އެސްއޯ ފުލުހުން އައްޑޫގައި އަމަލު ކުރަމުންދާ ގޮތާ ދޭތެރޭ އާންމުންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައި ވަނިކޮށް އައްޑޫ ކައުންސިލަރަކަށް ވެސް އެސްްއޯ ފުލުހުންގެ "ނޭއްގާނީ" އަމަލުތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފި އެވެ.
ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ހިތަދޫ ދެކުނުގެ ދާއިރާގެ ކައުންސިލަރު ހުސައިން ފަހުމީ މިއަދު ވަނި އޭނާ އަށް ކުރިމަތިމަވަޑައިގަތް ހާދިސާ އައްޑޫގައި ތިބޭ ނޫސްވެރިންނާ ހިއްސާ ކުރައްވާފަ އެވެ.
ކައުންސިލް އިދާރާގައި މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި ފަހުމީ ވިދާޅުވީ އެސްއޯ ފުލުހުން އޭނާ އާ ދިމާ ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ.
އޭނާ ވިދާޅުވީ ކާރުގައި ދުއްވާފައި ގޮސް މަގުމަތީގައި ތިބި ރައްޓެހިންތަކެއްގެ ކައިރިއަށް މަޑު ކުރަން އުޅެނިކޮށް އެސްްއޯ ފުލުހުން ގޮސް "ބާރު ސްޕީޑްގައި ދުއްވި" ކަމަށް ބުނެ ހުތުރު ބަހުން މުއާމަލާތް ކުރަން ފެށި ކަމަށެވެ.
ފަހުމީ ވިދާޅުވީ އެސްއޯ ފުލުހުން އެގޮތަށް ވިދާޅުވި ނަމަވެސް އެ ރޭ އޭނާ ކާރު ދުއްވީ 20 ކިލޯމީޓަރު ސްޕީޑްގައި ކަމަށެވެ. އަދި ވަޅުގަނޑުތައް ގިނަކަމުން އޭނާ ދުއްވި މަގު އޮތީ ބާރު ސްޕީޑްގައި ދުއްވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްްއޯ ފުލުހުން އޭނާ އާ ދިމާއަށް ސައިޒަށް ކަނޑާލާނަމޭ އަދި ބޭނުން ގޮތަކަށް ފާސްވެސް ކުރެވިދާނެ ކަމަށާއި ބޭނުން ވަނަ ހައްޔަރު ވެސް ކޮށްގެން ގެންދެވިދާނެ ކަމަށް ބުނެ ހަރުކަށި އިބާރާތުން ވާހަކަ ދެއްކި ކަމަށެވެ.
އަދި އެ މީހުންނަކީ މުުޖުތަމުގެ އަމަންކަމަށް މަސައްްކަތް ކުރުމަށް ހުވައެއްކޮށްގެން ތިބި ބައެއް ކަމަށާއި "ޖީ އަކުރު ޖެހި ކާރެއް ލިބިގެން ފޮނިބޮޑުވެން ދުއްވިޔަސް ޗެކް ކުރަން ބޭނުން ވެއްޖެ ނަމަ އެކަން ކުރާނެ ކަމަށް ބުނެ" ޒުވާބު ކުރާ ފާޑަށް އެސްްއޯ ފުލުހުން ވާހަކަ ދެއްކި ކަމަށެވެ.
"އަަޅުގަނޑު ދެންނެވިން އަޅުގަނޑަކީ ވެސް ހުވައެއްކޮށްގެން ރައްޔިތުންނަށް ހިދުމަތް ކުރަން ހުރި ކައުންސިލަރަކީމޭ،" ފަހުމީ ވިދާޅުވި އެވެ. "އަޅުގަނޑު ދެންނެވިން ބޭނުމެއް ނޫނޭ ތިގޮތަށް ޒުވާބް ކުރާކަށް. ދެން އަޅުގަނޑު އެ ރޭ ފުލުހުންގެ ސީނިއާ ބޭފުޅަކަށް ގުޅާފައި އެ ރޭ ވާހަކަ ދެއްކީ."
ފަހުމީ ވިދާޅުވީ އެސްއޯ ފުލުހުންގެ އަމަލުތަކާ ދޭތެރޭ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެސްއޯ ފުލުހުންގެ އަމަލުތައް މިފަދަ ގޮތަކަށް ހުރުމަކީ އެ މީހުންނަށް އާންމުން ކުރާ އިތުބާރާއި އިހުތިރާމް ވެސް ގެއްލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ ފުލުހުންގެ އިސްވެރިންނާ ހަމައަށް ވެސް އެސްއޯ ފުލުހުންނާ ގުޅޭ ޝަކުވާތައް ގެންގޮސްފައި ހުންނާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ފުލުހުންގެ އަތުގައި ބާރެއް އޮތީމާ އެ ބާރު އެސްއޯ ފުލުހުން މިހާރު "މިސްޔޫޒް" ކުރައްވަނީ ކަމަށެވެ.