އިޓަލީގެ ސިސިލީ އަށް 4.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއްގައި މަދުވެގެން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށް އެޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. މި ބިންހެލުން އައިސްފައި ވަނީ ޔޫރޮޕްގެ އެންމެ އެކްޓިވް އަލިފާން ފަރުބަދަ ކަމުގައިވާ މައުންޓް އެޓްނާ ކައިރިއަށެވެ.
ރިޕޯޓްތައް ބުނާގޮތުން މި ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. މިއީ ހޯމަ ދުވަހު މައުންޓް އެޓްނާ ގޮވިފަހުން އެހިސާބަށް ސިލްސިލާކޮށް އަންނަމުންދާ ބިންހެލުންތަކެކެވެ.
ބިންހެލުމުގެ ސަބަބުން ކަޓޭނިއާ އެއާޕޯޓްގެ ފްލައިޓް އޮޕަރޭޝަންތައް ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ. އަދި ފަރުބަދަ ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުވުމަށް އަންގާފައެވެ. މި ބިންހެލުން އައިސްފައި ވަނީ ބުދަ ދުވަހު އެތާ ގަޑިން 03:19 ހާއިރު އެވެ. ބިންހެލުމުގައި ހަލާކުވި އިމާރާތްތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ މިހާރު ދައުރުވަމުންނެވެ.
Il terremoto a Catania: Etna: notte di paura per un sisma di magnitudo 4.8: si registrano crolli a Fleri, Santa Venerina e Zafferana Etnea. L'epicentro intorno ai comuni di Viangrande e Trecastagni L'articolo Il terremoto a Catania proviene da… https://t.co/XvoM9Go9qa pic.twitter.com/nIkaql2A7f
— Notizie confermate (@notiveri) December 26, 2018
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބިންހެލުން އައުމާއެކު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބިރުން މަގުމައްޗަށް ނިކުމެފައެވެ. އަދި ގާތްގަނޑަކަށް 300،000 މީހުން ދިރިއުޅޭ ކަޓޭނިއާގެ އިމާރާތްތަކަށް ބިންހެލުމުގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.