ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ޖެހިފައިވާ ގްލޮކޯމާ ބައްޔަށް ބައެއް މީހުން ހަޖޫ ޖަހައި ލޮލަށް ގޮވަމުން އަންނާތީ އެކަމާ ގުޅިގެން އަނބިކަނބަލުން މަރިޔަމް ނަޝްވާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ނަޝްވާ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އަދީބު ގޭބަންދަށް ބަދަލުކުރީ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ފަހު ރަނގަޅުވުމަށް ޑޮކްޓަރުން އިރުޝާދު ދިނުމުން ކަމަށެވެ. އަދި ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލޮކޯމާ އަދީބަށް ޖެހިފައިވާތީ އެބައްޔަށް ފަރުވާ ދިނުން އަވަސްކޮށްދިނުމަށް އެދިފައިވެއެވެ.
"އަދީބުގެ ލޮލަށް ގޮވާ، އަދީބުގެ ހަށިގަނޑުގައި މަދީ ސިޔާސީ ޕާޓީއެއް ކަމަށް ބުނެ ކޮމެންޓު ކުރާ ފަރާތްތަކަށް ބުނެލަން އޮތީ ގެޔަށް ބަދަލުކުރީ އޮޕަރޭޝަނެއް ކޮށް ރިކަވަރީއަށް، ގްލޮކޯމާއަށް ފަރުވާ ހޯދަން ޑޮކްޓަރު ބޭރަށް ފުރަން ލަފާ ދެއްވި ހިސާބުން އަމަލު ނުކޮށް ފަރުވާ ވަނީ ހުއްޓާލާފަ"
ކުރީގެ ސަރުކާރުގައި ރާއްޖެއިން ބޭރުން އަދީބަށް ފަރުވާ ދިނުމަށް ޑޮކްޓަރުންނާ ހަވާލާދީ ވަކީލުން އެދުމުން އޭރުގެ ރައީސް ޔާމީން ވަނީ އަދީބު ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެ ކަމަށް ވިދާޅުވެފައެވެ. ބޭރަށް ދެވޭނީ "ޚިޔާނާތުގެ" ފައިސާ ހަވާލުކުރުމުން ކަމަށް ޔާމީން ވިދާޅުވިއެވެ.
ޖަވާބުގައި އަދީބު ވަނީ ހުރިހާ ފައިސާއެއް ޔާމީނާ ހަވާލުކޮށްފައިވާނެ ކަމަށާއި މިހާރު އެ ވީ ތަނެއް އެނގޭނީ ޚުދު އެމަނިކުފާނަށް ކަމަށް ވިދާޅުވެފައެވެ.