އާއިންފޮތަށް ގެއްލިފައި އިންވަރުން ފަރަހަނާޒްމެން ލައިބްރަރީއިން ނުކުމެގެން ދިޔައިރުވެސް އޭނާއަށް ރޭކާނުލިއެވެ. އޭނާއަށް ހޭވެރިކަންވީ އަސުރުނަމާދުގެ ބަންގީގެ އަޑަށެވެ. އޭނާ ފޮތްލައްޕާލުމަށްފަހު ނަމާދަށް ދިއުމަށްޓަކައި އަވަސްވެގަތެވެ.
އެދުވަހުގެ ފަހުންވެސް، ކޮންމެ ދުވަހަކު އޭނާ ލައިބްރަރީއަށް ދެއެވެ. އަދި ހަމަ ކޮންމެ ދުވަހަކު ފަރަހަނާޒް އޭނާގެ ގާތަށް އައިސް ކޮންމެވެސް ފޮތެއް ދެއެވެ. ދެމީހުންކުރެ މީހަކު ވާހަކަ ނުދެއްކިނަމަވެސް ލަދުރަކި ހިނިތުންވުންތައް ދެމީހުންގެ މެދުގައިވެސް ބަދަލުކުރެވެމުން ދިޔައެވެ. އެކަންތައް އެގޮތަށް ތަކުރާރު ވާތާ ދުވަސްކޮޅެއްވީފަހުން ތޫބާއަށްވެސް އެކަން ފަޅާއަރައިފިއެވެ. ތޫބާ ފަރަނަނާޒްއާ ވަރަށް ދިމާކޮށްވެސް ހެދިއެވެ.
" މަށާ ސިއްރުން ވަރަށް ކަންކަން ހިންގާލައިފިންދޯ؟" ފަރަހަނާޒަށް ތޫބާ ގޯނާކޮށްލިއެވެ.
" ނޫން…އަހަރެން ހަމައެކަނި އޭނައަށް ކިޔާލާނެ ފޮތެއްދިނީ….އެއީދެން ގޯސްކަމެއްތަ؟' މައުސޫމުގޮތަކަށް ތުންއޫކޮށްލައިގެން ހުރެ ފަރަހަނާޒް ބުންޏެވެ.
" ނޫނޭ…ވަރަށް ރަނގަޅުކަމެއް…ނާޒްގެ ސަބަބުން އޭނާއަށް ތެދުމަގުލިބުން އެއީ އަހަރެންވެސް އެދޭގޮތް….އަހަރެން ބުނެގެން އަރްވިންވެސް މިހާރު ވަރަށް ގިނައިން ދީނީފޮތް ކިޔާ ހަދާނެ…" ތޫބާ އުފާވެލާފައި ބުންޏެވެ.
" އޭތް އެއްކަލަ ވާހަކަ އަރްވިންގާތު އެހިންތަ؟…" ފަރަހަނާޒް ކުއްލިއަކަށް ހަނދާންވެގެން އަހާލިއެވެ.
" ނޫން…އަދި އޭގެފަހުން ދިމައެއްނުވޭ….އެކަމު މިހެން އުޅެފަ އަހާލާނަން…އިނގޭ…މިދުވަސްކޮޅު އޭނާ ވަރަށްބުރަކޮށް އުޅޭތީ ޚަބަރެއްވެސް ނުވޭ.." ތޫބާ އޮޅުންފިލުވައިދިނެވެ.
ހުޅުމާލެއަށް ގޮސް އުޅޭއުޅުމުގައި އާއިންއަށް ބައެއްފަހަރު މަގުމަތިން އަރްވިން ފެނުނު ނަމަވެސް އޭނާއަށް މިހާރު މާބޮޑުކަމަކަށް ނުވެއެވެ. ނަމަވެސް އަދިބެސް މަންމައާއެކު އަރްވިން ފެނިއްޖެނަމަ އޭނާގެ ރުޅިގަދަވެއެވެ. މަންމައަށް އޭނާ ދުނިޔޭގައި އުޅޭކަންވެސް ނޭނގެނީބާއޭ އޭނާގެ ހިތަށްއަރައެވެ. އުމުރުން ކިތަންމެ ދުވަސްވީނަމަވެސް، އިންސާނާގެ ހަށިގަނޑު ހެދިބޮޑުވެ ފުރާފުރިހަމަވީނަމަވެސް މައިވަންތަކަމުގެ ލޯތްބަކީ އޭގެ ކަރުހިއްކުން ދުވަހަކުވެސް ފިލައިގެންދާނެ އެއްޗެއް ނޫނެވެ. އާއިންއަށްވެސް އަދިވެސް މަންމަގެ ލޯތްބައް އެދެވެނީ އެހެންވެގެންނެވެ. މަންމަދެކެ ނަފްރަތުކުރަން ބޭނުންވީ ނަމަވެސް، އޭނާގެ ލޮލަށް ދުރުދުރުން މަންމަ ފެނިލިޔަސް އެހިތްވިރެއެވެ.
މިހާރު އާއިންގެ ހަޔާތަށް އަންނަ ކޮންމެ ދުވަހަކީ އެހިތަށް އުފާވެރިކަން ގެނުވާ ދުވަހެކެވެ. ކޮންމެ ދުވަހަކުވެސް ލައިބްރަރީއިން ފަރަނަހަނާޒްގެ ލޯބިވެތި ހިނިތުންވުމުގެ ހަދިޔާތައް އޭނާއަށް ލިބެއެވެ. އޭގެއިތުރުން އިޒްޔަންގެ ގެޔަށް ގޮސް އުޅުމުގައިވެސް ބައެއްފަހަރު ފަރަހަނާޒްގެ މޫނުފެނިލުމުގެ ނަސީބު ލިބެއެވެ. އެފަދަ ވަގުތުތަކުގައި ލަދުރަކި ގޮތަކަށް ހީލާފައި ފަހަރަނާޒް އިސްޖަހާލައެވެ. އޭނާގެ އެއަދާގެ ސަބަބުން އާއިންގެ ހިތް އެކުއްޖާއަށްޓަކައި ދުވަހެއް ދުވަހަކަށް ލެނބެމުން ދިޔައެވެ. ފަރަހަނާޒްވެސް އޭނާއާ ގަޔާވާހެން ހީވާތީ އޭނާ ހުންނަނީ ނުހަނު އުފަލުންނެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަރްވިންގެ އެދުމުގެ މަތިން ތޫބާ އެގެއަށްދިޔައެވެ. އޭނާ އެގެއަށްދާން އެއްބަސްވީވެސް އަރްވިން އެތައް އާދޭހެއް ކުރިފަހުންނެވެ. ތޫބާ ބެލްއަޅާލިތާ ގިނައިރުތަކެއް ނުވެ އަރްވިން ދޮރުހުޅުވިއެވެ.
" ހާދަ އިންތިޒާރެއް ކުރެވިއްޖެއޭ….އަހަރެން ހީކުރީ ނާންނާނެކަމަށް…" ތޫބާގެ ގާތަށް ކުޑަކޮށް ޖެހިލަމުން އަރްވިން ބުނެލިއެވެ.
ތޫބާ ޖަވާބެއްނުދީ ހިނިތުންވެލަމުން އެތެރެއަށް ވަދެ، މަޑުމަޑުން ގޮސް ސޯފާގައި އިށީނެވެ. އަރްވިންވެސް ތޫބާއާ ދާދިގާތުގައި އިށީނެވެ.
" މަންމަ ކޮބާ؟.."އަމީލާ ފެންނަން ނެތުމުން ޖެހިލުންވެހުރެ ތޫބާ އަހާލިއެވެ.
" ހަމަ ދެންމެ އެއްޗެއް ގަންނަން ބޭރަށް ދިޔައީ…ކިހިނެއްވީ؟…ބިރުގަތީތަ؟.." ލާނެއްގޮތަކަށް ހީލަމުން އަރްވިން އަހާލިއެވެ.
ތޫބާ އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިންއިރު، އޭނާގެ ހިތް ތެޅެމުން ދިޔައެވެ. ކިތަންމެ ފަހަރަކު އަރްވިންއާ ބައްދަލުކުރި ނަމަވެސް، ހަމަ ކޮންމެ ފަހަރަކުވެސް އޭނާގެ ހިތް އެވަރަށް ތެޅެއެވެ. އަރްވިންގެ ގާތްގަމާއި އެހުންނަ ލާނެއް ކަމެއްގެ ސަބަބުން އަރްވިންއާ ބައްދަލުކުރަން އޭނާ ޖެހިލުންވެއެވެ. ކިތަންމެ ވަރަކަށް ނަފްސު ކޮންޓްރޯލް ކޮށްގެން ހުރިނަމަވެސް، އަރްވިން ގާތްވުމުން އޭނާގެ ހިތް މަގުން ކައްސާލަން އުޅޭހެން ހީވަނީއެވެ. އޭނާ ފަހުން ހިތާމަކުރަންޖެހޭ ފަދަ ކިތަންމެ ކުޑަ ނަމަވެސް އަމަލެއް ކައިވެނީގެކުރިން ކުރެވިދާނެތީ އޭނާ ބިރުގަންނަނީއެވެ. އޭނާއަކީވެސް ހިއްސުތައް ސަލާމަތުންހުރި ޒުވާން އަންހެން ކުއްޖެކެވެ.
" ތޫ އަދިވެސް އަހަރެންނަށް އިތުބާރު ނުކުރެވެނީތަ؟…އަހަރެން ބުނީމެއްނު، ކިތަންމެ ދުވަހަކު މިހެން ހުންނަން ޖެހުނު ނަމަވެސް ތޫގެ އިންތިޒާރުގަ އަހަރެން ހުންނާނަމޭ….އަހަރެންގެ ހިތް ކިތަންމެ އެދުނަސް، ތޫގެ ނުރުހުމުގަ އަހަރެން އެއްވެސް ކަމެއް ނުކުރާނަން….އަހަންނަށް އެނގޭ މިގެޔަށް ތޫ ނާންނަނީ އަހަރެންދެކެ ބިރުންކަން….އަހަރެންދެކެ ބިރުގަތުން ހުއްޓޭނީ އަހަރެން ކިހިނެއް ހެދިއްޔާތަ؟…ބުނެބަލަ!…" ތޫބާގެ އަތުގައި ހިފާލަމުން އާދޭސްކުރާފަދައަކުން އަރްވިން ބުނެލިއެވެ. އެވަގުތު ތޫބާގެ އަތުގެ ފިނިކަން އިހުސާސް ކުރެވި އަރްވިންއަށް ތޫބާ ކަންބޮޑުވެފައި އިންވަރު ދެނެގަނެވުނެވެ.
" ސޮރީ…" އަރްވިން ތޫބާގެ އަތުން ދޫކޮށްލަމުން ބުނެލިއެވެ.
" އަހަރެން އަރްވިންއަށް އިތުބާރު ކުރަން…..އެކަމު އަހަރެން ބިރުގަންނަނީ ގޯސްކަމެއް ކުރެވިދާނެތީ….އަހަރެންނަށް އެނގޭ އަރްވިން އަހަރެންގެ ނުރުމުގަ ކަމެއް ނުކުރާނެކަން….އެކަމު އަހަރެންވެސް…." ތޫބާއަށް އިތުރަށް ބުނަން ނުކެރިގެން ހުއްޓާލިއެވެ.
" އަމިއްލަ ހިތަށް ތިހާވަރުވާއިރު….އަވަހަށް އަހަރެންގެ މީހަކަށް ވާންވީނު…އޭރުން ބިރުން އުޅޭކަށް ނުޖެހޭނެއްނު…" ލާނެއްގޮތަކަށް ހީލަމުން އަރްވިން ބުނެލިއެވެ.
" އެކަމު އަހަރެން އަދި ކިޔަވަނީނު…" އަރްވިން ބުނި އެއްޗަކުން ލަދުން ތޫބާ އަވަސް އަވަހަށް ބުނެލިއެވެ.
" އަހަރެން ކުރިންވެސް ބުނީމެއްނު ތޫގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެއޭ….އަޅެ ބުނެބަލަ ކައިވެނިކުރުމުން ކިޔެވުމަށް އެޅޭނެ ހުރަހަކީ ކޮބާތަ؟….އަހަރެންނަކަށް ނުވިސްނޭ…އަހަރެންގެ ކަންކަން ކޮށްދޭންޖެހޭތީ ތޫއަށް ބުރަވާނެތީތަ ބިރުގަންނަނީ ނޫނީ އަހަރެން ކަހަލަ ނޯޓީ ބޭބީއެއް ލިބިދާނެތީތަ؟…" އަރްވިން ހީލަމުން ބުނެލި ވާހަކައިން ތޫބާ އިތުރަށް ލަދުގަތެވެ. އަދި އެކަން ފޮރުވަން ތިރީ ތުންފަތުގައި ދައިގަންނަމުން އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ.
" ދެން ކީއްވެ؟…އެއްވެސް ސަބަބެއް ނެތެއްނު….ދެން އަހަރެންގެ މީހަކަށް ވާންވީނު….ހާދަ އުނދަގުލޭ ދުރުދުރުން ތިކުއްޖާ ބަލާލަ ބަލާލާ ދަހިވެފަ މިހެން ހުންނަން….ތިހާ ދިގު އިންތިޒާރެއް ކުރަން ނުޖައްސަބަލަ!…" އަރްވިންއަށް ނީދެވިގެން އަނެއްކާވެސް ތޫބާގެ އަތުގައި ހިފާލިއެވެ.
އަރްވިން ހީވަނީ އޭނާގެ މަންމަ ނެތުމުން ތޫބާއަށް ގޯނާކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ހިފަން އުޅޭހެންނެވެ. ތޫބާ ހަމަ އަނގައިންވެސް ނުބުނެ ހިމޭނުން އިނެވެ. އޭނާ އިނީ އަމީލާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.
" އަހަރެން ވާހަކައެއް އަހާލަންތަ؟…" ހަމަހިމޭން ކަމުގެ ވަގުތު ކޮޅަކަށްފަހު ތޫބާ އަހާލިއެވެ.
" ހޫމް….ތިހެން އަހަންވެސް ނުޖެހޭނެއްނު…." ގަތާވެލާފައި އަރްވިން ބުނެލިއެވެ.
" އަރްވިންގެ ކޮއްކޮއެއް އެއް ހުންނަ ވާހަކަ ބުނީމެއްނު؟…އޭނަ ކޮބާ؟…" އަރްވިންއަށް ބަލާލަމުން ތޫބާ އަހާލިއެވެ.
އެވަގުތު އަރްވިންގެ ތުންފަތުގައި ވީ ހިނިތުންވުން ފަނޑުވެގެން ގޮސް، އެމޫނަށް މޮޅިވެރިކަން ވެރިވިއެވެ.
" ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނު ނަމަ މާފަށް އެދެން…" އަރްވިން ޖަވާބެއް ނުދިނުމުން ކަންބޮޑުވެފައި ތޫބާ ބުނެލިއެވެ.
" ނޫނޭ…އަހަރެން ހިތްހަމަ ނުޖެހުނީކީ ނޫން…އެކަމު އެވާހަކަ ދައްކަން ވަރަށް ދެރަވޭ….އަހަރެންގެ ކޮއްކޮއެއް ހުއްޓެއްކަމަކު އަހަރެމެންނާ އެއްވެސް ގުޅުމެއް ނޯވޭ…އޭނަގެ އުމުރުން ހަތްއަހަރުވީއްސުރެ އަހަރެމެންނާ ދުރުގަ އުޅެނީ….އަހަރެން މިވާހަކަ ތޫބާއަށް ކިޔައިދޭނަށް، އެކަމު މިވަގުތަކު ނޫން….އަހަރެމެންގެ ކައިވެނި ކުރެވުނީމަ އަހަރެންގެ ދިރިއުޅުމެ ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން…" އަރްވިން ސީރިއަސް ކަމާއެކު ބުންޏެވެ.
" އޭނައަށް ކިޔަނީ އާއިންތަ؟…" ތޫބާ ބޭނުންވީ އާއިން އަކީ އަރްވިންގެ ކޮއްކޮތޯ ޔަޤީން ކުރާށެވެ.
" ތޫ އަށް ކިހިނެއް އެނގުނީ؟…" ހައިރާންވެފައި އަރްވިން އަހާލިއެވެ.
ތޫބާ، އޭނާއަށް އާއިން އެނގުނު ގޮތް ކިޔައިދީ އާއިންއާއި ފަރަހަނާޒް އެކުގައި ނަގާފައިވާ ފޮޓޯތައްވެސް އަރްވިންއަށް ދެއްކިއެވެ.
" ވާއު…މިއީ ހަމަ ހަޤީޤަތެއްތަ؟…އަހަރެންގެ ކޮއްކޮ އެހާބޮޑުވެއްޖެތަ؟…މީހަކާ އިންނަވަރު ވެއްޖެތަ؟…އެކަމު އޭނަ ކޮންއިރަކު މާލެ އައީ؟ " އުފާވެފައި އާއިންގެ ފޮޓޯއަށް ބަލަން އިނދެގެން އަރްވިން ކިޔަމުންދިޔައެވެ.
" ނޭނގެ….އެކަމު އެގެއަށް ވަރަށްގިނައިން އަންނަހެން ހީވަނީ….މާރަނގަޅަކަށް ނޭނގޭ…" ތޫބާ އޭނާއަށް އެނގިފައިވާ ވަރަށް ބުނެދިނެވެ.
" އަނހާ! ތޫބާ ދަރިފުޅާ! ކޮންއިރަކު އައީ؟.." ކުއްލިއަކަށް ބޭރުން އައިސް ވަތް އަމީލާއަށް ތޫބާ ފެނިފައި އަހާލިއެވެ.
" ހަމަ ކުޑައިރުކޮޅެއް ކުރިން…އެކަމު މަންމަ ހާދަ އަވަހަކަށް ތިއައީ ކީއްވެ؟" ތޫބާއަށްވުރެ ކުރިން އަރްވިން ޖަވާބު ދިނެވެ.
" ކިހިނެއްވީ؟…މަންމަ އަނެއްކާ ދާންވީތަ؟…" ހީލަމުން އަމީލާ ސަމާސާ ކޮށްލިއެވެ.
" ނޫނޭ…އެހެނެއްނޫން…" އަރްވިން ބޯކަހާލަމުން އަވަސް އަވަހަށް ބުނެލިއެވެ.
" މަންމާ..ބަލާބަލަ! މީ ކާކުކަން އެނގޭތަ؟.." ތޫބާގެ ފޯނު ހިފައިގެން ދުވެފައި ގޮސް އަމީލާއަށް އާއިންގެ ފޮޓޯ ދައްކާލަމުން އަރްވިން އެހިއެވެ.
" މިއީ…މިއީ އާއިންތަ؟…އަހަރެން ދަރިފުޅު އާއިންތަ؟…" އަމީލާ އިރުކޮޅަކު ބަލަންހުރެފައި ޔަޤީންކަމެއް ނެތް ގޮތަކަށް އަހާލިއެވެ.
" އާނ މަންމާ…މީ އާއިން….މިހާރު ކިހާބޮޑު….އަހަރެންނާ އެއްވަރު ވެއްޖެދޯ…." އަރްވިން މަންމައަށް ބަލާލަމުން ބުނެލިއެވެ.
" އާނ…މިހާރު އެދަރިވެސް ބޮޑުވީ….އަހަރެންނަށް ފެނިވެސް ނުލާ…" އަމީލާގެ ލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ. އޭނާ ފޯނުގެ ސްކްރީންގައި ފިރުމާލިއެވެ.
" އަހަރެންގެ އާއިން….ހާދަ ދުވަހެއް ވެއްޖެއޭ ދަރިފުޅު ދެކޭހިތުން އުޅޭތާ….ކޮންތާކުތަ ދަރިފުޅު ތިއުޅެނީ؟…މަންމަ ހާދަ ދެރަވެޔޭ…." ފޮޓޯއަށް ބަލަން އިނދެ ދެރަވެފައި އަމީލާ ޝަކުވާކުރިއެވެ.
" މަންމާ….އާއިން މިހާރު އުޅެނީ މާލޭގައޭ….މިހާރު އޭނާ ކިޔަވާ ނިމިގެން މާލެ އަތުވެއްޖެ….ދެން މަންމައާ ފިލައިގެން އޭނައަކަށް ނޫޅެވޭނެ…އަހަރެން މަންމައަށް އޭނާއާ ބައްދަލު ކޮށްދޭނަން….މަންމަ ދެރަނުވޭ!…" އަރްވިން އޭނާގެ މަންމައަށް ހިތްވަރު ލައިދިނެވެ.
" ހާދަ ދުވަހެކޭ މިވީ އެކުއްޖާ ދެކޭހިތުން އުޅޭތާ…." އަނެއްކާވެސް އަމީލާ ބުނެލިއެވެ.
" މަންމައަށް އެނގޭތަ؟….މިހާރު މަންމަގެ ކުޑަދަރި ބޮޑުވެއްޖެ….އޭނަ މީހަކާ އިންނަން އުޅެނީ….އެނގޭތަ ކާކާކަން؟…ތޫބާގެ އެކުވެރި ނާޒްއާ….މަންމައަށް ވަރަށް ކަމުދެއޭ ބުނީމެއްނު ނާޒް…." އަރްވިން އުފާވެލާފައި ބުނެލި ވާހަކައިން އަމީލާއިނީ ހައިރާންވެފައެވެ.
" ހަމަ ރަނގަޅަށްތަ؟… ކިހިނެއް ނާޒްއާ ދިމާވީ؟….ކިހިނެއް ދަރިފުޅަށް އެނގުނީ؟…" އަމީލާ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.
" ތޫގެ ފަރާތުން….ތީ ނާޒްގެ ކައިވެންޏަށް އާއިން އެދިގެން އައިރޭ ތޫނަގާފަހުރި ފޮޓޯތަކެއް….މަންމައަށް ގަބޫލު ކުރެވޭތަ އެކުޑަކުޑަ އާއިން އެހާ ބޮޑުވެއްޖެކަމަށް…" ކުޑައިރުގެ އާއިންގެ މަތިން ހަނދާންކުރަމުން އަރްވިން ބުނެލިއެވެ.
" ދަރިފުޅާ…މަންމައަށް އާއިންއާ ބައްދަލުކޮށްދީ…އެދަރިފުޅު ދެކިލާހިތުން ދެން ކެތެއްނުވާނެ…މިހާރު ކިތައް އަހަރު މިވީ ހަމަލޮލުން ނުދެކޭތާ…." އަމީލާ އަނެއްކާވެސް ދެރަވިއެވެ.
" މަންމާ ބުނެފީމެއްނު ދެން އޭނައަށް ފިލައިގެން ނޫޅެވޭނޭ….އޭނަ ޖެހޭނީ މަންމާ ބައްދަލުކުރަން….އަހަރެން އޭނަ ގެންނާނަން މަންމަގާތަށް…" ވަރަށް ޔަޤީންކަމާއެކީ އަރްވިން ބުނެލިއެވެ.
ދެމައިންގެ ވާހަކަތައް އަޑުއަހަން ދުރުގައި އިން ތޫބާއަށްވެސް އެކަމުން ތަފާތު އަސަރެއް ކުރިއެވެ. އާއިން އަކީ ކާކުކަން އެނގުމުން އުފާވި ނަމަވެސް،އަމީލާގެ ހިތާމަވެރި ބަސްތައް އަޑުއިވުމުން ދެރަވެސްވިއެވެ. އެދެމައިންނާ އާއިން ވަކިވީ ކީއްވެގެންކަން ނޭނގުނު ނަމަވެސް، އެކަމުގެ ސަބަބުން އެދެމައިންނަށްވެސް ފުން ހިތާމައެއް ލިބިފައިވާކަން ތޫބާއަށް އެނގުނެވެ.
ތޫބާ ގެޔަށް އައިސް އާއިންގެ ޚަބަރު ފަރަހަނާޒަށް ދިނުމުން އޭނާގެ ހިތުގައިވެސް އާއިންގެ މާޒީއާ ބެހޭގޮތުން ސުވާލު އުފެދުނެވެ. ފުރަތަމަ ފަހަރަށް އާއިންގެ ދިރިއުޅުމާމެދު ފުންކޮށް ވިސްނާލެވުނެވެ. އެޒުވާނާއާ ބެހޭގޮތުން އޭނާއަށް އެނގެނީ މަދުމިންވަރެކެވެ. އާއިންގެ އާއިލާއާބެހޭ މާގިނަ މައުލޫމާތެއް އޭނާއަށް އެނގިފައި ނެތީތީ، ކުރިން ރޭ އެފަދަ ސުވާލެއް ކުރާކަށްވެސް އޭނާގެ ހިތަކަށް ނޭރިއެވެ. ނަމަވެސް މިހާރު އޭނާ އެނގެން ބޭނުމެވެ. މަންމަ ދުނިޔޭގައި ހުރިއިރު، މަންމައާއި އާއިންގެ ގުޅުމެއް ނެތީ ކީއްވެތޯ އެނގެން ބޭނުމެވެ.
" މާޒީގަ ވަރަށް ބޮޑުކަމެއް ހިނގީމަ އެއްވެސް ގުޅުމެއް ނޯންނާނީ…" ވިސްނަން އިނދެފައި ފަރަހަނާޒް ބުނެލިއެވެ.
" އާނ…އެކަމު އަރްވިންގެ މަންމައަކީ ހާދަ ރަނގަޅު މީހެކޭ….ދެން ކީއްވެ އާއިން މަންމައާ ފިލައިގެން އުޅެންވީ؟…އެމީހުންގެ ވާހަކަތަކުން ހީވީ އާއިން އޭނާގެ މަންމައަށް ނަފްރަތު ކުރާހެން…." ތޫބާވެސް ވިސްނުމެއްގައި އިނދެ ވާހަކަ ދެއްކިއެވެ.
" ހާދަ ދެރައޭ ދޯ….ކިހިނެއްބާ ވީ؟…މަންމައަކަށް ދަރިޔަކު ނަފްރަތު ކުރާނީ ވަރަށްބޮޑު ކަމެއްވީމަ…" އަނެއްކާވެސް ފަރަހަނާޒް ބުނެލިއެވެ.
" ދެން އެކަމާ ނުވިސްނާ…ކަންތައް ވީގޮތެއް އަހަރެމެންނަކަށް ނޭނގެއެއްނު…އަރްވިންވެސް ބުނީ ކައިވެނި ކުރެވުނީމައޭ އެކަމާބެހޭގޮތުން އިތުރަށް ބުނެދޭނީ…އެހެންވީމަ ކިހިނެއް އެކަން ވީގޮތް ހޯދާނީވެސް….ދެން ނާޒްއަށް އާއިންގެ ފަރާތުން އެކަމުގެ ހަޤީޤަތް ހޯދަން ފަސޭހަވާނީ.." ތޫބާ އޭނާއަށް ފެންނަގޮތް ބުނެލިއެވެ.
" މަށަށްވެސް އެވަރުގެ ސުވާލެއް ކުރަން ކެރޭނީ ކައިވެނިކުރެވުނީމައެއްނު…" ފަހަރަނާޒްވެސް ބުނެލިއެވެ.
" އޯހ….ތީގެ މާނައަކީ….ކައިވެނިކުރަން ތައްޔާރަށޭދޯ ތިއިނީ؟…އެހެންވީމަ އަހަރެމެން ދެމީހުންނަށްވެސް އެކަކަށްދޯ މައިދައިތަ ކިޔަން ޖެހޭނީ….ވާއު…އަހަރެން ހިޔެއްވެސް ނުކުރަން މިހެންވާނެއެކޭ…" ތޫބާއިނީ މަޖާވެފައެވެ. ތޫބާގެ ވާހަކަތަކުން ފަރަހަނާޒްގެ ގާތަށްވެސް ހިނިއައެވެ.
****
އިންތިޒާރުގެ ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އާއިންއަށް ދީނާއި ބެހޭގޮތުން އެނގޭމިންވަރު އިތުރުވަމުން ދިޔައެވެ. ކުރިން ނޭނގޭ ކިތަންމެ ކަމެއް އެނގި ދަސްވަމުން ދިޔައެވެ. އިސްލާމްދީނުގައި ކައިވެނީގެ މަތިވެރިކަމާއި ދެމަފިރިންގެ ހައްޤުތަކާއި ދެމަފިރިންގެ އުޅުމާއި ގުޅުންތައް ބަހައްޓަންވީ ގޮތްވެސް އޭނާ ނިކަން ރަނގަޅަށް ދަސްކުރިއެވެ. ދެމަފިރިންގެ މެދުގައިވެސް ކުރުން ހުއްދަ ކަންކަމާއި ހުއްދަވެގެން ނުވާކަންކަން ހުންނަކަންވެސް އޭނާއަށް އެނގުނީ ފޮތްތައް ކިޔަންފެށުމުންނެވެ.
އޭނާއަށް ލިބިފައިވާ މުއްދަތު ހަމަވުމުގެކުރިން، އޭނާ ބޭނުންވަނީ ފަރަހަނާޒް އޭނާގެ ފަރާތުން އުއްމީދުކުރި ވަރަށްވުރެވެސް ރަނގަޅުމީހަކަށް އޭނާވުމަށެވެ. އޭނާގެ މިންނެތް މަސައްކަތުން، ވަގުތުން ވަތުތަށް ނަމާދުކުރުމަށް އޭނާވަނީ އާދަކޮށްފައެވެ.އޭނާގެ ސަބަބުން މިހާރު މާޒްވެސް އޭނާއާއެކު މިސްކިތަށް ދާންފަށައިފިއެވެ.
މިހާރު އޭނާ ދަސްކުރަމުން އެދަނީ ކައިވެންޏަށްފަހު، ފިރިއެއްގެ ހައިސިއްޔަތުން އޭނާގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކެއެވެ. ފަރަހަނާޒްއާއި ކައިވެނި ކުރެވޭގޮތް ވެއްޖެނަމަ، ދުވަހަކުވެސް ފަރަހަނާޒްގެ ފަރާތުން ޝަކުވާއެއް ނުކުރާވަރުގެ ރަނގަޅު ފިރިއަކަށްވެފައި އޭނާ ދައްކާނެވެ. އެހެންނުވާނީވެސް ކިހިނެއް ހެއްޔެވެ؟ ރަނގަޅު ފިރިއެއްގެ ނަމޫނާއަކަށް އޭނާނެގީ އަހަރެމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމް އެވެ. އެޔަށްވުރެ ވަކީން ރަނގަޅު ފިރިޔަކު ދުނިޔޭގައި ވެދާނެތޯއެވެ. އެއީ ދުނިޔެ ދުށް އެންމެ ފުރިހަމަ އިންސާނާއެވެ.
މަސްދުވަސް ފާއިތުވެދިޔައިރު، އާއިންގެ ހިތުގެ ޔަޤީންކަންވެސް އިތުރަށް ވަރުގަދަވިއެވެ. ކުރީގައި ކޮފީޝޮޕްގައި އިނދެގެން އޭނާ ބޭކާރުގޮތުގައި ވަގުތު ހޭދަކުރި ފަދައިން މިހާރު އޭނާ ވަގުތު ހޭދައެއް ނުކުރެއެވެ. ކިރިޔާވެސް ވަގުތެއް ލިބިއްޖެނަމަ އޭނާ ބަލަނީ ކޮންމެވެސް ފޮތެއް ކިޔޭތޯއެވެ. ނުވަތަ ދަރުހެއް އަޑުއެހޭތޯއެވެ. އެގޮތުން އެއްދުވަހަކު އޭނާ ޔޫޓިއުބުން ވީޑިއޯ ބަލަމުން ދަނިކޮށް އޭނާގެ ލޮލުގައި އަޅައިގަތީ، ލޯފަން ތުއްތު ކުއްޖަކު ޤުރުއާން ކިޔަވަމުންދާ ވީޑިއޯއެކެވެ. އެކުއްޖާގެ ކިޔެވުމުގެ ބަލާޢާތްތެރިކަމުން އޭނާގެ ގައިގާވާ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އެތުއްތު ކުއްޖާގެ ހިތްގައިމު އަޑުން އޭނާގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވިއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ލޮލުން ކަރުނަ އައެވެ. އޭނާއަށްވެސް އެފަދަ ގޮތަކަށް ﷲގެ ކަލާމްފުޅު ކިޔަވަން އެނގޭނެ ނަމައޭ ހިތަށްއެރިއެވެ.
" ހާދަ ދިގު ދަތުރެއް ކުރަން ޖެހެޔޭ އެބަ….ހާދަ ބޭކާރުގޮތުގައޭ އުމުރު މިދިޔައީ…." އާހްގެ ނޭވާއެއް ބޭރުކޮށްލަމުން އާއިންއަށް ހިތާ ހިތާ ކިޔާލެވުނެވެ.
ފަރަހަނާޒްގެ ލޯބިހޯދަން އޭނާ ފެށި ދަތުރުގައި، އޭނާއާ ބައްދަލުމިވީ، ދުނިޔޭގެ އޮޔާއި ވަޔާއި ބެހެމުންދިޔަ އޭނާގެ އަމިއްލަ ނަފްސާއެވެ. އެނަފްސު ސަލާމަތްކުރުން އެހެން ހުރިހާ ކަމަކަށްވުރެ އޭނާއަށް މުހިއްމު ވެއްޖެއެވެ. ފަރުޟު ފަސްނަމާދު ކުރުމުގައި ދެމިހުންނަން އޭނާ ބޭނުންވެއެވެ. ކީރިތި ޤުރުއާން ރީތިކޮށް ކިޔަވަން އޭނާ ބޭނުންވެއެވެ. ކީރިތި ރަސޫލާގެ ސުންނަތަށް އުޅެންވެސް އޭނާ ބޭނުންވެއެވެ. ނަމަވެސް މިހުރިހާ ކަމެއް އޭނާ ކުރާނީ ކިހިނެއް ހެއްޔެވެ؟ ކޮންއިރަކު ހެއްޔެވެ؟ ދިރިއުޅުމުގެ ބުރަކަން ބޮޑުވެ، ސައުވީސް ގަޑިއިރުވެސް މިއޮންނަނީ މަދުވެފައެވެ.
****
އިންތިޒާރުގެ ސާޅީސް ދުވަސްވެސް ނިމިއްޖެއެވެ. އޭނާގެ ނަފްސު ޖަޖުކޮށް ހުކުމް އިއްވުމުގެ ވަގުތު ކުޑަތަން ވެއްޖެއެވެ. އިޒްޔަންގެ ގޭގެ ބެލްކަނީގައި ދެކޮޅަށް ހިނގާލަ ހިނގާލާހުރި އާއިންގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައީ ފަހަރަނާޒް ދޭނެ ޖަވާބެއް ނޭނގޭތީއެވެ. އޭނާގެ އަތުކުރީގައިވާ ގަޑިއަށް އިރުއިރުކޮޅުން އޭނާ ބަލާލައެވެ. ވަގުތު ކުޑަތަންވީ ވަރަކަށް އޭނާގެ ހިނގުން އަވަސްވިއެވެ.
" އާން….ދެން އިށީނދެބަލަ! މަވެސް މިހާރު ބަނޑުކައްކަން ފަށައިފި…" ސިޓިންރޫމުގައި އިން މާޒް އާއިންއަށް ގޮވާލިއެވެ.
" މާޒް…މިރޭދެން އެފަކީރަށް ތާކު މަޑުން އިނދެވޭނީ ނާޒްގެ ޖަވާބު ލިބުނު އިރަކުން….އިޝާ ނަމާދުން އައިގޮތަށް ހިނގާލަ ހިނގާލާ އެހުންނަނީ…އަދި ނުވައެއް ޖަހާނީ ކޮންއިރަކުން…." ގަޑިބަލާލަމުން އިޒްޔަން ބުނެލިއެވެ.
" ދެން އާން…ތިވަރަށް ހާސްނުވެބަލަ! މަށަށް ޔަޤީން ނާޒް ބުނާނީ އާނއެކޭކަން.." އެންމެފަހުން ބަދިގެބައިގަހުރި އުޝާވެސް ބުނެލިއެވެ. ނަމަވެސް އާއިން އެއްވެސް ޖަވާބެއްނުދީ ދެކޮޅަށް ހިނގަމުން ދިޔައެވެ.
އަނެއްކޮޅުން ފަރަހަނާޒްގެ ހާލަކީވެސް އެއީއެވެ. އާއިން އަންނަ ވަގުތު ކައިރީ ވަރަކަށް އޭނާގެ ހިތްވެސް އަވަސްވަމުން ދިޔައެވެ. މިހާރު ކިތަންމެ ފަހަރަކު ފާޚާނާއަށްވެސް ވަދެއްޖެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މިރެއަކީ އޭނާގެ ޙަޔާތުގެ އެންމެބޮޑު ނިންމުން ނިންމާ ރެއެވެ. އާއިން އެއަންނަނީ އޭނާބުނި ޝަރުތު ފުރިހަމަ ކޮށްގެންކަން އޭނާއަށް ޔަޤީނެވެ. ވީއިރު މުޅި އުމުރަށް އާއިންގެ މީހަކަށް ވުމަށްޓަކައި މިރޭ އޭނާއަށް އާނބަސް ބުނަން މަޖުބޫރުވާނެއެވެ. އެހެން ހިތަށްއެރިޔަސް އޭނާގެ މުޅިގައިން ހީބިނަގައެވެ. މިއީ ހަޤީޤަތެއް ބާއޭވެސް ބައެއްފަހަރު ހިތަށް އަރައެވެ. އޭނާ އުޅޭގޮތުން ތޫބާއިނީ ހީލަހީލައެވެ.
" ކޮބާ…ވަގުތު ޖެހުނީ…" ގަޑިބަލާލަމުން މާޒް ބުނެލުމާއެކު އާއިން ހިނގުން ހުއްޓާލިއެވެ. އަދި ފުން ނޭވާއެއްލަމުން ދޮރާދިމާއަށް ހިނގައިގަތެވެ.
" ބެސްޓް އޮފް ލަކް…" އުޝާ ބޮޑުވާއި އިނގިލި ހިއްލާލާމުން އާއިން އަށް ބުނެލިއެވެ.
" އިމެޖެންސީއެއް ވެއްޖެއްޔާ ގުޅާލަން ނާޒްގާތު ބުނާތި! ފަހަރެއްގަ ދޭޖަވާބަކުން ހޮސްޕިޓަކަށްވެސް ގެންދަން ޖެހިދާނެ…" ފަހު ވަގުތުވެސް އިޒްޔަން ބެލީ ދިމާކޮށްލެވޭތޯއެވެ. އާއިން ޖަވާބެއްވެސް ނުދީ ހީލަމުން ނުކުމެގެން ދިޔައެވެ.
ނުނިމޭ