ކުރީގެ ރައީސް ޔާމީނާ ގުޅޭގޮތުން މިހާރު ވަރަށް ގިނަ މިހުން އެކި ޒާތްޒާތުގެ ވާހަކަ ދައްކަމުން ގެންދަވާ ކަމަށާއި، ޚަގީގަތާ ޚިލާފު އެފަދަ ވާހަކަތައް ފަތުރަނީ އެމަނިކުފާނާ މެދު ހަސަދަވެރިވެގެން ކަމަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް މުއާޒު އަލީ ރޭ ޔާމީނާ ގުޅޭގޮތުން ދެއްކެވި ވާހަކަ ޕީޕީއެމުން ރަސްމީކޮށް ދޮގުކޮށްފައިވަނިކޮށް އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުދީ، ކިތަންމެ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރިޔަސް ހަގީގަތް ގަބޫލުކުރާނެ މީހުން އަބަދުވެސް ތިބޭނެ ކަމަށެވެ.
އަދި މިގައުމަށް ޔާމީން ކުރެއްވި ޚިދުމަތްތައް ނުފޮހެވޭނެ ކަމަށާއި ފަނޑުވެސް ކޮށްނުލެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ޓީވީ މުއާ ރޭ ކުއްލި ގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ޔާމީނާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަ ދައްކަވާފައެވެ. ފާއިތުވެދިޔަ ފަސް އަހަރު ޔާމީންގެ ދިފާއުގައި ފަސް ޖެހުމެއް ނެތި މަސައްކަތް ކުރެއްވި މުއާ ވަނީ ރައީސް ޔާމީންގެ ލޯންޗުކޮޅުގައި ބޮން ގޮއްވި މައްސަލައަކީ އެމަނިކުފާނު އަމިއްލައަށް "ކުރުވި" ކަމެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.
އަދި އެކަމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަރީއަ ކުރުމަށް މުއާ މަސައްކަތް ކުރާ ކަމަށް ރޭގެ ވާހަކަތަކުން ބެލެވެއެވެ. ސަބަބަކީ އެމައްސަލަ ރައްދުވީ އަދީބަށް ވެފައި، އެ މައްސަލައާ ގުޅިގެން އަދީބަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވެސް އައިސްފައިވާތީއެވެ.
އަދި މިހާރު އަދީބު ގޭބަންދަށް ބަދަލުކޮށް އޭނާ ޕާޓީއެއް އުފައްދައި ކުރިން އަދީބާއެކު ގާތުން މަސައްކަތް ކުރި ޕީޕީއެމް ބައެއް ފަރާތްތަކުން ވަނީ އަދީބާއި އަލުން ގުޅިފައެވެ. ޔާމީނާ ގުޅޭގޮތުން މުއާ ދެއްކެވި ވާހަކަތަކުން އޭނާވެސް އަދީބާ އަލުން ގުޅެން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.