2014 ވަނަ އަހަރުގެ އަލް ފަތުޙު އެންޑް އުމްރާ ގްރޫޕްގެ ދަށުން ޙައްޖަށް ދިއުމަށް ފައިސާ ދެއްކި މީހުންގެ ތެރެއިން، ޙައްޖަށް ނުދެވުނު މީހުން، އެ ގްރޫޕާއި ދެކޮޅަށް ދައުވާކުރަން ނިންމައިފި އެވެ.
ލިޓިކާ ލޯ އެސޯސިއޭޝަން (އެލްއެލްއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އަލް ފަތުޙު ޙައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށްޓަކައި އިސްލާމިކް މިނިސްޓްރީ އިން އެކުންފުންޏަށް ދޫކުރި 125 މީހުންގެ ކޯޓާއަށްވުރެ އިތުރަށް އެ އަހަރު ޙައްޖަށް ގެންގޮސްދޭނެކަމަށްބުނެ 72 މީހެއްގެ އަތުން ފައިސާ ނެގުމަށްފަހު، ޙައްޖަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދީފައި ނުވާ ކަމަށެވެ. އަދި އޭގެ ތެރެއިން ވިސާ ހަމަޖެހިފައިވާ 125 މީހުންނަށް ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދެވޭނެ ފުރުސަތު ހަމަޖައްސައިދިން ކަމަށާއި، ނަމަވެސް ފައިސާ ދެއްކި ބާކީ 72 މީހުންނަށް އަމިއްލަ ޚަރަދުގައި 2015 ވަނަ އަހަރު ޙައްޖަށް ދިއުމަށް ސަރުކާރުން ޖާގަ ހޯއްދަވައި ދެއްވި ކަމަށެވެ. އަދި މި 72 މީހުންގެ ތެރެއިން ބައެއް މީހުން އަމިއްލަ ޚަރަދުގައި ޙައްޖަށް ގޮސްފައިވާއިރު، ބައެއް ފަރާތްތަކަށް ފައިސާ ނެތުމުން ޙައްޖަށް ނުދެވިފައިވާ ކަމަށެވެ.
"އިސްވެދެންނެވުމު 72 ފަރާތުގެ ތެރެއިން ބައެއް ފަރާތްތަކުން، އެފަރާތްތަކުން އަލް ފަތުޙު ޙައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް ދެއްކި ފައިސާ ހޯދުމަށް މަދަނީ ދަޢުވާކޮށްދިނުމަށް އެދި މި ލޯ ފާރމްގައި އެދިފައިވާތީ، މި ފައިސާ ޝަރީޢަތުގެ މަރުޙަލާ ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް މި ލޯ ފާރމްއިން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ."، އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން އަލް ފަތުޙު ގްރޫޕަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން އެ ދަޢުވާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކަމާބެހޭ ހުރިހާ ލިޔެކިޔުންތަކަކާއި، ގުޅޭނެ ވައިބަރ ނަންބަރާއެކު އެ ލޯ ފާރމްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވައިދިނުމަށް އެ ފާރމް އިން ވަނީ އެދިފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި މައްސަލައިގައި ޤާނޫނީ އެހީތެރިކަން ހިލޭ ސާބަހަށް ފޯރުކޮށްދިނުމަށް ނިންމާފައިވީ ނަމަވެސް، މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ހިނގާނެ ފޮޓޯކޮޕީއާއި، ޕްރިންޓްކުރުން ފަދަ އިދާރީ ޚަރަދުތަކަށް ކުޑަ ފީއެއް ނަގާނެ ކަމުގައެވެ.