Last Updated: June 19, 17:41
Friday, June 19, 2026
މުނިފޫހިފިލުވުން

ޖޯޑަން ޕީލްގެ ބިރުވެރި ފިލްމް "އަސް"ގެ ޓްރެއިލާ ދައްކާލައިފި

މިދިޔަ އަހަރު ރިލީޒްކުރި މަޤްބޫލް ބިރުވެރި ފިލްމް "ގެޓް އައުޓް" ޑައިރެކްޓްކުރި ޖޯޑަން ޕީލްގެ ފިލްމް، "އަސް"ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ. މި ފިލްމް ޑައިރެކްޓްކުރުމުގެ އިތުރުން ލިޔެފައި ވަނީ ވެސް ޕީލް އެވެ. މި ފިލްމްގެ ޓްރެއިލާ ރިލީޒްކޮށްފައި ވަނީ އިއްޔެ އެވެ.

މި ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެންދާނީ "ބްލެކް ޕެންތާ" އިން ފެނިގެންދިޔަ ލުޕިތާ ނިއުންގޯ އާއި ވިންސްޓަން ޑޫކް އެވެ. ލުޕިތާ އާއި ވިންސްޓަން ފިލްމްގައި ފެނިގެންދާނީ ދެމަފިރިންގެ ގޮތުގައެވެ. މި ފިލްމް ބިނާކޮށްފައި ވަނީ މި ދެމަފިރިންނާއި އެ ދެމީހުންގެ ދެ ކުދިންނާއެކު އުތުރު ކެލިފޯނިއާ އަށް ކުރާ ޗުއްޓީ ދަތުރެއްގައި ދިމާވާ ބިރުވެރި ކަންތައްތަކެއްގެ މައްޗަށެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ.