ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މި އަހަރު ރ. ދުވާފަރުގައި ބޭއްވުމަށް ސަރުކާރުން ނިންމައިފި އެވެ.
އެއްބައިވަންތަކަމުގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު އެވެ. އެއީ 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީކާރިސާއާއި ގުޅިގެން ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި، އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަ ކުރެއްވުމަށް ނިންމެވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެވެ.
ހޯމް މިނިސްޓްރީ އިން ބުނާ ގޮތުގައި މި އަހަރުގެ ޖަލްސާ އޮންނާނީ 26 ޑިސެމްބަރ ވާ ދުވަހު، ދުވާފަރު ޕްރައިމަރީ ސްކޫލްގައެވެ.
މި އަހަރުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެވެ. މި ޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. މީގެ އިތުރުން ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު އާއި، ދިވެހި ރެޑްކްރެސެންޓް ސެކްރެޓަރީ ޖެނެރަލް ޢާއިޝަތު ނޫރާ މުޙައްމަދު ވެސް ޖަލްސާގައި ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިޖަލްސާގައި ސުނާމީ ކާރިޘާއާއި ގުޅިގެން ދުވާފަރު ރައްޔިތުން ހާލުގައި ޖެހުނުއިރު އެހީތެރިކަންފޯރުކޮށްދެއްވި ރަށްރަށަށް އެކަމުގެ އަގު ވަޒަންކުރުމުގެ ހަނދާނީ ފިލާދެއްވުން އޮންނާނެ ކަމަށްވެސް ހޯމް މިނިސްޓްރީ އިން ބުނެއެވެ.