2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި މަރުވި އަދި ގެއްލުނު މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސެސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
2004 ސުނާމީ ކާރިސާގައި މަރުވި އަދި ގެއްލުނު މީހުންގެ 89 އިންސައްތަ (95 މީހުން)އަކީ އަންހެނުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން. އެހެން ކަމުން، ކާރިސާގެ ހާލަތުތަކުގައި ޢަމަލުކުރާނެ ޕްލޭންތައް ހެދުމުގައި މި ފަރާތްތަކަށް ރިޢާޔަތްކުރުން މުހިންމު.
— Shidhatha Shareef (@shidhatha) December 26, 2018
އެ ޓްވީޓްގައި މިނިސްޓަރ ވިދާޅުވެފައި ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި މަރުވި އަދި ގެއްލުނު މީހުންގެ 89% މީހުންނަކީ އަންހެހުންނާއި، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ކަމުގައެވެ. އެގޮތުން އެ ކާރިސާގައި މަރުވި އަދި ގެއްލުނު މީހުންގެ ތެރޭގައި 95 އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.
"އެހެން ކަމުން، ކާރިސާގެ ހާލަތުތަކުގައި ޢަމަލުކުރާނެ ޕްލޭންތައް ހެދުމުގައި މި ފަރާތްތަކަށް ރިޢާޔަތްކުރުން މުހިންމު."، މިނިސްޓަރގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މިއަދަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް 14 އަހަރު ފުރޭ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް 26 ޑިސެމްބަރ އަކީ ރާއްޖޭގައި ޤައުމީ ފެންވަރުގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ސުނާމީ ކާރިސާއާއި ގުޅިގެން ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެކުވެރިކަމާއި، އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުންނެވެ. ރާއްޖޭގައި އެއްބައިވަންތަކަމުގެ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަ ކުރެއްވުމަށް ނިންމެވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެވެ.