Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފަށައިފި

އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަަވަނީ - ފޮޓޯ: ޓްވިޓާ (ރައީސް އޮފީސް)

ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި 2015 ވަނަ އަހަރު ތަސްދީޤުކޮށްފައިވާ "ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު" ތަންފީޒުކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ފައްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރ. ދުވާފަރުގައި ބޭއްވެވި، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުން ލާޒިމްކުރާ އެންމެ މުހިއްމު ކަންތައް ކަމަށްވާ ކާރިސާގެ ކަންކަން ބެލެހެއްޓުމަށާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކާއި ނުރައްކާތައް ކުޑަކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާ ކަމަށެވެ. އަދި މިޤާނޫނުގެ ދަށުން، ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް ކައުންސިލެއް އެކުލަވާލައި، އެކައުންސިލްގެ ލަފާގެ މަތިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިން ކޮމިޓީއެއް އުފެއްދުން ލާޒިމްކުރާ ކަމަށާއި، އެކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ، "ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން"ގެ ފުރަތަމަ ދެލިކޮޕީވެސް މިހާރުވަނީ ނިމިފައި ކަމަށާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ޚަރަދުތަކަށް ލިބޭ ފައިސާ ޖަމާކުރުމަށް "ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑް"ގެ ނަމުގައި މިމަހުގެ 16 ވަނަ ދުވަހު ފަންޑެއް ޤާއިމް ކޮށްފައިވާ ކަމުގައެވެ.

ރައީސް ސޯލިހު ވަނީ "ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑް" އަށް ލިބޭ ފައިސާ އެނޫން ކަމަކަށް ހޭދަނުކުރެވޭނެކަން ސަރުކާރުން ކަށަވަރު ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ރައްޔިތުންނަށް ދެއްވާފައެވެ. އަދި މޫސުމީ ބަދަލުތަކާއި ކޮޅިގަނޑުތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކަށް، އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިންތިޒާމުތަކެއް ހަމަޖައްސަމުން ގެންދަވާ ކަމުގެ މަޢުލޫމާތު އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

އެގޮތުން، ކުއްލި ޙާލަތްތަކުގައި ރަށްރަށަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި ކައްކާގޭހާއި ބޭސްފަދަ ތަކެތީގެ އެކަށީގެންވާ ސްޓޮކެއް، ރައްކާކުރެވިފައި ހުންނާނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި، އަލިފާނުގެ ހާދިސާއެއް ފަދަ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، ހާލުގައިޖެހޭ އާއިލާތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް، ކޮންމެ އަތޮޅެއްގައި ޤާއިމްކޮށްދިނުމުގެ މަސައްކަތްވެސް ސަރުކާރުން ރާއްވަވާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ދިވެހީންގެ އެއްބައިވަންކަމުގެ ދުވަސް ފާހަގަކުރަނީ، 26 ޑިސެމްބަރ 2004 ގައި، މުޅި ރާއްޖެ ތަޖުރިބާކުރި ސުނާމީގެ ބިރުވެރި ކާރިސާގައި ދިވެހީން ދައްކުވައިދިން އިންސާނިއްޔަތުކަމާ، އެއްބަނޑުއެއްބަފާކަމާ، އެކުވެރިކަމުގެ މަތިވެރި ރޫޙް، ދިރުވައި އާލާކުރުމަށް ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސުނާމީގެ ދުވަހުގައި ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން، ބައިނަލްއަޤްވާމީ މުޖްތަމަޢު ބަލައިގެންފައިވަނީ ނަމޫނާއެއްގެ ގޮތުގައި ކަމަށެވެ.