Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

އެއްވެސް މުވައްޒަފަކު ވަކިކުރަން ކޮމިޝަނަށް އަންގާފައި ނުވޭ: ސީއެސްސީ

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް. ފޮޓޯ: ރާއްޖެއެމްވީ

އަލަށް އެކުލަވާލި އުސޫލާ ގުޅިގެން ނުވަތަ ސިވިލް ސަރވިސްގެ އިދާރާތަކުގެ އޮނިގަނޑުތަކަށް އަންނަ ބަދަލާ ގުޅިގެން، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސްގެ އެއްވެސް އިދާރާއާކުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް އަންގާފައި ނުވާ ކަމަށް އެކޮމިޝަން އިން ބުނެފި އެވެ.

ސީއެސްސީ އިން މިހެން ބުނެފައި ވަނީ އަލަށް އެކުލަވާލި އުސޫލުގެ ސަބަބުން ހައުސިންގ މިނިސްޓްރީގެ 40 މުވައްޒަފެއްގެ ވަޒީފާ ގެއްލޭ ކަމަށް ބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ބަޔާނުގައި އެ ކޮމިޝަން އިން ބުނެފައި ވަނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގެ އުސޫލު ނުވަތަ ރިޑަންޑެންސީ އުސޫލަކީ، މާޗު 2008 ގައި ސިވެހި ސިވިލް ސަރވިސްގެ ޤަވާއިދު ފުރަތަމަ ފަހަރަށް އެކުލަވާލައި އަމަލުކުރަން ފެށީއްސުރެ، އެކިއެކި ސަބަބުތަކާ ގުޅިގެން މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމުގައި އަމަލުކުރަމުންދާ އުސޫލު ކަމުގައެވެ. އަދި މި އުސޫލުގެ ދަށުން މުވައްޒަފުން ދޫކޮށްލެވޭނެ ޙާލަތްތައް، ސިވިލް ސަރވިސްގެ ޤަވާއިދު 2014 ގެ 223 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާނެ ކަމަށާއި، މި އުސޫލަކީ ސިވިލް ސަރވިސްގެ ޤަވާއިދު 2014ގެ 223 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކަށް ޢަމަލުކުރުމުގައި ބައެއް އިދާރާތަކުން ތަފާތު އެކި މިންގަނޑުތައް ގެންގުޅޭތީވެ، ހުރިހާ އިދާރާއަކުން ވެސް އެއް ހަމައަކުން މެރިޓް އުސޫލުން އެއް މިންގަނޑަކަށް ޢަމަލުކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ އުސޫލެއް ކަމަށެވެ.

އަދި މި އުސޫލާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސްގެ އެއްވެސް އިދާރާއަކުން އެ ކޮމިޝަނަށް އަންގާފައި ނުވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"އަދި ދަންނަވަމެވެ. އިދާރާތަކުގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފެއް ވަޒީފާއިން ދޫކޮށްލަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ބަދަލުގައި އެކަށޭނަ ވަޒީފާއެއް ސިވިލް ސަރވިސްގެ އެހެން އިދާރާއަކުން ހަމަޖައްސައިދިނުމަށް ކުރަންޖެހޭ މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސިވިލް ސަރވިސްގެ އެންމެހާ މުވައްޒަފުންނަށް ކޮމިޝަނުން އަރުވަމެވެ."، އެ ބަޔާނުގައި ވެއެވެ.