Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

އެމްޑީޕީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ

އެމްޑީޕީން ބޭއްވި މަޖިލީސް ޕްރައިމަރީ އެއްގައި ވޯޓްލަނީ-

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވޯޓް ލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ އަށް ހަމަވާނެ އެވެ.

އެގޮތުން އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 16:00 ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީން މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރަން ނިންމާފައިވާއިރު، ޕްރައިމަރީގައި ވާދަކުރުމަށް 280 ފަރާތަކުން ކުރިމަތިލާފައިވެއެވެ.

އަދި އެންމެ މީހަކު ކުރިމަތިލުމުގެ ސަބަބުން 9 ދާއިރާއެއްގެ ޓިކެޓު މިހާރު ކަށަވަރުވެފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. އެ ދާއިރާ ތަކަކީ ދިއްދޫ ދާއިރާ، ހޯރަފުށީ ދާއިރާ، ބާރަށު ދާއިރާ، މިލަންދޫ ދާއިރާ، އަލިފުށީ ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލަކު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.