އާ އަހަރާއި ދިމާކޮށް 31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުން ފެށިގެން 01 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ ޤައުމީ ބޭންކުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބޭންކް ބަންދުވާނެ ކަމަށާއި، އެހެންކަމުން އެކަމަށް ކަސްޓަމަރުން ސަމާލުވުމަށް އެދޭ ކަމަށެވެ. އެހެންނަމަވެސް، އަންނަ އާދިއްތަ ދުވަހު ބޭންކްގެ ޚިދުމަތްތައް އެހެން ދުވަސްތަކެކޭ ވެސް އެއްގޮތަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލް އިން ބުނީ ބަންދު ދުވަސްތަކުގައި ވެސް ސެލްފް ސަރވިސް އޭޓީއެމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭންކްގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. އަދި ބަންދު ދުވަސްތަކުގައި އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރ ( ފޯން ނަންބަރ: 3330200) ހުޅުވިފައިވާ ހުންނާނެ ކަމަށާއި، ނުވަތަ ފޭސްބުކް އަދި ޓްވިޓާ މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
އާ އަހަރުގެ ޗުއްޓީ އަށްފަހު ބޭންކް އަލުން ހުޅުވާނީ 02 ޖެނުއަރީ 2019 ވާ ބުދަ ދުވަހު ކަމަށް ބީއެމްއެލް އިން ބުނެއެވެ.