަށް ހިނގާފައިވާ ކަންކަމުގެ މައްސަލަތަކެވެ.