Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ޕީއެސްއެމްގެ އެމްޑީކަމަށް އަލީ ޚާލިދު އައްޔަންކުރައްވައިފި

އަލީ ޚާލިދު - ފޮޓޯ: ޕީއެސްއެމްނިއުސް

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ)ގެ މަޤާމަށް އަލީ ޚާލިދު ހަމަޖައްސަވައިފި އެވެ. ޓީވީއެމްގެ ކުރީގެ ސީއީއޯގެ މަޤާމްވެސް އަދާކުރައްވާފައިވާ ޚާލިދު އެ މަޤާމަށް ހަމަޖެއްސެވީ މިއަދު އެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ޚާލިދު ވަނީ ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް އޮފިސަރުގެ މަޤާމުގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ޗެއާމަންގެ މަޤާމްވެސް ފުރުއްވާފައެވެ.

ޕީއެސްއެމްގެ އެމްޑީ ކަމަށް ޚާލިދު އައްޔަންކުރެއްވިއިރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވަނީ މިއަދު ހައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް އިސްމާޢީލް ޙަމީދު އަދި ވެމްކޯގެ އެމްޑީ އަކަށް އާދަމް މުޙައްމަދު އައްޔަން ކުރައްވައިފަ އެވެ.