އިންޑިއާގެ ކާންޕޫރްގައި ގްރޭޑް 11ގައި ކިޔަވަމުންދާ އަންހެން ދަރިވަރަކު ގޭންގްރޭޕްކޮށްފި އެވެ.
އިންޑިއާގެ ނޫހެއް ކަމުގައިވާ "ހިންދުސްތާން ޓައިމްސް" އިން ރިޕޯޓްކުރާ ގޮތުގައި އިންޖިނިއަރިންގ ކިޔަވާ ހަތަރު ދަރިވަރަކު ވެގެން އެ އަންހެން ކުއްޖާ ރޭޕްކުރުމަށްފަހު ވަނީ ކާންޕޫރްގެ ބާބޫޕޫރްވާ ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްލާލާފައެވެ. އަންގާރަ ދުވަހު ހަވީރު ހިނގި މި ހާދިސާގައި އަންހެން ކުއްޖާ އޮތީ ފެނުނުއިރު ހޭނެތިފައެވެ.
އެ އަންހެން ކުއްޖާގެ ބައްޕަ ވަނީ އަނޫރާގް ޔާދަވް އޭނާގެ ތިން ރަހުމަތްތެރިން ކަމުގައިވާ ޖެކީ، ޝުބަމް އަދި އަބީޝޭކް އާއި ދެކޮޅަށް އެފްއައިއާރް އެއް ރިޕޯޓްކޮށްފަ އެވެ. މި ހާދިސާގައި ތުހުމަތުކުރެވޭ ހަތަރު ފިރިހެނުންނަކީ ވެސް އެކި ކޮލެޖްތަކުގައި ބެޗްލަރ އޮފް ޓެކްނޮލޮޖީގެ ކޯސްތައް ކިޔަވަމުންދާ ދަރިވަރުންނެވެ.
ފުލުހުންގެ އޮފިސަރެއް ކަމުގައިވާ ސަންޖީވް ސުމާރް ވިދާޅުވާ ގޮތުގައި ތުހުމަތުކުރެވޭ ހަތަރު މީހުން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، އެމީހުންގެ މައްޗަށް މިހާރު ތަހުޤީޤު ހިންގަމުން އަންނަ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި އެ އަންހެން ކުއްޖާއަކީ ތުހުމަތުކުރެވޭ ހަތަރު މީހުންގެ ތެރެއިން އެކަކު ދަންނަ ކުއްޖެއް ކަމަށެވެ. އަދި އަންގާރަ ދުވަހު ހަވީރު، އާބާ އެޕާޓްމެންޓްގައި ހުންނަ އޭނާގެ ފްލެޓަށް މަކަރުން އެ އަންހެން ކުއްޖާ ގެންދިޔަ ކަމަށްވެސް ފުލުހުން ބުނެއެވެ.