Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

އެމްޓީޑީ އީސީގައި ރަޖިސްޓްރީކޮށްދީފި

އެމްޓީޑީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލުކުރަނީ - ފޮޓޯ: ޓްވިޓާ (އެމްޓީޑީ)

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ރަސްމީކޮށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފްތަރުގައި ރަޖިސްޓްރީކޮށް، ރަޖިސްޓްރޭޝަން ސެޓްފިކެޓް މިއަދު ހަވާލުކޮށްފި އެވެ.

އެމްޓީޑީ އިން ވަނީ އެ ޕާޓީ އުފެއްދުމަށް 3،333 މީހުންގެ ސޮއާއެކު މި މަހުގެ 18 ވަނަ ދުވަހު އީސީ އަށް ހުށަހަޅާފައެވެ. އަދި ޕާޓީ އުފައްދަން ބޭނުންވާ ޖަލްސާ ބޭއްވުމުގެ ހުއްދަ މި މަހުގެ 19 ވަނަ ދުވަހު ދީފައިވާއިރު، އެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެވެ. އެ ޖަލްސާގައި ޕާޓީ އިފްތިތާހްކޮށް އިންތިގާލީ ކައުންސިލަށް ވަނީ 11 ބޭފުޅަކު އަންޔަން ކުރައްވާފައެވެ.

އެމްޓީޑީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ދާދި ފަހުން ޕީޕީއެމުން ވަކިވެ އެމްޓީޑީއާ ގުޅުނު ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދުވެސް ހިމެނެއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ހ. ސިލްވަރީން، އިސްމާއިލް އާސިފް އުފެއްދެވި މި ޕާޓީ އަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އެވެ.

އެމްޓީޑީ މިއަދު ރަސްމީކޮށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވާއިރު، އީސީ އިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށްވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މިއަދު ދީފައެވެ.