ހިޔާވަހިކަމަށް އިމާރާތް ކުއްޔަށް ދިނުމާބެހޭ ޤާނޫނެއް ހެދުމަށް ނިންމައިފި، އެ ޤާނޫނު ޑްރާފްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން އިއުލާންކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 02 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ 11:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް އަގު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
މި ޤާނޫނާއި ބެހޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ހައުސިންގ މިނިސްޓްރީ އިން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންނަށް ފަސޭހައިން ބޯހިޔާވަހިކަން ލިބޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމަށް ވައުދުވެވަޑައިގެން، އެކަމަށްޓަކައި ޤާނޫނުތައް ވެސް ހައްދަވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.