Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ޓައިވާން: ޓޫރިސްޓު ވިސާގައި އެތެރެވި ވިއެޓްނާމްގެ 152 ފަތުރުވެރިން ގެއްލިފައިވޭ

ޓައިވާންގެ ދެކުނު ގައުޝުންގް ސިޓީ - ފޮޓޯ: ގެޓީ އިމޭޖެސް

މިދިޔަ ހަފްތާގެ ތެރޭގައި ޓޫރިސްޓު ވިސާގައި ޓައިވާން އަށް އައި ވިއެޓްނާމްގެ 152 ފަތުރުވެރިއަކު ވީނުވީއެއް ނޭނގި ގެއްލިގެން، އެޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ހޯދަން ފަށައިފި އެވެ.

އޮފިޝަލުން ބުނާ ގޮތުގައި ހުރިހާ ފަތުރުވެރިން ވެސް ޓައިވާންގެ ދެކުނު ގައުޝުންގް ސިޓީ އަށް އެތެރެވެފައި ވަނީ ޑިސެމްބަރ 21 އަދި 23 ވަނަ ދުވަހު ކަމަށާއި، އެކަކު ފިޔަވައި އެހެން ހުރިހާ އެންމެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

އެޤައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ފަތުރުވެރިންތައް އައީ ޤާނޫނާއި ޚިލާފަށް ޓައިވާންގައި ވަޒީފާއަދާކުރުމުގެ ނިޔަތުގައި ކަމަށް ލަފާކުރެވޭ ކަމަށެވެ. ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ޓައިވާން އިން ވަނީ ދާދިފަހުން އޭޝިއާގެ ގިނަ ޤައުމްތަކުގެ ބައެއް ފަތުރުވެރިންނަށް ވިސާ ފީ އަކާއި ނުލައި އެޤައުމަށް ވަދެވޭ ގޮތަށް ހަދައިފައެވެ.

މިއީ 2015 ވަނަ އަހަރު ވިސާ ޕްރޮގްރާމް ފެށި ފަހުން އެއް ފަހަރާ އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ގެއްލުނު ފަހަރެވެ.

ނެޝަނަލް އިމިގްރޭޝަން އޭޖެންސީ އިން ބުނީ ގެއްލުނު ފަތުރުވެރިންނާއި އެމީހުންގެ ފަހަތުގައި ތިބީ ކޮން ބަޔަކުކަން ތަހުޤީޤުރުކުމަށް ޓާސްކްފޯސް އެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެމީހުން ފެނިއްޖެނަމަ، ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް އެ ސިޓީ އަށް ވަނުން މަނާކުރެވޭނެ ކަމަށްވެސް އެ އޭޖެންސީ އިން ބުނެއެވެ.

ވިއެޓްނާމްގެ ފޮރިން މިނިސްޓްރީ އާއި ހަވާލާދީ އޭއެފްޕީ އިން ރިޕޯޓްކުރާ ގޮތުގައި ފަތުރުވެރިކަމާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް މިކަމުގެ އަސަރު ނުކުރާނެކަން ޔަޤީން ކުރުމަށް މި މައްސަލައާއި ގުޅިގެން ވިއެޓްނާމް އިން ދަނީ ޓައިވާން އާއެކު މަސައްކަތް ކުރަމުން ކަމަށެވެ.