Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ޕީއެންސީ އުފެއްދުމުގެ ހުއްދަ ދިނުމާއެކު ނިހާންގެ މަރުޙަބާ ރައީސް ޔާމީނަށް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދިނުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަށް މަރުޙަބާ ދަންނަވައިފި އެވެ.

ނިހާން، ރައީސް ޔާމީން އަށް މަރުޙަބާ ދަންނަވާފައި ވަނީ ދާދިދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނިހާން ވަނީ ޕީއެންސީގެ ބާނީ، ޔާމީން އަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވައި، އެ ޕާޓީ އުފެއްދުމަށް އީސީ އަށް ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށްވެސް ސެލިއުޓް ކުރައްވާފައެވެ.

އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދެއްވިކަމަށްޓަކައި ނިހާން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް ޝުކުރުދަންނަވާފަ އެވެ.

ޕީއެންސީ އުފެއްދުމުގެ ހުއްދަ އީސީ އިން މިއަދު ދީފައިވާއިރު، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.