އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަފްޣާނިސްތާންގެ ރިޔާސީ އިންތިޚާބު ފަސްކޮށްފި އެވެ.
އަފްޣާންގެ ރިޔާސީ އިންތިޚާބު ބާއްވަން ފުރަތަމަ ނިންމީ އަންނަ އޭޕްރީލް މަހު ކަމުގައިވިޔަސް، އަންނަ ބުރާސްފަތި ދުވަހު އިންތިޚާބު ބާއްވާނެ އެހެން ތާރީޚެއް އިއުލާން ކުރާނެ އެވެ. ލަފާކުރެވޭ ގޮތުގައި އިންތިޚާބު ދެން އޮންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ މެދުތެރޭގައި ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު އެވެ.
ބީބީސީ އިން ރިޕޯޓްކުރާ ގޮތުގައި އިންތިޚާބު ފަސްކުރަން ޖެހުނީ އިންތިޚާބަށް ކުރިމަތިލީ ގިނަ ކެންޑިޑޭޓުންގެ ޝަރުތު ފުރިހަމަ ނުވާތީ އާއި، މޫސުން ގޯސްވުމުގެ ސަބަބުން ބަހާރު މޫސުމުގައި އިންތިޚާބު ބާއްވަން ޓީމްތަކަށް ތައްޔާރު ނުވެވުމުން ކަމަށެވެ.
އިންތިޚާބު ފަސްކުރަން ނިންމާފައިވާއިރު، މިދިޔަ ހޯމަ ދުވަހު އެޤައުމުގެ ވެރިރަށް ކާބުލްގެ މިނިސްޓްރީ އޮފް ޕަބްލިކް ވާކްސް އަށް ދިން ހަމަލާތަކެއްގައި 43 މީހުން ވަނީ މަރުވެފައެވެ.