އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ޖެންޑަރ މިނިސްޓްރީގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުންނާއި، ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ މަސައްކަތްތަކާއި ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިނިސްޓަރ ޝިދާތާ އިންޑިއާގެ ސަފީރަށް އޮޅުންފިލުއްވައިދެއްވާފައިވާ ކަމަށްވެސް ޖެންޑަރ އިން ބުނެއެވެ. އަދި އެ ކަމުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ކަންކަން އެ ކަމަނާ ޙިއްޞާކުރެއްވިއެވެ.
އިންޑިއާގެ ސަފީރުގެ ވާހަކަފުޅުގައި ވަނީ މި ދާއިރާތަކަކީ އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުރި ދާއިރާތަކެއްކަމަށާއި، އެ ކަމުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.