ސުނާމީގެ ހާދިސާ އިން ލިބިގެންދިޔައީ އެއްބައިވަންތަ ކަމުގެ ފިލާވަޅެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުނާމީގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެންމެން އެހީތެރިކަން ފޯރުކޮށްދިންގޮތާއި މެދު ފަހުރުވެރިވެ ވަޑައިގަަންނަވާ ކަމަށެވެ.
އަދި ސުނާމީގެ ހާދިސާގައި ފުރާނަ ދޫކޮށް ދިޔަ އެންމެނަށް ހެޔޮ ރަހުމަތް ލެއްވުމަށް އެދި މައުމޫން ވަނީ ދުއާ ކުރައްވާފައެވެ.
Today, as we mark National Solidarity Day, we pray for the souls of our brothers and sisters who lost their lives during the tsunami of 26 Dec 2004. We also feel pride with the way all of us rushed to the help of those who were affected. A lesson in solidarity.
— Maumoon Abdul Gayoom (@maumoonagayoom) December 26, 2018
އިންޑޮނީޝިއާގެ ސުމަޓްރާ ސަރަހައްދަށް ޑިސެމްބަރު ،26 2004 ގައި އައި ވަރުގަދަ ބިންހެލުމަށް ފަހު އުފެދުނު ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލިފައިވެ އެވެ. އެތައް ބައެއްގެ ގެދޮރުތައް ސުންނާފަތިވެ ގިނަ އަދަދެއްގެ ރިސޯޓުތަކެއް ވެސް ބަންދުކުރަން ޖެހުނެވެ.
އެ ހާދިސާ އަކީ ފަހުގެ ތާރީޚެއްގައި ކުރިމަތިވި އެންމެ ގެއްލުން ބޮޑު، އަދި އެންމެ ހިތާމަވެރި ގުދުރަތީ އެއް ހާދިސާއެވެ.
އެ ދުވަހުގެ އެ ހާދިސާގައި ދިވެހިން ދައްކުވައިގެން އެކުވެރިކަން ފާހަގަކޮށް، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުންދަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.